ރައްޔިތުންގެ މަޖިލީހުން 2022 ވަނަ އަހަރަށް ފާސްކުރި 36.9 ބިލިއަން ރުފިޔާގެ ބަޖެޓަކީ ދިވެހި ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވުމުގެ ބިރުއޮތް ބަޖެޓެއް ކަމަށާއި، ބަޖެޓަށް ވޯޓް ނުދިނީ އިންތިހާއަށް ދަރަނި ބޮޑުބަޖެޓަކަށްވާތީ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ބަޖެޓު ފާސްކުރިއިރު ބަޖެޓަށް އިދިކޮޅު ކޯލިޝަނުން ވޯޓް ދީފައެއް ނުވެއެވެ. ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓާ އެއްގޮތަށް 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރީ 64 މެންބަރުންގެ ވޯޓާއެކުއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ބަޖެޓަަކީ ރާއްޖެ ބަނގުރޫޓްވުމުގެ ބިރު އޮތް ބަޖެޓެއް ކަމަށާއި، މި ބަޖެޓުން އަންނާން އޮތް ޖީލުތަކުގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިގެންދާނެ ކަމަށެވެ.

އަދި ސަރުކާރުން މިހާ ޒިއްމާދާރުކަން ކުޑަ ގޮތަކަށް ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވައި އިގްތިސާދު ފުނޑާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރައްޔިތުންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއްގެ ގޮތުގައި އެ ކޯލިޝަނުން ދެކޭ ކަަމަށް އިދިކޮޅުން ނެރުނު ބަޔާނުގައިވެއެވެ.

"ސަރުކާރުން ހުށައެޅި ގޮތަށް އިންތިހާއަށް ދަރަނި ބޮޑު ބަޖެޓެއް ދަރީންގެ ދަރީން ބޮލުގައި އެޅޭގޮތަށް ފާސްކުރަން ވޯޓް ދިނުމަކީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ ކުރަން ހެޔޮ ވާވަރުގެ ކަމަކަށް ނުވާތީ ކަމުގައި ދަންނަވަމަވެ." އިދިކޮޅުން ބަޖެޓަށް ވޯޓު ނުދިން ސަބަބެއް ކަމުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ މިއީ ސީދާ ރައްޔިތުން ނިކަމެތި ކޮށްލުމަށްފަހު 2023 ގެ ރިޔާސީ އިންތިޚާބަށް ސަރުކާރުން ބޭނުންވާގޮތަށް ސިޔާސީ ކަންކަންކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ރޭވިފައިވާ ބަޖެޓެއްކަމަށެވެ. ބަޖެޓްގައިވާ ފައިސާގެ އިސްރާފުގެ ބޮޑުބައެއް ހަރަދު ކުރުމަށް ރާވާފައިވަނީ އެމްޑީޕީގެ ވެރިންނާއި ސިޔާސީ ވަޒީފާތަކަށް ކަމަށް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"ދައުލަތުގެ ކުންފުނިތަކުގެ ޙިއްސާ ބޭރު ފަރާތްތަކަށް ވިއްކައިގެން 50 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން ނިންމާފައިވުމަކީ ނުރައްކާތެރި ރޭވުމެއް ކަމުގައި މިކޯލިޝަނުން ދެކެމެވެ. މިހާރުވެސް ކިޔަވައިދޭ މަދަރުސާތަކާއި ހޮސްޕިޓަލްތަކާއި އަދި ރައްޔިތުންގެ އިމާރާތްތައް މޯގޭޖްކޮށް ލޯނު ނަގަމުން ދާއިރު 100 ބިލިއަނަށްވުރެ ދައުލަތުގެ ދަރަނި މައްޗަށް ގޮސްފައިވާކަން ފާހަގަކުރަމެވެ،" އިދިކޮޅު ނެރުނު ބަޔާނުގައި ބުނެފައިވެެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އެ ކޯލިޝަންގެ މަޖިލިސް މެމްބަރުން ތަކުރާރުކޮށް ފައިސާ ޗާޕު ނުކުރުމަށާއި، މިހާރު އޮތްގޮތަށް މިބަޖެޓް ފާސްނުކުރުމަށާއި، ބަޖެޓުގައިހުރި ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަކޮށް، ސިޔާސީ ވަޒީފާތައް މަދުކޮށް، ސަރުކާރުގެ ވެރިންގެ ދަތުރުތަކަށް ކުރާ ޚަރަދުން ބައެއް އުނިކޮށް، ސަރުކާރު ހިންގުމުގެ ޚަރަދުތައް ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށް ބަޖެޓް ބައްޓަންކުރުމަށް ގޮވާލާފައިވާ ކަަމަށެެެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބަޖެޓް ފާސްކުރުމަށްޓަކައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާ ޢަބްދުﷲ އަދި ކޯލިޝަނަށް ނިސްބަތްވާ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިނުގަތުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ޙީލަތްތެރި ޢަމަލެއް ކަމަށް ވަނީ ސިފަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން