މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް
މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް
ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމަށް އުފެއްދި އެގްރޯ ކުންފުނީގެ މަޤްސަދު ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މި މޭރުމުން ވިދާޅުވެފައި ވަނީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ތިން ރަށެއް އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން ވަނީ ހއ. މުލިދޫ، ލ. ގާދޫ އަދި ގދ. ގަން އެ ކުންފުންޏަށް ކުއްޔަށް ދިނުމަށް ނިންމާފައެވެ. އެ ތިން ރަށުން ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދިގު މުއްދަތަށް ބިން ދޫކުރާނެ ކަމަށް އެގްރޯ ކުންފުނިން ވަނީ ބުނެފައެވެ.

މެމްބަރު އާޒިމް ވިދާޅުވީ، އެގްރޯ ކުންފުނި އުފެއްދި މަޤްސަދަކީ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓް ކުރުމުގައި އެހީތެރިވެދިނުން ކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ އެ ކުންފުނިން ދަނޑުވެރިންގެ މަސައްކަތުގެ ތެރެއަށް ވަންނަމުންދާ މަންޒަރުކަމަށް އާޒިމް ވިދާޅުވިއެވެ.

"މިފްކޯ އިންވެސް މަސްވެރިކަން ކުރާކަށް ނޫޅޭ ނޫންތޯ؟" އިޤްތިޞާދީ ވަޒީރު ފައްޔާޒް ޓެގް ކުރަށްވައި ކުރެއްވި ޓްވީޓްގައި އާޒިމް ވިދާޅުވިއެވެ.

ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ގޮތަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ ދަނޑުވެރިންގެ މަސައްކަތްތަކަށް ފަސޭހަކޮށްދީ ދަނޑުވެރިން ކުރާ މަސައްކަތާއި އެއްވަރުގެ އާމްދަނީއެއް ހޯދައިދިނުމުގެ ބޭނުމުގަ އެވެ.

އެ ކުންފުނިން މިހާރު ދަނީ އެ ކުންފުންޏަށް އަލަށް ދޫކުރި ރަށްތަކުގައި ޓެކްނޮލޮޖީއާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ އާ ކޮންސެޕްޓަކަށް ދަނޑުވެރިކަމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ޕްލޭންތައް ހަދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން