އެޗްއާރުސީއެމްގެ މެމްބަރުން
އެޗްއާރުސީއެމްގެ މެމްބަރުން
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްގެ އިންތިޚާބާ ގުޅިގެން އެޗްއާރުސީއެމް އަށް ފަސް މައްސަލައެއް ހުށައަޅައިފި ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅޭގޮތުން ފާހަގަކުރެވޭ ކަންކަމުގެ މަޢުލޫމާތު ހާމަކުރުމަށް އެޗްއާރުސީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރު މޫމިނާ ވަޙީދު ވިދާޅުވީ، މިހާތަނަށް އިންތިޚާބާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށައަޅާފައިވަނީ 5 މައްސަލަ ކަމަށެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ އިންތިޚާބުގައި ކެމްޕޭން ކުރުމަށް އެކަށީގެންވާ މާޙައުލެއް ލިބުނު ކަމަށް ޤަބޫލުކުރެވޭ ކަމަށާއި، ނަމަވެސް އިއްޔެ ހަވީރު 6 ގެ ފަހުން ކެމްޕޭން ކުރުމުގެ ޙަރަކާތްތަކެއް ކުރިއަށް ދިޔަކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެކަމާމެދު ބަލަންޖެހޭ ބެލުންތައް ބަލަމުންގެންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމިޝަނަށް ޖުމްލަ ފަސް މައްސަލަ ހުށައެޅިފައިވާކަން ފާހަގަކޮށް އެކޮމިޝަނުން ބުނީ، އޭގެ ތެރެއިން ތިން މައްސަލާގައި ގޮތްތަކެއް ނިންމާފައިވާ ކަމަށާއި، އަދި ގޮތް ނުނިމޭ ދެ މައްސަލައެއް ބަލަމުންދާ ކަމަށެވެ.

"އެއީ މާލޭ ސިޓީންނާއި، އައްޑޫ ސިޓީން ހުށައެޅިފައިވާ ދެ މައްސަލައެއް. އެމައްސަލަތަކާމެދު ކޮމިޝަނުން މިދަނީ މިހާރު މަޝްވަރާ ކުރަމުން." މޫމިނާ ވިދާޅުވިއެވެ.

އެޗްއާރުސީއެމުން ބުނީ، ކަރަންޓީނުގައި ތިބި މީހުންނާއި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސިފައިވަނީ ލަހުން ކަމަށްވާތީ، އެކަމުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

އިންތިޚާބުގެ ވޯޓުލުން މިހާރު ކުރިއަށް ދާއިރު ވޯޓުލާން ނުކުންނަ މީހުންގެ ޢަދަދު ނިސްބަތުން ދަށް ކަމަށް އީސީން ވަނީ ބުނެފައެވެ. އީސީން ބުނީ މިއަދު މެންދުރުފަހު 13:50 އާ ހަމައަށް އިންތިޚާބުގައި ވޯޓުލާފައިވަނީ 100829 މީހުން ކަމަށެވެ. އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވަނީ 273128 މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން