މިއީ ހިންދީ ބަހުން ޑަބް ކޮށްފައިވާ ތަމަޅަ ފިލްމެއްގައި ސިފައިންގެ އިސްވެރިއަކު ބައްދަލު ވުމެއްގައި ބައިވެރިންނާ ކޮށްލާ ސުވާލެކެވެ. މިސުވާލު ކުރުމުން ލިބުނު ޖަވާބާއި ރާއްޖޭގެ މިހާރުގެ ހާލަތާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް އެބައޮތް ކަމަށް ފާހަގަ ކުރެވުނެވެ. ޖަވާބުން އެނގިގެން ދިޔައީ އެމީހުން އެދައްކަނީ ބަޑިޖަހާ ބޮން އަޅައިގެން ކުރާ ހަނގުރާމައެއްގެ ވާހަކައެއް ނޫންކަމެވެ. ތަނެއް ހިފަން ބަޑިއާއި ބޮން ބޭނުން ކުރާ ވާހަކައެއްވެސް ނޫނެވެ.

"އިގްތިސާދަށް އަންނަ ލޮޅުމެއް. ވިސްނާ ވަރަށް މުއްސަނދިއަކު ގައުމަށް އައީ. މީނަ ދައްކަނީ މުޅިންވެސް އިގްތިސާދީ ތަރައްގީގެ ވާހަކަ. އެކަން ކުރެވޭނެ މޮޅެތި ގޮތްގޮތުގެ ވާހަކަ. ވޯލްޑްބޭންކުން ކްރޯޑް ކްރޯޑުން ލޯނު ލިބޭނެ މަގު ފަހި ކުރަން. ދުވަހަކުވެސް އަދާ ނުކުރެވޭ ވަރަށް ލޯނު ލިބޭނެ. ލޯނު ނަގަމުން ނަގަމުން ގޮސް މުޅި ގައުމު ދަރާނެ. އެލޯނުތައް ދެއްކޭނެ ހުރިހާ މަގެއް ބަންދުވާ ހިސާބުން އެމީހުންގެ މިޝަން ފެއްޓޭނީ. އެހިސާބުން މިއަންނަނީ އެހީވުމަށް އެކުވެރި ގައުމެއް. ލޯނުތަކަށް ފައިސާ ދައްކަން އެގައުމުން ފައިސާދޭނެ."

"ދަރާފައިވާ ދަރަނި ދެއްކޭނެ ގޮތް ހޯދާދިން ގައުމުން އެދޭނީ އެމީހުންގެ ބޭސްއެއް ގާއިމު ކުރަން. އެކަން ކުރަން މަޖުބޫރުވާނެ. އެގައުމުގެ ގިނަ އުފެއްދުންތައް މިތަނުގައި އުފައްދަން ފަށާނެ. ރައްޔިތުން އަތުން ނަގާ ޓެކްސް އެތައް ގުނައެއް އިތުރުވެގެން ދާނެ. ޒުވާނުންގެ ހާލު ގޯހުން ގޯހަށް ހިގައިދާނެ. އެހިސާބުން އުފެދޭނީ ފޭރޭ މީހުންނާއި ޓެރަރިސްޓުން. ގޯހުން ގޯހަށް ކަންތައް ގޮސް ދެން ހަތިޔާރުގެ ވިޔަފާރި ފެށޭނެ. އެހިސާބުން އަނެއްކާވެސް މިނިވަންކަން ގެއްލި އަޅުންގެ ގޮތުގައި ރައްޔިތުން އުޅޭ ހިސާބަށް ދާނެ. އަންނަން އޮތް ހުރިހާ ޖީލެއްވެސް ދެން އުޅޭނީ އެމީހުންނަށް ގުލާނު ކޮށްދިނުމަށް. މާބޮޑު ހަނގުރާމައެއް ނުކޮށް އެހިސާބުން އެއްކަލަ އެހީވި ގައުމުން މުޅި ގައުމުގެ ވެރިކަން ކުރާނީ. ހަގުރާމައެއް ބޯމަތި ވެއްޖެ ނަމަ ދެންވާނީ މިހެން." މިއީ އެފިލްމުގައި ދެކެވުނު ވާހަކައިގެ ކޮންމެވެސް ވަރެއްގެ ދޭހައެކެވެ.

މިއީ މިހާރުގެ ރާއްޖޭގެ ހާލަތު ކަމަށް ބައެއް ބޭފުޅުން ގަބޫލު ކުރެއެވެ. ގައުމުގެ ރައްޔިތުން ބޭނުންވަނީ ޒަމާނީ ތަރައްގީއާއި އިގްތިސާދީ ކުރިއެރުމާއެކު ފުދުން ތެރި ކަމެވެ. އެކުވެރި ރަހުމަތްތެރި އިންޑިއާގެ ބޭންކުތަކުން ހެސްކިޔާފަ ތަރައްގީގެ މަޝްރޫޢުތަކަށް ފަސޭހަ ކަމާއިއެކު ލޯނު އެދަނީ ލިބެމުންނެވެ. ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަދޭންވެސް ލޯނު ފަސޭހައިން ލިބޭނެ އިންތިޒާމުވަނީ ހަމަ ޖެހިފައެވެ. އިންޑިއާ ސަރުކާރުން މިކަމުގައި އެހީވަނީ ބޮޑު ބޭބެއެއްގެ ޙައިސިއްޔަތުން ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ.

ބްރިޖް އެޅުމާއި އަދި މަގުތަކާއި ބިން ހިއްކުމަށްވެސް މިލިއަނުން މިލިއަނުން ފަސޭހަ ކަމާއެކު ލޯނު ލިބޭނެ އިންތިޒާމު މިއޮތީ މަގު ފަހިވެފައެވެ. ގިނަކަންކަން ފެށުމުގެ ވަގުތު އައިސް ބޯމަތި ވެއްޖެއެވެ. ބައެއް ކަންކަން ފެށިގެން ހަމަ ބާރަށް ކުރިއަށް ދަނީއެވެ. ފައިސާއާއި ބެހޭ ވުޒާރާގެ އިސްވެރިޔާ ރައްޔިތުންނަށް މިއަންގައި ދެނީ ލޯނު ނެގިކަމުގައި ވިޔަސްވެސް ދަރަނި ވެރި ނުވާނެ ކަމަށެވެ. އެމަނިކުފާނަށް އިރުޝާދު ދީ ލަފާއެރުވުމަށް މިހާރު އިންޑިއާގެ މާހިރަކުވެސް ހަމަޖައްސައިފިއެވެ.

އިންޑިއާގެ ބޭންކުތަކުންނާއި އަދި އެހެން ގައުމު ތަކުން ނަގާފައިވާ ލޯނު ދައްކައި ދޭނެކަމުގެ ވަޢުދުވެސް އިންޑިއާއިން ވެއްޖެއެވެ. އެހެން ހުރިހާ ގައުމުތަކުން ނަގާފައިވާ ލޯނުތަކަށްވުރެ އިންޑިއާއިން އެކަނި ނަގަން އުޅޭ ލޯނު ތަކުގެ އަދަދު އެތައް ގުނައެއް ބޮޑެވެ. އެކަންކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އަންނަނީ ވިދާޅު ވަމުންނެވެ. ބައެއް މަޝްރޫޢުތައް އިންޑިއާ ކުންފުނި ތަކާއި ހަވާލުކޮށްގެން ކުރިއަށްވެސް އެބަދެއެވެ.

މިހާރު ރާއްޖޭގެ ހާލަތަކީ ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ރާއްޖޭގެ މުއައްސަސާއަކުން އިޢުލާން ނުކުރަނީސް އިންޑިއާގެ އެމްބަސީއިން އިޢުލާން ކުރާހާލަތެވެ. އައްޑޫ ސިޓީގެ ތަރައްގީއަށް ކަމަށް ބުނެ މިލިއަނުން ލޯނު ސަރުކާރަށް ނަގައިފިއެވެ. އެހެނަސް އަދި އަމަލީ މަސައްކަތް ނުފެށެއެވެ. މަސައްކަތް ފެށުމުގެ ކުރިން އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމު ކުރުމަށް އިންޑިއާއިން އިއުލާން ކޮށްފިއެވެ. އަދި އެކަމާ ދެކޮޅު ހެދޭނެ ޖާގައެއްވެސް ނެތްވާހަކަ ވަރަށް ހާމަކަން ބޮޑުކޮށް އިންޑިއާއިން ބުނެފިއެވެ. އެކަމަށް އައްޑޫ ސިޓީގެ ހުރިހާ މަޖިލިސް މެމްބަރުނާއި އަދި ސިޓީގެ މޭޔަރުގެ "އާޝިރުވާދު" ވަނީ އިންޑިއާއަށް ލިބިފައެވެ. އެހުރިހާ ބޭފުޅުންނަކީ އިއްތިފާގުން ސަރުކާރު ހިންގާ ޕާޓީގެ ބޭފުޅުންނެވެ. އެހެން ކަމުން ކޮންސިއުލޭޓް އައްޑޫ ސިޓީގައި ގާއިމު ނުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަން ކުރާނެއެވެ. އެއީ އެއްކަލަ ފިލްމުގައި އެބުނާ ބޭސް ކަމަށް ވެދާނެއެވެ. މިހާރުވެސް އިންޑިއާގެ މިލަޓަރީ ސިފައިން ހެލިކޮޕްޓަރ އޮޕަރޭޓް ކުރުމުގެ ނަމުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި އެބަ އުޅެއެވެ. އެންމެ ގިނަ މިލިޓަރީ މީހުން ތިބި ސަރަހައްދަކީވެސް އައްޑޫއެވެ.

ސަރުކާރުގެ އިސްވެރިންނާއި އައްޑޫ ތަމްސީލުކުރާ މަޖިލީސް މެމްބަރުންނާއި އަދި އައްޑޫ ސިޓީ މޭޔަރު ވިދާޅުވަނީ ކޮންސިއުލޭޓަކީ އައްޑޫ ސިޓީގެ ތަރައްގީ ކަމަށެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމު ތަކުގެ އެހީގައި ތަރައްގީގެ މަޝްރޫއެއް ހިންގާނަމަ އެގަމުކަމުން މިހާތަނަށް ގާއިމު ކުރަނީ، އެކުރާ މަސައްކަތެއް ކުރުމަށް ޕްރޮޖެކްޓް އޮފީހެކެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ގަބޫލުކުރެވެނީ ކޮންސިއުލޭޓެއް ނެތި އެވަރުގެ ތަރައްގީގެ މަޝްރޫއެއް ނުހިންގޭނެ ކަމަށެވެ.

ދުވާލު އަލިކަން ސާފުކޮށް ފެންނަ ފައިދައިން މިފެންނަނީ އިންޑިއާގެ ބާރު ރާއްޖެއަށް ގަދަ ވަމުން އަންނަ މަންޒަރެވެ. ދެން އެކަން ހުއްޓުވޭނެ ހަމަ އެއްގޮތެއްވެސް އޮންނާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ އެކަމަށް ތާއީދުކުރާ ދިވެހިން މަދު ނޫންވީމައެވެ. އަދި ޚާއްސަކޮށް މުޅި ދިވެހި ދައުލަތް އޮތީ އެކަމަށް އަތުކުރި އޮޅާލައިގެންނެވެ. ރައްޔިތުންގެ މުސްތަގުބަލާއި މެދު ވިސްނާ ބަޔަކު ތިބިހިނެއް ހީނުވާ ހިސާބަށް ކަންކަން އެބަ ފެންނަކަމަށް ޢިލްމީ ބައެއް ބޭފުޅުން ހަރުއަޑުން އެބަ ބުނެއެވެ. އެބޭފުޅުން ބުނާހެން މިއީ ތޯތޯ ވާހަކަ އެއްނޫނެވެ. އަދި ފިލްމެއްވެސް ނޫނެވެ. ލޯކުރިމަތިން ފެންނަ މަންޒަރު ތަކެވެ.

ވަޒީފާނެތި ނުވަތަ ނުލިބިގެން އުޅޭ ޒުވާނުން އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުންނެވެ. ބޮންވެސް ގޮއްވައިފިއެވެ. ފިލައިގެން ތިބެ ބައެއް ދިވެހިން ބޮންހަދާ އަދި ޓެރަރިޒަމްގެ ހަރަކާތްތައް ރާވަމުން އަންނަކަމަށް މުއައްސަސާތަކުން އެބަ ވިދާޅުވެ އެވެ. ކަން މިދަނީ ފިލްމުގައި ވާގޮތަށް ނޫންތޯއެވެ؟ އިހްސާސް ކުރެވެނީ ބިރުވެރި ކަމެވެ. ނާމާން ކަމެވެ. އަނެއްކާވެސް އަނދިރި އަނދިރިންގެ ޒަމާން އަންނަނީ ނޫންބާއެވެ؟ އިހުޒަމާނުއްސުރެން އިވޭ ހަރުބަހެއް އޮވެއެވެ. "އިހަށް ނުވި ރައްކަލެއް ފަހަކަށްވެސް ނުވާނެ" އެވެ. ވަގުތު ފާއިތު ނުވަނީސް ރައްކާތެރިކަން ހޯދާށެވެ. މިފިލްމް ބަލަން ފުދޭވަރަކަށް މީހުން ވަދެ އެބަތިއްބެވެ. ފިލްމް "ސަޅި" ކަމަށް ނިންމާނީ މިދެންނެވި މީހުން ބަލާފައެވެ. ފިލްމް ކަޑައިއްޔާ ވާނީ ހަމަ ފްލޮޕަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން