ޒަހީނުއްދީން ސަޢީދު   28 ސެޕްޓެމްބަރު 2021 - 2:1
އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ތަމްރީނު ހަދަމުން ދަނިކޮށް ކުއްލިގޮތަކަށް ނިޔާވި ގައުމީ ދިފާޢީ ބާރު, އެމްއެންޑީއެފުގެ ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން އިބްރާހީމްގެ ޖަނާޒާ އަސްކަރީ ޢިއްޒަތުގައި ބާއްވައިފިއެވެ.

އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ތަމްރީނު ހަރަކާތެއްގައި އުޅެނިކޮށް ނިޔާވި މުހައްމަދު ސުލްތާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އުމުރުން 22 އަހަރުގެ މުހައްމަދު ސުލްތާން އިބްރާހީމްގެ ހަށިގަނޑު އާސަހަރާއަށް ގެންގޮސް އަސުރުވަގުތުން ފެށިގެން މޫނުދެއްކުން ކުރިއަށްގެންދިޔައިރު އެތައްބަޔަކުވަނީ މަރުޙޫމްގެ މޫނު ދެކިލުމަށް އާސަހަރާއަށް ޒިޔާރަތްކޮށްފައެެވެ. އޭގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ އެކި ރޭންކުތަކުގެ އޮފިސަރުންނާއި އެންމެ މަތީ އޮފިސަރުންގެ އިތުރުން، އާއިލާއާއި އާންމުންގެއެތައްބަޔަކު އާ ސަހަރާއަށް ޒިޔާރަތްކޮށް ސުލްތާންގެ މޫނު ދެކިލުމަށާއި ކަށުނަމާދުގައި ވަނީ ބައިވެރިވެފައެވެ.

މަޣުރިބު ނަމާދަށްފަހު އާސަހަރާގައި ސުލްތާން ވަޅުލީ ސިފައިންގެ އޮފިސަރުން އިސްވެތިބެ އަސްކަރީ އިއްޒަތުގައެވެ.

ޤައުމީ ދިފާޢީ ބާރުން ބުނީ ލާންސް ކޯޕްރަލް ސުލްތާން އިންޑިއާގައި މަރުވުމާއި ގުޅިގެން މާލެ ގެނައިނަމަވެސް އޭނާގެ ޕޯސްޓްމޯޓަމް ހަދާފައިނުވާކަމަށެވެ. އެއީ އާއިލާއިން އެކަންކުރަން ބޭނުން ނުވުމުންކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

ސުލްޠާން ނިޔާވީ އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސަރ ކެޑޭޓް ތަމްރީނު ހަރަކާތުގައި ކޭމްޕް ގްރީންހޯންގައި ކުރިއަށްގެންދިޔަ އެންޝިއުރެންސް ދުވުމެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައިކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެެވެ. އޭނާ ދުވަމުންދަނިކޮށް ވެއްޓުމާއެކު ވަގުތުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާ، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ ނިޔާވެފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެެވެ.

އއ. ހިމަންދޫ ރޯޒްމީޑް، ޢުމުރުން 22 އަހަރުގެ ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ސިފައިންގެއާއި ގުޅުނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ.

ސުލްޠާން ފުރިހަމަކުރަމުންދިޔައީ މިއަހަރުގެ މާޗް 1 އިން 2024 ވަނަ އަހަރުގެ މާޗް 15 އަށް އިންޑިއާގެ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދާ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.

ސުލްތާން ނިޔާވުމާ ގުޅިގެން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން 48 ގަޑިއިރަށް ސިފައިންގެ މަރުކަޒުތަކުގައި ހުންނަ ސިފައިންގެ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން