ފިލްމުތަކަށް ތައްޔާރުވުމުގެ އިތުރުން އަމިއްލަ ހަށިގަނޑު އަބަދުވެސް ރީތިކޮށް، ސިއްހަތު ރަނގަޅުކޮށް، ފިޓުކޮށް ބެހެއްޓުމަށް މަސައްކަތްކުރުމަކީ ގިނަ ފިލްމީތަރިން ލޯބިކުރާ ކަމެކެވެ.

މިގޮތުން ބޮލީވުޑްގެ ކާމިޔާބު ތަރި ދީޕިކާ ޕަޑޫކޯން އަކީވެސް ކަސްރަތުކޮށް ހަށިގަނޑު ރީތިކޮށް، ސިއްހަތު ރަނގަޅުކޮށް، ފިޓުކޮށް ބެހެއްޓުމަށް މަސައްކަތްކުރާ ތަރިއެކޭ ބުނުމަކީ ގޯހަކަށް ނުވާނެކަމަށް އޭނާގެ ފޭނުން ގަބޫލު ކުރާނެއެވެ. އަދި ހާއްސަގޮތެއްގައި ދީޕިކާއަކީ ފިލްމަކަށް ތައްޔާރުވުމަށް ހަށިގަނޑު ތައްޔާރުކުރަންވެސް ވަރަށްބޮޑު ސަމާލުކަމެއް ދޭ ތަރިއެކެވެ.

މިގޮތުން މިހާރު ދީޕިކާ ކުޅެމުންދާ ހިންދީ ފިލްމު "ޕަތަން"ގައި އޭނާ ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ކަސްރަތުކުރުމަށް ހަފްތާގެ ހަދުވަހު، ދުވާލަކު ދޮޅު ގަޑިއިރު ހޭދަކުރާކަމަށް ޕަތަން ފިލްމުގެ ޓީމުން ހާމަކޮށްފައިވެއެވެ. އަދި ދީޕިކާ އަކީ އެއްފިލްމަށްވުރެ ގިނަފިލްމުގެ މަސައްކަތުގައި އެއްފަހަރާ ހަރަކާތްތެރިވާ ތަރިއެއްވިޔަސް، ކިތަންމެ ބުރަކޮށް އުޅެމުންވެސް ޕަތަން އަށް ތައްޔާރުވުމުގެ ގޮތުން ކަސްރަތު ކުރުން ދޫކޮށްނުލާކަމަށްވެސް ޕަތަން ފިލްމުގެ ޓީމުން ހާމަކޮށްފައިވެއެވެ.

ނަމަވެސް މިފަހަކުން ކޮވިޑް ބަލި ޖެހި ރަނގަޅުވެފައިވުމުން، ފިލްމުގެ ޓްރެއިންނިން ދުވަސްވަރު ބޮޑެތި ގޮންޖެހުންތަކެއް ދީޕިކާ އަށް ކުރިމަތިވެފައިވާކަމަށްވެއެވެ. އަދި މިގޮންޖެހުންތަކުން އަރައިގަނެ، ފިޒިކަލީ އަދި ނަފްސާނީގޮތުން، ސިއްހަތު ރަނގަޅުކޮށް ފިޓުވުމަށް ދީޕިކާ ވަރަށް މަސައްކަތްކުރަމުންދާކަމަށް ޕަތަން ފިލްމުގެ ޓީމުން ހާމަކޮށްފައިވެއެވެ.

ހިންދީ ފިލްމު ޕަތަންގައި ދީޕިކާ ފެނިގެންދާނީ ޝާހްރުކް ޚާން، ޖޯން އަބްރަހަމް، އަދި ޑިމްޕަލް ކަޕާޑިއާ އާއިއެކުއެވެ. މިއެކްޝަން ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން