ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު
ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު
ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްފައިވާ މައްސަލަ އޭނާގެ ޣައިރު ޙާޟިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުންވެސް ނިންމައިފިއެވެ.

މަސައްކަތުގެ މާޙައުލުގައި ހިންގައިގެން ނުވާނެ ޢަމަލުތަކެއް ހިންގައި، މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައި ވަނިކޮށް ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އޭނާގެ ޕާސްޕޯޓް ދޫކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރުމަށް ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ތާޢީދު ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ދަޢުލަތުން ބުނެފައިވަނީ އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެހެއް ނޭނގޭ ކަމަށާއި، ނަމަވެސް އޭނާ އުޅޭ ގައުމެއް ހޯދުމުގެ މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސް ދިނުމަށް ދަޢުލަތުން އެދިފަ އެވެ. އެހެން ނަމަވެސް ޖިނާއީ މައްސަލަތައް ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމްކޯޓުން ނިންމާފައިވާ ނިންމުން އެކޯޓުން މިއަދުވެސް ވަނީ ދަމަހައްޓާފައެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ދައުވާތަކެއް ކޮށްފައިވާ ކަން އެނގިވަޑައިގެން ހުންނަވާ، އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަތީ އޭނާއާ ގުޅޭނެ އެއްވެސް މައުލޫމާތެއް ނުދީ ކަމަށެވެ. އަދި އޭނާގެ މައްސަލަ އަށް ޖާމިނުވެފައިވާ ބޭފުޅާ އަށް ވެސް އެ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަން ވެސް ދައުލަތުން ފާހަގަކޮށްފައިވެ އެވެ. ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމުން އޭނާވަނީ ފުރައިގެން ރާއްޖެއިން ބޭރަށް ގޮސްފައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން