މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލާގައި، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނެރުނު ވިޕްލައިނާ ޚިލާފުވި މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރުނު ވިޕްލައިނާ ޚިލާފުވެފައިވާ މެމްބަރުންނާމެދު ފިޔަވަޅު އަޅަން ނުކެރޭނެ ކަމަށާއި، އެއީ އެމްޑީޕީއަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ޕާޓީއަކަށް ވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވަނީ ވިދާޅުވެފައެވެ. މޫސަ ވިދާޅުވީ، "ޕާޓީން މީހުން ބޭރުކުރަންވީމަ ވިޕާ ޚިލާފުވުން މަތިކޮށް މީހުން ބޭރުކުރިއަސް ޙަޤީޤަތުގައި އެއީ ލީޑަރުންނަށް ބިރަކަށް ވުމުން ޕާޓީން ބޭރު ކޮށްލުން ކަމަށެވެ."

މޫސަގެ އެ ވާހަކަތަކާ ގުޅިގެން އެކަމަށް ރައްދުދެއްވާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، މިއީ އެމްޑީޕީ ކަމަށާއި، ވިޕްލައިނާ ޚިލާފްވި މައްސަލަ ބަލާނެ ކަމަށެވެ. އަދި ޤަވާއިދުގައިވާ ގޮތަށް ފިޔަވަޅުވެސް އަޅާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ޖަވާބަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއަރޕާސަން ކަމާއި، ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަންވެސް ކުރަށްވާފައިވާ މޫސާ މަނިކު ވިދާޅުވީ މަންޒަރު ސާފުވެފައިވާ ކަމަށާއި، އެމްޑީޕީގެ ވިޕްލައިނަކީ އެމައްޗަށް ޢަމަލުކުރަންޖެހޭ އެއްޗެއް ނޫން ކަމަށެވެ. އަދި 19 ވަނަ މަޖިލީހުގެ މެމްބަރުން ޕާޓީގެ ވިޕާ ޚިލާފުވިޔަސް މޫސައަށް އައި ޙުކުމް ނާންނަ ކަމަށް މޫސަ ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑުވެސް ވިޕްގެ މަޤާމާއި، ޕީޖީ ލީޑަރު ކަމާއި، ޗެއަރޕާސަން ކަންވެސް ކުރީމޭ. އޭރުވެސް ޤަވާއިދު ބުނާގޮތުން އެއް ކުށެއް ކުރުމުން އެއްބަޔަކު ޕާޓީގެ ކިބައިން މާފަށް އެދިފަ އަނެއްބަޔަކު ޕާޓީން ކަނޑާ ގޮތަކަށް ނޫން އޮންނަނީ." އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ފަރާތްތަކާ އުފެދުނު ޚިޔާލު ތަފާތުވުން ތަކުގައި މީގެ ކުރިން ޕާޓީން ވަކިކޮށްފައިވާ ރީކޯ މޫސަ ވިދާޅުވިއެވެ.

މޫސަގެ އިތުރުން އެމްޑީޕީގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު މަހްފޫޒް ސަޢީދު ވެސް ވަނީ އެމްޑީޕީގެ ވިޕްލައިވާ ޚިލާފްވި މެމްބަރުންނަށް ފިޔަވަޅު އަޅަން ވާނެ ކަމަށް ވިދާޅުވެފައެވެ. މަހްފޫޒް ވިދާޅުވީ، ޕާޓީގެ ނިންމުމާ ޚިލާފަށް ވޯޓުދިން މެމްބަރުންގެ އިތުރުން ވަކި ގޮތަކަށް ވޯޓު ނުދީ އަދި މަޤްބޫލު ޢުޒުރެއްނެތި ޖަލްސާއަށް ޙާޟިރު ނުވި މެމްބަރުންނާ މެދުވެސް ފިޔަވަޅުއަޅަން ޖެހޭނެ ކަމަށެވެ.

"އަސާސީ ޤަވާއިދުގެ 31 ވަނަ މާއްދާ ލާޒިމް ކުރަނީ ޕާޓީގެ ސިޔާސަތު މަޖިލީހުގައި ދިފާޢު ކުރުމަށް. އެހެންކަމުން އެ މެމްބަރުންނާމެދު އަސާސީ ޤަވާޢިދާއި، ޕާލިމެންޓަރީ ގްރޫޕްގެ ހިންގާ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ދެކެން." މަހްފޫޒް ވިދާޅުވިއެވެ.

މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ޙަލީމް ގާނޫނުއަސާސީ އަށް ހުށައަޅުއްވާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބަވައި، ވޯޓު ނުދެއްވާ ޕާޓީގެ ވިޕްލައިނާ ޚިލާފުވެފައިވަނީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛު އިމްތިޔާޒް ފަހުމީ (އިންތި) އާއި މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާނާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން