ރައީސް ޔާމީނަށް ކޮމަންޑޫން މިއަދު މަރުޙަބާ ދަންނަވަނީ
ރައީސް ޔާމީނަށް ކޮމަންޑޫން މިއަދު މަރުޙަބާ ދަންނަވަނީ
ކުރީގެ ރައީސް ޢަބްދުالله ޔާމިން ޢަބްދުލްޤައްޔޫމު މިއަދު ށ.ކޮމަންޑުއަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ޔާމިންގެ މި ދަތުރުފުޅަކީ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މޫސާ ފަތުޙީ އަށް ތާޢީދު ހޯއްދެވުމަށް ކުރަށްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކޮމަންޑޫ ދާއިރާގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމަންޑޫ އަށް ރައީސް ޔާމީން ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެގޮތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށު ބަނދަރު ސަރަހައްދަށް ގިނަ ބަޔަކު ވަނީ ޖަމާވެފަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން ވާދަކުރާއިރު ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގެންނެވިއިރު އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު ތިނެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ނިއްމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ. ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން