ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފައިސާ ޗާޕު ކުރުމަށް ނުވަތަ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް މިދިޔަ އަހަރު ދިން ހުއްދަ އެއް އަހަރަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް މިދިޔަ އަހަރު ދިން ހުއްދަ އެއް އަހަރަށް އިތުރު ކުރުމަށް މަޖިލީހުގެ ވަގުތީ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. މި ނިންމުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި ހުށައެޅުން ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 4 މެންބަރެކެވެ.

މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުން އެކުލަވާލި ވަގުތީ ކޮމިޓީން ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެމްއެމްއޭގެ އިސް ބޭފުޅުންގެ އިތުރުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ކޮމެޓީއަށް ހާޒިރުކޮށް މަޝްވަރާކޮށްފައެވެ.

ދަރަނި ނެގުމާއި ހައްދެއް ނެތި އެމްއެމްއޭއިން އޯވަޑްރޯ ކުުރުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިން އޮންނަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން ސަރުކާރުން މިދިޔަ އަހަރު ވަނީ އެ މާއްދާތައް ސަސްޕެންޑްކޮށް، 4.4 ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ހޯދުމަށް ހުށައަޅާފައެވެ. އެ ހުއްދަ މަޖިލީހުން އޭރު ވަނީ އެއްއަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދީފައެވެ. އެ މުއްދަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ހުއްދައިގެ މުއްދަތު އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައަޅާފައިވަނީ މުއްދަތު ހަމަވާން ކައިރިވިއިރު ވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅު ނުވާކަމަށް ބުނެ އެވެ. މިދިޔަ އަހަރު 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓް ފެސިލިޓީއެއްގެ ހުއްދަ ދީފައިވާއިރު މިހާތަނަށް 3.8 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ޗާޕުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން