ސްކޫލެއްގައި ދަރިވަރުން ތަޢުލީމް ޙާސިލް ކުރަނީ
ސްކޫލެއްގައި ދަރިވަރުން ތަޢުލީމް ޙާސިލް ކުރަނީ
މިއަހަރުގެ އެޗްއެސްސީ އިމްތިޙާނު ތާވަލާ އެއްގޮތަށް އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޗްއީއޯސީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، އެޗްއެސްސީ އިމްތިހާނު ކުރިންވެސް ތާވަލުކޮށްފައިވާ ގޮތަށް ޖޫން މަހުގެ 13 އިން 17 އަށް އޮންނާނެ ކަމަށެވެ. އަދި އެއީ ދަރިވަރުންނަށް މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން މިއަހަރުގެ ދެވަނަ ޓާރމްގެ ކިޔެވުމާއި އިމްތިހާނުތައްނިމި ޖޫން 24 ގައި ސުކޫލުތައް ބަންދުވާނެ ކަމަށާއި، އަންނަ ދިރާސީ އަހަރަށް ރަށްރަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަލަށް ސްކޫލަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުން ވެސް މިހާރު ސްކޫލްތަކުގައި ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިހުސާން ވިދާޅުވީ، ސުކޫލު ތަކުގައި ކުރިއަށްދާ އޯލެވެލްއާއި އޭލެވެލް އިމްތިހާނުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް ދާކަމަށާއި، މިކަންކަމުގައި ރަށްރަށުގައި ގާއިމް ކުރެވިފައިވާ ޓާސްކްފޯސްތަކާއި، ރަށްރަށުގެ ސިއްޙީ އިދާރާތަކާއި، ފުލުހުންހެ އެހީތެރިކަން ވެސް ލިބެމުންދާ ކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ބާއްވަން އުޅުނު ޖީސީއެސްއީއާއި އޭލެވެލް އިމްތިހާން އިނގިރޭސިވިލާތުން ކެންސަލްކުރުމާއެކު، ރާއްޖެއިން ވަނީ އެ ދެ އިމްތިހާނު މިއަހަރުގެ މެއި، ޖޫންއަށް ފަސްކޮށްފައެވެ. ނަމަވެސް އިމްތިޙާނުގެ ޕޭޕަރުތައް ލީކުވެ ރާއްޖެއިން ވަނީ އިމްތިޙާން ހުއްޓާލާފައެވެ.

ކޯވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން