އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑެ)
އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑެ)
ޤާނޫނު އަސާސީ އަކީ ސިޔާސީގޮތުން ކުޅެންއޮތް ބޯޅައެއް ނޫންކަމަށް ވިދާޅުވެ، ވިޕްލައިނާ ޚިލާފުވި މައްސަލައިގައި ރައްދުވަމުންދާ ފާޑުކިއުންތަކަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑެ) ރައްދު ދެއްވައިފިއެވެ.

ވައްޑެ މިހެން ވިދާޅުވެފައި ވަނީ، ޤާނޫނު އަސާސީއަށް ބަދަލު ގެނަސް ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލަށް ތާޢީދު ކުރުމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ނެރެފައިވާ ވިޕާ ޚިލާފުވި މެމްބަރުންނާމެދު ފިޔަވަޅު އެޅުމަށް މަޝްހޫރު ޤާނޫނީ ވަކީލް އަލްއުސްތާޛު މަޙްފޫޒު ސަޢީދާއި، އެމްޑީޕީގެ މެމްބަރު ފުރަހަނި ޝުޢައިބު ވިދާޅުވުމާ ގުޅިގެން އެ ފަރާތްތަކަށް ރައްދު ދެއްވަމުންނެވެ.

ވައްޑެ ވިދާޅުވީ، އެމްޑީޕީގެ އަސާސީ ޤަވާޢިދުގައި ޕާޓީގެ މެމްބަރުންގެ އެންމެ އަސާސީ ސިފަ ބަޔާންކޮށްފައިވާ ކަމަށާއި، އެ ސިފަތަކާ ދިމާ އިދިކޮޅަށް ނެރޭ ވިޕްލައިނަކީ، އެމްޑީޕީ އަށް ނިސްބަތްވާ ވިޕްލައިނެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

"ޕާޓީގެ މެމްބަރުންގެ އެންމެ އަސާސީ ސިފަ ކަމަށް ބަޔާންކޮށްފައިވަނީ، ޕާޓީގެ އަމާޒުތަކާއި، އުސޫލުތަކާއި އެއްގޮތަށް މަސައްކަތްކުރުން." ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ ރައްޔިތުންގެ ކިބައިން ވޯޓުގެ ޙައްޤު ނިގުޅައި ގަތުމަކީ، އެމްޑީޕީ އެންމެ ގިނައިން ދެކޮޅުހަދާ އިޙްތިޖާޖް ކުރި އެއް ކަންތައް ކަމަށާއި، އެއީ އެމްޑީޕީ މެމްބަރުން ޤަބޫލުކުރާ މައިގަނޑު އުސޫލާއި، އަސާސް ކަމަށެވެ.

"އިންތިޚާބުތަކާ ގުޅުވައި ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ޤާނޫނު އަސާސީ ތަސައްވަރުކުރާ ގޮތެއްވެސް ނޫން. ޤާނޫނު އަސާސީ އަކީ ސިޔާސީ ގޮތުން ކުޅެން އޮންނަ ބޯޅައެއް ނޫން." ކަމަށް ވިދާޅުވެ ފައިނު ވައްޑެ ވަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަށްވާފައެވެ.

ވައްޑެގެ ހިތްހަމަ ނުޖެހުންތަކާ ގުޅިގެން އެމްޑީޕީގައި އިސްދައުރެއް އަދާކުރެއްވި ޝުޢައިބު ޢަލީ ވިދާޅުވީ، ޕީޖީ ގްރޫޕްގެ ހިންގާ ޤަވާއިދާ އެއްގޮތަށް ކަން ކުރީމާ ރަނގަޅުވާނެ ކަމަށާއި، އެހެން ނޫނީ ޕާޓީތެރޭގައި އޮންނާނީ އެމީހަކާ އެމީހަކު ކަމަށެވެ.

މިކަމާގުޅިގެން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، އެމްޑީޕީގެ ބައެއް މެމްބަރުން ވިޕްލައިނާ ޚިލާފްވި މައްސަލަ ބަލާނެ ކަމަށާއި، އަދި ޤަވާއިދުގައިވާ ގޮތަށް ފިޔަވަޅުވެސް އަޅާނެ ކަމަށެވެ.

ސަރުކާރުން ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށް ހުށައެޅި ބިލް މަޖިލީހަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް މިހާރު ފޮނުވާފައި ވާއިރު، ރައްޔިތުންގެ މަޖިލީހުން ވަނީ މިކަމުގައި ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށްވެސް ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން