image ގައްދޫ ރަޝީދު   16 ނޮވެމްބަރު 2021 - 18:34
09 ވަނަ ބައި

................

ތިރްލޯކް ކެތްމަދުވެފައިވާ ޙާލެއްގައި އޮޕަރޭޝަން ތިއޭޓަރުގެ ބޭރުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އިރުއިރުކޮޅާ ތިއޭޓަރގެ ބޭރުގައި ދިއްލާފައިވާ ބޮތްކަށް ބަލާލައެވެ. އޭނާގެ ހިތް ބާރަށް ތެޅެއެވެ.

ގާތްގަނޑަކަށް ހަގަޑިއިރަށްފަހު އޮޕަރޭޝަން ތިއޭޓަރުގެ ބޮކި ނިވިއްޖެއެވެ. ތިރްލޯކްގެ ހިތް ކުއްލިއެއް ޖެހި ކަހަލައެވެ. ޑަކްޓަރ ބޭރަށް ނުކުތުމާއެކު އޭނާ ކައިރިއަށް ޖެހިލާފައި ސުވާލު ކުރިއެވެ.

"ޑަކްޓަރ ސާހަބްއެވެ. ............. އޮޕަރޭޝަން .........."

"ކަންބޮޑުނުވާށެވެ. އޮޕަރޭޝަން ކާމިޔާބު ވެއްޖެއެވެ. މިހާރު ބަލިމީހާ ނުރައްކަލުން ސަލާމަތް ވެއްޖެއެވެ."

ތިރްލޯކްގެ ހިތް އުފަލުން ގޮސް ފޮޅިއްޖެއެވެ. އަދި މޭގައި ކޮންމެވެސް އެއްޗެއް ތާށިވި ކަހަލައެެވެ. ކަރުނައިގެ ސައިލާބު ދެމިގަތެވެ. ދެން ކުޑައިރުކޮޅަކަށްފަހު ޖޫނިއަރ ޑަކްޓަރާ އަދި ހަތަރު ނަރުހުން ރޫޕާ އޮތް އެނދު ދަމާފައި ބޭރަށް ނުކުމެއްޖެއެވެ. ތިރްލޯކް ރޫޕާގެ ރީނދޫ ވެފައިވާ މޫނު ބަލާލިއެވެ. އަދި އޭނާވެސް ހިނގައިގަތެވެ. އެއާއެކު ޑަކްޓަރ ތިރްލޯކާ މުޚާޠަބުކޮށް ބުންޏެވެ.

"ތިރްލޯކަށް އަދި ކޮޓަރިއަކަށް ނުވަދެވޭނެއެވެ."

"ހުރިހާ ކަމެއް ރަނގަޅުތޯއެވެ."

"ހުރިހާކަމެއްވެސް ރަނގަޅެވެ."

ދެން އެނދާއެކު އެމީހުން ހިނގައްޖެއެވެ. ތިރްލޯކް ތަނބެއްގައި ލެނގިލައިގެންހުރެ ރޯން ފަށައިފިއެވެ. އެގޮތަށް ރޯންހުރީ ކިހާ އިރެއްވަންދެން ކަމެއް ނޭނގެއެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އެއާއެކު ސިހިފައި ބަލާލިއެވެ. ކައިރީގައި ހުރީ ޕްރަބާއެވެ. އޭނާވެސް ހުރީ ފިކުރު ބޮޑުވެފައެވެ.

"ބޭބޭއެވެ. ކިހިނެއްވީ ހެއްޔެވެ؟" ޕްރަބާ ބިރުގެންފައިވާ އަޑަކުން ސުވާލު ކުރިއެވެ.

"ތިރްލޯކް ކަރުނަ ފޮހެލިއެވެ. އަދި ކުރެހިފައިވާ އަޑަކުން ބުންޏެވެ."

"ހުރިހާކަމެއް ރަނގަޅެވެ. އޮޕަރޭޝަން ކާމިޔާބެވެ."

"ޝުކުރު ހުއްޓެވެ! އަހަރެން ބިރުން ހަލާކު ވެއްޖެއެވެ."

އެވަގުތު ކިޝޯރު ސިޑިން އަރައިގެން މައްޗަށް އަތުވެއްޖެއެވެ. ތުނބުޅި ހުރީ ދިގުވެފައެވެ. ލޯހީވަނީ ރަތް ކަމުން ދެމަދޮށި ހެންނެވެ. އިސްތަށިގަނޑު ހާވާލެވިފައެވެ. ހެދުންވެސް ހީވަނީ ރޫބޮނޑިއެއް ހެންނެވެ. ތިރްލޯކްގެ ހިތަށް ކުއްލިއެއް ޖެހިކަހަލައެވެ. ޕްރަބާ ކިޝޯރާ ދިމާއަށް ބާލާލިއެވެ. ދެން ތިރްލޯކަށް ބަލާލަމުން ބުންޏެވެ.

"ކިޝޯރު ބާބޫވެސް މިކޮޅަށް ދުރުވަމުން އަހަރެން ބަސް ސްޓޮޕްގައި ހުއްޓާ ފެނިގެން ގޮވައިގެން ދުރުވީއެވެ."

ކިޝޯރު ހިކި ހިނިތުން ވުމަކާއެކު ސުވާލުކުރިއެވެ.

"އަންހެނުންގެ ޙާލު ކިހިނެއް ހެއްޔެވެ؟"

"އަލުން ޙަޔާތެއް ލިބިއްޖެ ކަމުގައި ހީކޮށްލައްވާށެވެ."

"ވަރަށް އުފާކޮށްފީމެވެ."

"އެކަމަކު ތިޔަ ހުންނެވީ ކޮންފަދަ ޙާލެއްގައިތޯއެވެ."

"މިއީ އެއްވެސް ކަމެއްނޫނެވެ. ނިދި ނުލިބޭތާ އެތައް ރެއެއް ވެއްޖެއެވެ."

ދެން ޕްރަބާ ކިޝޯރާ ދިމާއަށް ބަލާލަފައި ބުންޏެވެ.

"ކިޝޯރު ސާހަބާ ވަރަށްބޮޑު ހިތާމައަކާ ކުރިމަތި ވެއްޖެއެވެ."

"ކޮންކަމެއް ހެއްޔެވެ." ތިރްލޯކްވެސް ހާސްވެއްޖެއެވެ.

"އޮފީހުން ވިހިހާސް ރުފިޔާ ގެއްލުނީއެވެ. އަދި ފާރަވެރިޔާ ގަތުލުވީއެވެ."

"ތިޔަހެނެއް ނުވާނެއެވެ."

ތިރްލޯކްގެ ފައިދަށުން ބިންގަނޑު ދެމިގަތެވެ. ދެން އޭނާ ވަރަށް އުނދަގުލުން ހިންދިރުވާލާފައި ބުންޏެވެ.

"ކުށްވެރިޔާ އަތުލައި ގަނެވިއްޖެތޯއެވެ؟"

"އާއެކެވެ." ކިޝޯރު ހިނިތުން ވެލާފައި ބުންޏެވެ.

"އެއީ ކާކުތޯއެވެ؟"

"އަހަންނެވެ......."

ތިރްލޯކް އަނބުރައި ނުގަތީ ކިރިޔާއެވެ. އޭނާ ޙައިރާން ވާކަމަށް ހަދާފައި ބުންޏެވެ.

"އެކަމަކު .........!"

"އާއެކެވެ. ސޭފްގެ ތަޅުދަނޑި އޮތީ އަހަރެންގެ އަތުގައެވެ. ސޭފްގައި ވިހިލައްކަ ފަންސާސްހާސް ރުފިޔާ ހުއްޓެވެ. އަހަރެން ފިޔަވައި ދެން ސޭފްހުޅުވާނީ ކާކު ހެއްޔެވެ......؟ އަހަރެން ރޭވުމެއް ރާވާލާފައި ވައްކަން ކުރީއެވެ. ފާރަވެރިޔާއަށް އަހަރެން ފެނުމުން ދެފަހަރު ބަޑިވެސް ޖެހިއެވެ. އެކަމަކު އަހަރެން ސަލާމަތްވީއެވެ. އެއާއެކު އަހަރެން އޭނާގެ ބޯ ފިސްފިސް ކޮށްލީއެވެ. އެއަށްފަހު ފިލާ ރައްކާވީއެވެ."

ތިރްލޯކް އަނެއްކާވެސް ބޮލުން ފެށިގެން ފައިގެ ނިވާބޮނޑިއާއި ހަމައަށް ތުރުތުރު އަޅައިގަތެވެ. އޭނާ ތުރުތުރު އަޅަމުން ބުންޏެވެ.

"ނޫނެކެވެ. ނޫނެކެވެ. ކިޝޯރު އެފަދަކަމެއް ނުކުރައްވާނެއެވެ."

ކިޝޯރު ބުންޏެވެ.

"މިއީ މެނޭޖަރ ބުނުއްވިގޮތެވެ. އަދި ގޯތިތެރޭން ފެނިފައިވާ ބޫޓްގެ ނިޝާނަކީވެސް އަހަރެންގެ ބޫޓްގެ ނިޝާނެއް ނޫނެވެ. އަހަރެންގެ ނަމްބަރަކީ ހަތެކެވެ. އަދި އެއީ އަށް ނަމްބަރުގެ ބޫޓެއްގެ ނިޝާނެވެ. މީގެ އިތުރުން އަހަރެންގެ ފްލެޓް ފާސްކޮށްގެން ވިހިހާސްރުފިޔާ ފެނުނެވެ. އެކަމަކު އޭގެތެރެއިން ދިހަހާހަކީ އަހަރެންގެ އެކައުންޓުން ނެގި ފައިސާއެވެ. އަނެއް ދިހަހާއަކީ ތިމާގެ މީހަކު ދިން ފައިސާއެވެ. އެމީހާވެސް މިކަމަށް ހެކިދިނެވެ. އަދި މިހުރިހާ ހެކިތަކަކާއެކުވެސް އަހަރެންގެ ގައިގާ ނުހިފޭނެކަމެއް ފެނިފައިވެއެވެ."

"އެއީ ކޮންކަމެއްތޯއެވެ.........؟"

"ފުރަތަމަކަމަކީ ބަޑީގެ މުށްގަނޑުގައި ފާރަވެރިޔާގެ އަތުގެ ނިޝާނުގެ އިތުރުންހުރީ އަހަރެންގެ އަތުގެ ނިޝާނެއް ނޫނެވެ. ދެވަނަކަމަކީ ކަށިނަރުތަކުގެ މަތިން ވަގުކަލޭގެ ފުންމައިގެން ދިއުމުގައި އޭނާގެ ފަޓްލޫނު ވީދި އޭގެ ފޮތިކޮޅެއް ނަރުގާ ހަރުލާފައި އޮތެވެ. އެއީވެސް އަހަރެންގެ ޙައްޤުގައި ކުށެއްނެތްކަން ސާބިތުކޮށްދޭ ހެއްކެކެވެ."

ތިރްލޯކް ވަކި އެއްޗެކޭ ނުބުނެއެވެ. ކިޝޯރު އަނެއްކާވެސް ބުންޏެވެ.

"އެންމެ ބޮޑަށް ޙައިރާންވާން ޖެހުނު ހެކި ފެނުނީ މާފަހުންނެވެ. ސޭޓް ސާހަބާ ފުލުހުންވެސް މިކަމާ ލަދުގަންނަން ޖެހުނެވެ. އަދި ފުލުސް އޮފިސަރު މާފަށް އެދުނެވެ."

"އެއީ ކޮންކަމެއްތޯއެވެ."

"ޕޯސްޓްމާރޓަމްގެ ރިޕޯރޓް ދައްކާގޮތުގައި އެމީހާ މަރުވީ އެރޭގެ ދެގަނޑިބައި ނުވަތަ ދެގަޑި ސާޅީސް ފަހެއްގައެވެ. އެކަމަކުއެރޭ ހަތަރުދަމު އަހަރެން އުޅުނީ ސޭޓް ސާހަބްގެ ގޭގައެވެ. އެހެނީ ސޭޓްގެ ދަރިފުޅުގެ ގަބުރު ގެއަށް ގެނައީ އެދުވަހު ހަވީރު ފަހެއްޖެހި އިރުއެވެ."

"އެހެންތޯއެވެ."

"ދެން އެންމެ ރަނގަޅެވެ. ޝުކުރު ކުރާށެވެ. ތިރްލޯކުގެެ އަންހެނުންނަށް އަލުން ޙަޔާތެއް ލިބުނީއެވެ."

ތިރްލޯކް ވަކި އެއްޗެއް ނުބުނެއެވެ. ހަމައެކަނި އޭނާގެ ތުންފަތް ހެލިލީއެވެ.

+ + + + +

ތިރްލޯކް އަތުކުރީ ގަޑިއަށް ބަލާލިއެވެ. ދެން ވޯރޑް ދޮރާ ދިމާއަށް ބަލާލިއެވެ. ހަމަ އެވަގުތު ނަރުހަކު ނުކުމެއްޖެއެވެ. ތިރްލޯކް އަވަހަށްގޮސް އޭނާއާ ސުވާލު ކުރީއެވެ.

"ސިސްޓަރއެވެ. އަދި ކިހާ އިރެއް ވާނެތޯއެވެ؟"

"މިހާރު ޑަކްޓަރ ސާހަބު އެބަ ދުރުވެއެވެ."

"މިއަދު އަޅުގަނޑުގެ އަންހެނުންނާ ބައްދަލެއް ނުކުރެވޭނެތޯއެވެ؟"

"ބައްދަލު ކުރެވޭނެއެވެ."

ކުއްލިއަކަށް ފިޔަވަޅުތަކެއްގެ އަޑަށް ތިރްލޯކް ސިހިއްޖެއެވެ. އެނބުރި ބަލާލިއިރު ޑޮކްޓަރ ސީންއާއި މެހެތާ ނުކުންނަނީއެވެ. ޑޮކްޓަރ މެހެތާ ތިރްލޯކަށް ބަލާލާފައި ހިނިތުން ވަމުން ބުންޏެވެ.

"ތިހިރީ ވަރަށް ކެތްމަދުވެފައި ދޯއެވެ."

"އަޅުގަނޑުގެ އަންހެނުން ކިހިނެއްތޯއެވެ؟"

"މުޅިން ރަނގަޅެވެ." ޑަކްޓަރ ބުންޏެވެ.

"ހޭއަރައިފިތޯއެވެ؟"

"އާނއެކެވެ."

"އަޅުގަނޑަށް އެތެރެއަށް ވަދެވިދާނެތޯއެވެ."

"އަވަހަށް ވަންނާށެވެ. އޭނާ މިހާރު އޮތީ ތިރްލޯކުގެ އިންތިޒާރުގައެވެ."

ތިރްލޯކްގެ ހިތްއުފަލުން އައިސް ކަރުބުޑަށް ޖެހިއްޖެއެވެ. ދެ ޑަކްޓަރުން އެއްފަރާތަކަށް ހިނގައިގަތެވެ. ތިރްލޯކް ވޯރޑާ ދިމާއަށް އެނބުރިލިތަނާ ޕޮލިސް ވޭނެއް އައިސް ޕޯޓިކޯއަށް މަޑުކޮށްލިތަން ފެނިއްޖެއެވެ. އޭނާގެ ހިތުގެ ވިންދު ޖެހުން ނުހުއްޓުނީ ހަމަ ކިރިޔާއެވެ. އޭނާގެ ފައި ބިމުގައި ހަރުލީ ކަހަލައެވެ. މުޅި ހަށިގަނޑުގެ ލޭ ހިކިއްޖެއެވެ. ކަންފަތުގައި ރަނގަބީލު ޖެހެން ފަށައިފިފެވެ. މިއީ އޭނާގެ ހޯދަން އައި ބައެއްކަން ހީކުރެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ބަލަހައްޓައިގެން ހުއްޓާ ޕޮލިސް ވޭނުން އެސް.ޕީ.އާއި ޖޫނިއަރ އޮފިސަރ އަދި ހައެއްކަ ކޮންސްޓެބަލުންގެ އިތުރަށް ސޭޓް ސާހަބްގެ މެނޭޖަރވެސް ފައިބައިފިއެވެ. ތިރްލޯކް ސިހިއްޖެއެވެ. އެސް.ޕީ ފިސްތޯލަ ނަގާފައި ތިރްލޯކާ ދިމާއަށް އަމާޒު ކޮށްލަމުން ބުންޏެވެ.

"ޚަބަރު ދާރެވެ. ފިލަން މަސައްކަތް ނުކުރާށެވެ."

ތިރްލޯކް އެހުރިތަނުގައި ތުރުތުރު އަޅައަޅާ ހުއްޓެވެ. ހަތަރު ފަރާތުން ބަލިމީހުންނާއި ނަރުހުން އަދި ޑަކްޓަރުން އެދިމާއަށް ކުރިމަތިލައިފިއެވެ. އެންމެފަހުން ވޭނުން ކިޝޯރުވެސް ފައިބައިފިއެވެ. އޭނާހުރީ ދެރަވެފައެވެ. އަދި ލޮލުން ހަމްދަރްދީ ފާޅުވޭވެ ހުއްޓެވެ.

އެސް.ޕީ ހަރުއަޑުން ބުންޏެވެ.

"ބިޑިއަޅާށެވެ."

ކިޝޯރު ކުރިޔަށް ޖެހިލާފައި އާދޭހުގެ ރާގުގައި ބުންޏެވެ.

އެސް.ޕީ ތަންކޮޅެއް މަޑުން ތިރްލޯކަށް ބުންޏެވެ.

"ތިރިއަށް އަންނާށެވެ."

ތިރްލޯކް މަޑުމަޑުން ތިރިއަށް އަތުވެއްޖެއެވެ. އެސް.ޕީ ސާހަބު ކުރަކި އަޑަކުން ތިރްލޯކާ މުޚާޠަބުކޮށް ބުންޏެވެ.

"ކަލޭ ވިހިހާސް ރުފިޔާ ވަގަށްނެގުމާ މީހަކު މެރުމުގެ ކުށުގައި ހައްޔަރު ކުރެވެނީއެވެ.'"

މެނޭޖަރ މޫނު ކުނިކޮށްލާފައި ބުންޏެވެ.

"ކަލެޔަކީ ތިޔަހާ ބޮޑު ބަތާހަރާމީއަކަށް ވާނެކަމަށް އަހަރެން ހުވަފެނެއްގައިވެސް ހިއެއް ނުކުރަމެވެ. ކަލޭމެންގެ ކަހަލަ ނޯކަރުން މަގުމަތީގައި ބައިތިއްބާފައި ބަޑިޖަހާ މަރަންވީއެވެ."

ކިޝޯރު މަޑުމައިތި ކަމާއެކު ތިރްލޯކް ގާތުގައި ބުންޏެވެ.

"ކަލޭގެ ފަޓްލޫނުގެ ފޮތިކޮޅު ކަލޭގެ ދުޝްމަނަކަށް ވީއެވެ. އެފަޓްލޫނު ލައިގެން އުޅެނިކޮށް ސާލަކް ރާމްއާއި ސްޓާފުންގެ އިތުރުން މެނޭޖަރ ސާހަބުވެސް ދެކެލައްވާފައި ވެއެވެ. އެހެންކަމުން ކަލޭ ހުންނަގެ ފާސްކުރީއެވެ. އެތަނުން ނޫޓް ބޮނޑިތައްވެސް ފެނިއްޖެއެވެ. ވައްކަންކުރިރޭ ބޭނުންކުރި ހެދުމާއި ބޫޓްވެސް ފެނިއްޖެއެވެ. މީގެއިތުރުން ކަލޭގެންގުޅޭ އެއްޗެތިން އަތުގެ ނިޝާންވެސް ފެނުނެވެ. އެއީ ބަޑީގެ މުށްގަނޑުގައިވެސް ހުރި ނިޝާނެވެ. އަހަރެންގެ ބްރީފްކޭހުން ގެއްލުނު ތަޅުގަނޑިއާއި ސޭފްގެ ދޮރުފަތާ އަދި އެހެން ނޫނަސް އެހެން ހުރިހާތަނެއްގައިވެސް ހުރީ ހަމަ އެނިޝާނެވެ. ކަލޭ ވައްކަންކުރީ ކީއްވެގެންކަން އަހަންނަށް އެނގެއެވެ. ކަލޭ މިކަން ކުރުމަށް އެންމެ ރެއެއް ލަސްކޮށްލިނަމަ ކޮށްފަދަ ހެއްޔެވެ. ނުވަތަ ފައިސާގެ އިންތިޒާމް ހަމަޖައްސައި ދޭނަމޭ އަހަންނަށް ބުނެވުނުނަމަ މިކަން މިގޮތަށް ދިމަލެއް ނުވީހެވެ."

ތިރްލޯކްގެ މޫނު ހުދުވެއްޖެއެވެ. އޭނާ ދެއަތް ޖޯޑުކޮށްފައި އެސް.ޕީއަށް ނަންގަތެވެ.

"ސާހިބްއެވެ. އަޅުގަނޑު ފިލާކަށް ނޫޅެމެވެ. އަޅުގަނޑުގެ އަންހެނުން އޮޕަރޭޝަންކޮށް ސާޅީސް އަށްގަނޑިއިރު ވުމަށްފަހު ހޭއެރީ ހަމަ ދެންމެއެވެ. މިހާރު އޭނާ އޮތީ އަޅުގަނޑުގެ އިންތިޒާރުގައެވެ. އޭނާއަށް ކަމުގެ ޙަޤީޤަތް އެނގިއްޖިއްޔާ އެކަމަށް ކެތްކުރުމަކީ ދަތިކަމަކަށް ވެދާނެއެވެ. ވީމާ ކުޑައިރު ކޮޅަކަށް އަޅުގަނޑު އެތެރެއަށް ދިޔަ ދެއްވާށެވެ. އަޅުގަނޑު ލަސްނުވެ އަތުވެދާނަމެވެ."

"އަޅުގަނޑު ތިރްލޯކްގެ ޒަމާނަތުގައި ހިފައިފީމެވެ." ކިޝޯރު ބުންޏެވެ. "އޭނާ ކުޑަ ހިނދުކޮޅަކަށް އެތެރެއަށް ދިޔަ ދެއްވާށެވެ. އެކަމަކު އެކަންޏެވެ."

މެނޭޖަރ ހަރުއަޑަކުން ބުންޏެވެ.

"މިހާ ބޮޑު ކުށްވެރިއަކަށް ތިޔަފަދަ ހުއްދައެއް ދެއްވާކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭނެއެވެ."

* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 33 އިން 36 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން