އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމްކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމަވާނީ ވަރަށް ރަނގަޅަށް ވިސްނެވުމަށްފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމުގައި ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމްކުރުމާއި މެދު ކަންބޮޑުވުން ފާޅުކުރައްވަމުންގެންދަވާ ޕްރޮފެސަރ އުގައިލް ވިދާޅުވީ ކޮންސިއުލޭޓް އޮފީހެއް ޤާއިމްކުރުމާއި ގުޅޭގޮތުން ރައީސް ޞާލިހާ ވާހަކަ ދެކެވިފައިވާކަމަށެވެ. އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ޤާއިމްކުރުމާއިމެދު ގޮތެއް ނިންމަވާނީ ވަރަށް ރަނގަޅަށް އެކަމާއިމެދު ވިސްނާވަޑައިގެން މަޝްވަރާ ކުރެއްވުމަށްފަހުކަމުގެ ޔަޤީންކަން ރައީސް ޞާލިހު ދެއްވާފައިވާކަމަށް އުގައިލް ވިދާޅުވިއެވެ.

އުގައިލް ވަނީ އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ މައްސަލައިގައި ރައީސް ޞާލިހް، ރައްޔިތުންގެ ބަސް އައްސަވާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.





އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި ޤާއިމްކުރުމަށް އިންޑިއާގެ ކެބިނެޓުން ނިންމުމާއެކު އައްޑޫ ސިޓީގެ ގިނަ ރައްޔިތުންތަކެއް އަންނަނީ އެކަމުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެތެރޭގައި ޕްރޮފެސަރ އުގައިލްގެ އިތުރުން، އައްޑޫއަށް ނިސްބަތްވާ ސިޔާސީ ބޭފުޅުންނާއި އިލްމީ ބޭފުޅުންނާއި، ދީނީ ބޭފުޅުންގެ އިތުރުން ވިޔަފާރިވެރިންވެސް ހިމެނެއެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމު ކުރުމަށް ތާއީދު ކުރަށްވައި އެކަމަށް ވަކާލާތު ކުރަށްވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ ރައީސާއި އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އެބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މި ކޮންސިއުލޭޓްގެ ސަބަބުން އައްޑޫއަށް ވިޔަފާރީގެ ގޮތުން ވެސް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށެވެ. މީގެސަބަބުން އައްޑޫއާއި އެސަރަހައްދު ތަރައްގީވެ ރައްޔިތުންނަށް ލާބައާއި މަންފާތަކެއް ކުރާނެ ކަމަށާއި މީގެ ސަބަބުން ބައިނަލްއަޤްވާމީ ސީދާ ވައިގެ ދަތުރުތައް ވެސް އައްޑޫ ސިޓީއަށް ފެށޭނެ ކަމަށެވެ.

މިމައުޟޫގައި ވާހަކަ ދައްކަވަމުން ޕްރޮފެސަރ އުގައިލު ކުރިން ވިދާޅުވެފައިވަނީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވައިގެން ލިބޭނެ ފައިދާއެއް އަދި އެކަމުން އައްޑޫގެ ވިޔަފާރިތަކަށް އަންނާނެ ކުރިއެރުމެއް، އައްޑޫ ރައްޔިތުންނަށް ލިބޭނެ ފަސޭހައެއް، ފައިދާއެއް، އައްޑޫގެ ޒުވާނުންނަށް ފަހިވެގެންދާނެ ކަމަށް ބުނާ ވަޒީފާގެ ފުރުސަތު ތަކުގެ ތަފުސީލު މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އައްޑޫގައި 200 މިލިއަން ޑޮލަރުގެ މަޝްރޫޢު އިންޑިއާގެ ލޯނު އެހީގައި ހިންގުމަކީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވަން ޖެހޭ ސަބަބެއް ނޫން ކަމަށްވެސް އުގައިލް ވިދާޅުވެފައި ވެއެވެ. މީގެއިތުރުން އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ހުޅުވުމުގެ ފައިދާއާއި އެއޮފީސް ހުޅުވައިގެން ކުރަން އުޅެނީ ކޮންކަމެއްކަން އައްޑޫގެ ރައްޔިތުންނަށް ބުނެދޭން ޖެހޭނެ ކަމަށް ވެސް އުގައިލް ވިދާޅުވެފައި ވެއެވެ. ގައުމެއްގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަކީ އާދައިގެ ކަމެއް ނޫންކަމަށާއި އެއީ ބޭނުންވީމާ އެހާފަސާހައިން ބަންދުކުރެވޭނެވެސް ތަނެއް ނޫން ކަމަށް އުގައިލް ވިދާޅުވެފައި ވެއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމްކުރުމަށް އިންޑިއާއިން ނިންމިޔަސް، ދިވެހި ސަރުކާރުން މިހާތަނަށް އެކަމުގައި ވަކި ގޮތެއް ނުނިންމަވައެވެ. ނަމަވެސް ރައީސް ޞާލިހު ވިދާޅުވެފައިވަނީ އެކަމުގައި އިންޑިއާއާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން