އަހުމަދު ޝާހް   10 އޭޕްރީލު 2021 - 21:1
ވޯޓުލާ މަރުކަޒެއް ކައިރީގެ ބަޔަކު ޙަރަކާތްތެރިވަނީ (ރަސް ފޮޓޯ: ޝާހް)
ވޯޓުލާ މަރުކަޒެއް ކައިރީގެ ބަޔަކު ޙަރަކާތްތެރިވަނީ (ރަސް ފޮޓޯ: ޝާހް)
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މިހާތަނަށް ވޯޓުލުމުގެ ހައްގުލިބިގެންވާ މީހުންގެ ތެރެއިން ފަންސާސް އިންސައްތަ މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިންތިޚާބުގެ ވޯޓުލުން މިހާރު ކުރިއަށްދާއިރު ވޯޓުލާން ނުކުންނަ މީހުންގެ ޢަދަދު ނިސްބަތުން ދަށް ކަމަށް އީސީން މިއަދު މެންދުރުކުރީގައި ވަނީ ބުނެފައެވެ. އީސީން ބުނީ މިއަދު މެންދުރުފަހު 15:40 އާ ހަމައަށް އިންތިޚާބުގައި ވޯޓުލާފައިވަނީ 138444 މީހުން ކަމަށެވެ. އެއީ 71304 ފިރިހެނުންނާއި، 67139 އަންހެނުން ކަމަށެވެ. އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވަނީ 273128 މީހުންނަށެވެ.

މި އިންތިޚާބުގައި 713 ފޮއްޓެއްގެ ވޯޓުލުން ކުރިއަށް ގެންދާއިރު މިހާތަނަށް 1 ފޮށި ވަނީ ބަންދުކޮށްފައެވެ. އަދި މިހާތަނަށް ވޯޓު ނުލާ މީހުންގެ އިންސައްތައަކީ 49.31 އިންސައްތައެވެ.



އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ ވޯޓުލާން މީހުން ނުކުންނަ ނިސްބަތަށް ބަލާއިރު ވޯޓުގެ ޖުމްލަ ޓާން އޯވަރ އުޅޭނީ 38 އާއި 40 އިންސައްތައާއި ދެމެދުގައި ކަމަށެވެ. ނަމަވެސް ފަހު ވަގުތު ވޯޓުލާން ގިނަ ބަޔަކު ނިކުމެއްޖެނަމަ މި ޢަދަދު އިތުރުވެދާނެ ކަމަށް ޝަރީފް ލަފާކުރެއްވިއެވެ. އެގޮތުން މިހާރު މިވަނީ ފަންސާސް އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާން ނިކުމެފައެވެ.

މިއަދުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ. އޭގެތެރޭގައި ހިމެނެނީ އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މެންބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 178 މެންބަރުންނާއި ރަށު ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑި އަދި ދެ ޖިންސަށް ހާއްސަ 370 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން