ރައީސް ނަޝީދު ވޯޓު ލައްވަނީ
ރައީސް ނަޝީދު ވޯޓު ލައްވަނީ
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގައި އެމްޑީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ.

ވޯޓު ލުމަށްފަހު ނިކުމެ ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން އިންތިޒާމްތައް ހަމަޖައްސާފައި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި، ހުރިހާ ބޭފުޅުން ވެސް ވޯޓުލާން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި އިންތިޚާބުގައި އެމްޑީޕީން ހުރިހާ ސިޓީއެއްގެ މޭޔަރުކަން ނަގާނެ ކަމަށާއި، އެމްޑީޕީގެ އެގްޒިޓް ޕޯލް ދައްކާގޮތުން ހުރިހާ ކައުންސިލެއްގެ ފުރިހަމަ އަޣުލަބިއްޔަތު ލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލް އިންތިޚާބު ތަކުގައި ވޯޓު ލުމަށް ޢާއްމުކޮށް ނިކުންނަނީ 68 އިންސައްތަ މީހުން ކަމަށާއި، އެހެންކަމުން ވޯޓުލާން ނިކުންނަ މީހުންގެ ޢަދަދު މަދުވާނެ ކަމަށް ގަބޫލުފުޅު ނުކުރަށްވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ އިންތިހާބުގައި އާއްމުކޮށް ވޯޓުލާ މީހުންގެ އަދަދު މަދު ނަމަވެސް މިފަހަރު އެ އަދަދު ރަނގަޅުވާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވޯޓްލާން ނުދިއުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށާއި، ކޮންމެވެސް އެއް ކެނޑިޑޭޓަކަށް ވޯޓުލައި މި ނިޒާމުގައި އެމީހެއްގެ މަސްއޫލިއްޔަތު ފުރިހަމައަށް އުފުލުމަކީ ޒިންމާދާރު ރައްޔިތަކު ޢަމަލު ކުރާނެ ގޮތްކަމަށެވެ. އަދި ކަންކަން ނިންމުމުގައި ބަސް ބުނެވޭނީ ވޯޓު ދީގެން ކަމަށާއި، ގައުމެއް ބިނާކުރުމުގައި ހިއްސާ ވެވޭނީ ވޯޓު ދީގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ ކަމަށާއި، މި އިންތިޚާބުގައި ވޯޓުލާން ނިކުންނަ މީހުންގެ ޢަދަދު ނިސްބަތުން މަދުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން