އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ލީގަލް އޮފިސަރގެ ކާރުގައި ރޯކޮށްލި މައްސަލަ ތަހުޤީޤްކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާގެ ލީގަލް އޮފިސަރ އަލްއުސްތާޛް ޢަބްދުﷲ އިޙުސާންގެ ކާރުގައި ރޭ ފަތިހުގެ ވަގުތެއްގައި ބަޔަކު ގަސްދުގައި އަލިފާން ރޯކޮށްލައި, ކާރަށް ގެއްލުންދިން މައްސަލަ އައްޑޫ ސިޓީ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި މީސްމީހުންގެ މުދަލަށް ނުހައްގުން އަރައިގަނެ އަނިޔާ ދިނުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެއްކަމަށާއި އަދި މީހުންގެ މުދަލަށް ގެއްލުން ދިނުން، ދިވެހިރާއްޖޭގެ ގާނޫނުތަކުގައިވެސް ވަނީ ވަރަށް ބޮޑު ކުށެއްކަމުގައި ކަނޑައަޅާފައިކަން ސިޓީ ކައުންސިލްގެ ބަޔާނުގައި ހަނދާންކޮށްދިނެވެ.

ސިޓީ ކައުންސިލުން ބުނީ މީހުންގެ މުދަލުގައި އަލިފާންޖަހާ ރޯކޮށް އަނިޔާވެރި އަމަލުތައް ހިންގުމަކީ އައްޑޫސިޓީ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. އަދި މިއަމަލު ހިންގި ބަޔަކު ހޯދައި ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވީހަށް އެ އިދާރާއިން ވަނީ ގޮވާލާފައެވެ.



ގޭގެ ގޯތިތެރޭގައި ޕާކްކޮށްފައި އޮއްވައި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ލީގަލް އޮފިސަރގެ ކާރުގައި ރޯކޮށްލާފައިވަނީ ރޭ ފަތުހު 4:30 އެހާކަށްހާއިރުއެވެ. އަދި ކާރުގެ ތެރެއަށް ޕެޓްރޯލް އަޅާލައިގެން ރޯކޮށްލާފައިވާތީ ބޭނުން ނުކުރެވޭ ވަރަށް ކާރަށް ވަނީ ގެއްލުންވެފައެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އިހުސާން ވިދާޅުވީ ކާރުގައި ރޯކޮށްލި އިރު، އައްޑޫގެ ގޯތީގެ މައްސަލަތަކާއި ބިޑް ކޮމެޓީގައި އޭނާ މަސައްކަތްކުރައްވާތީ ބައެއް މީހުންގެ ހިތްހަމަނުޖެހުންތަކާއި ރުޅިވެރިކަމާ ކުރިމަތިވެވަޑައިގެންފައިވާ ކަމަށެވެ. އެެހެންކަމުން މިއީ އެކަމާއި ގުޅުންހުރި ކަމެއްކަމަށް އޭނާ ތުހުމަތު ކުރަށްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން