އެޗްޕީއޭގެ ހުއްދަ ނެތި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށާއި، އެކަން އެގޮތަށް ކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރޮޒައިނާއާއި އައްޑޫ ޝަރީފުގެ ޚިޔާލުވެސް ތަފާތުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޖިލީހުގެ ތަޅުމުގައި ޚާއްސަ ފިޔަވަޅުތަކަކާއެކު ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެޗްޕީއޭގެ ހުއްދަ ނެތި މަޖިލީހުގެ ޖަލްސާ ބޭއްވުން ވާނީ ޢާއްމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނާ ކަނޑައެޅިގެން ޚިލާފު ކަމަކަށް ކަމުގައެވެ.

މެމްބަރު އައްޑޫ ޝަރީފް ވިދާޅުވީ "އެއީ، ލޯވ ލެސް ސޮސައިޓީއެއް އުފެއްދުމަށް މަގުފަހިވެގެން ހިނގައިދާނެފަދަ ނުރައްކާތެރި ކަމެއް. މެމްބަރުންވެސް ޤާނޫނަށް ބޯލަނބަންވާނެ،" ކަމަށެވެ.

ހަމަ އެއާއެކު އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ޗީފް ވިޕް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްވެސް ވަނީ މިކަމުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާޅުކުރައްވައި ވާހަކަ ދައްކަވާފައެވެ. އެގޮތުން "އެޗްޕީއޭގެ ހުއްދައާ ނުލާ، ލޮކްޑައުނާ ޚިލާފަށް، ޤާނޫނު އަސާސީ އިސްލާހު ކުރަން، ޤާނޫނުހަދާ މަޖިލީހުގެ މެމްބަރަކު ޤާނޫނު ހަދާ މަޖިލީހަށް ޤާނޫނީ އަމުރަކާ ޚިލާފަށް ދިއުމަކީ، ކޮން ކަހަލަ ކަމެއްތޯ،" ރޮޒެއިނާ ވަނީ ސުވާލު ކުރަށްވާފައެވެ.

އަދި މައިމޫނާ ވިދާޅުވާ ކަމެއް އަކުރުން އަކުރަށް ރަނުން ރަނަށް ތަންފީޒުކުރަންވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްވެސް ވިދާޅުވެފައިވާ ކަމަށާއި، އެހެން ކަމުން އެޗްޕީއޭގެ ހުއްދައާ ނުލާ، ހުރިހާ ރައްޔިތުންގެ ސަލާމަތަށްޓަކައި ކޮށްފައިވާ އަމުރާ ޚިލާފަށް ޢަމަލުކުރުމުން ފަހުން ދަޢުވާއެއް ކުރާނެ ފަދަ ޢަމަލެއް ކުރަން ބޭނުން ނުވާކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.

އަދި މަޖިލީހަކީ ދަޢުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރު ކަމަށާއި، މަޖިލީހުގެ މަސައްކަތަށް ހުރަސް ނޭޅޭނެ ކަމަށްވެސް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ ޖަލްސާއަށް ދަނިކޮށް ނުވެސް ހުއްޓުވޭނެ ކަމަށާއި، ހުއްޓުވައިފިނަމަ އެއީވެސް ޤާނޫނާ ޚިލާފު ކަމެއްކަމަށް ރޮޒޭނާ ވިދާޅުވެފައި ވެއެވެ.

"ނަމަވެސް ސިއްޙީ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅެއްގައި އެޗްޕީއޭގެ ހުއްދަ ހޯދުމަކީ ރަނގަޅުގޮތް،" ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ލޮކްޑައުންއާ މެދު އެޗްޕީއޭ އިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމަންދެން މަޖިސް ޖަލްސާ ނުބާއްވައި މަޑުކުރެއްވެން ނެތް ވާހަކަ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާއަށް އަަންގަވާފައިވާނެ ކަމަށެވެ.

ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު ވިދާޅުވީ މާލަމުގައި މެމްބަރުން ހާޒިރުވެ ތިއްބަވައިގެން ނޫން ގޮތަކަށް ގާނޫނުއަސާސީ އަށް ބަދަލެއް ގެނައުން ރަނގަޅު ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކަމާ މެދު މެމްބަރުންގެ ވިސްނުން ހުރި ގޮތް ބެއްލެވި ކަމަށެވެ. އަދި ގިނަ މެމްބަރުންނަށް ފެނިވަޑައިގަތީ ވެސް މާލަމުގައި ޖަލްސާތައް ފަށަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން