ދަޢުލަތުގެ ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތު
ދަޢުލަތުގެ ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތު
ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ޤާބިލްކަން ހުރި މީހުން ބަންދުގައި ބޭތިއްބުމަށް ޤާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވުމާއި ގުޅިގެން، އެކަން އޮޅުންފިލުވުމަށް ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ދިނުމަށް އެދިއްޖެއެވެ.

މިމަހުގެ 24 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ހަރުކަށި ފިކުރުގެ 14 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އައްޑޫން ހައްޔަރުކުރި އެކަކުގެ މުއްދަތު އިތުރުނުކުރެވި ދޫކޮށްލާފައިވާ ކަމަށާއި، ޤާނޫނު އޮތްގޮތުން އިތުރު މީހުން ދޫވުމުގެ ފުރުސަތުވެސް މިހާރު އޮތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމްގެ ތުހުމަތުގެ މީހުން ޖަލުތަކުގައި ބަންދު ކުރުމަށް ގާނޫނީ ހުރަސްތަކެއް އެބަހުރި ކަމަށާއި، އެކަންކަމަށް ޙައްލެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަންކަން އޮޅުން ފިލުވުމަށް ބަންޑާރަނާއިބު މަޖިލީހަށް ޙާޟިރުކޮށްދިނުމަށް އެދިވަޑައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

މީގެ ކުރިން ފުލުހުން ވަނީ، ހަރުކަށި ފިކުރު ފަތުރާކަމަށް ތުހުމަތުކުރާ އިސްމީހަކު މާލެއިން ހައްޔަރުކޮށްފައެވެ. އަދި ހުޅުމާލެއިންނާއި، ބ. ދަރަވަންދޫގައި އޮޕަރޭޝަނެއް ހިންގައި އެރަށްރަށުންވެސް ދެ މީހަކު ހައްޔަރު ކޮށްފައިވެއެވެ. މީގެއިތުރުން އައްޑޫ ސިޓީގައި ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ހުޅުމާލެއިންވެސް 4 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތުވެސް ކޯޓުންވަނީ އިތުރުކޮށްދީފައެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު ސަލާމަތީ ބާރުތަކުގެ އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަލަމާތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. ރައީސް ނަޝީދަށް ޙަމަލާދިން މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 4 މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

އަބްދޫ

04-Jun-2021

ގާނޫނުއަސަސީ އިސްލާހުކޮށް މަޖިލީހުގެ މެމްބަރުންވެސް ހައްޔަރު ކުރެވޭގޮތަށް އަދި ފުލުހުން ގެ ތަހުގީގު ބަޔާނަކީވެސް ސަރީއަތުން ބަލާ ހެއްކަކަށްހަދާ ހެއްކާއިބެހޭގޮތުން ގާނޫނުއަސަސީގަ އޮތް ގޮތަތައް ބަދަލުކޮށް ފުލުހުންނަށް ހެކިހޯދުމަށް ބާރުދީހަދައިގެންމެނުވީ މިގައުމުން ކުށްކުރާމީހުން ނުހުއްޓުވޭނެ.



ޓްރެންޑިން