އަހުމަދު ޝާހް   10 އޭޕްރީލު 2021 - 23:49
އިންތިޚާބުގައި ވޯޓުލުން ކުރިޔަށްދަނީ
އިންތިޚާބުގައި ވޯޓުލުން ކުރިޔަށްދަނީ
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މިހާތަނަށް 117 ވޯޓުފޮށި ބަންދުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ޢާއްމު ކޮށްފައިވާ މަޢުލޫމާތު ދައްކާގޮތުން މިހާތަނަށް ސަތޭކަސަތާރަ ވޯޓުފޮށި ވަނީ ބަންދުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ބަންދުކޮށްފައިވަނީ ކިއު ބަންދުކުރުމާ ހަމައަށް ކިއޫގައި ތިބި އެންމެން ވޯޓުލާ ނިމުނު ފޮށިތައް ކަމަށެވެ. މި އިންތިޚާބުގައި ޖުމްލަ 713 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.

އިންތިޚާބުގައި ވޯޓުލާން ނުކުންނަ މީހުންގެ ޢަދަދު ނިސްބަތުން ދަށް ކަމަށް އީސީން މިއަދު މެންދުރުކުރީގައި ވަނީ ބުނެފައެވެ. އީސީން ބުނީ މިއަދު އިރުއޮއްސި 18:00 އާ ހަމައަށް އިންތިޚާބުގައި ވޯޓުލާފައިވަނީ 173909 މީހުން ކަމަށެވެ. އެއީ 88010 ފިރިހެނުންނާއި، 85899 އަންހެނުން ކަމަށެވެ. އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވަނީ 273128 މީހުންނަށެވެ.



ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖުމްލަ 3814 ކެންޑިޑޭޓުން ވާދަކުރާއިރު އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށިތަކުގެ އަދަދަކީ 713 ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މިއަދުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން