ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
އިންތިޤާލީ މަރުޙަލާގައިވެސް ކައުންސިލްތަކުގެ ގާނޫނުން ކައުންސިލަރުންނަށް ލިބިދޭ އެއްވެސް ބާރެއް ހަނިކޮށްގެން ނުވާނެ ކަމައް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް މިހެން ވިދާޅުވީ، ކައުންސިލަރުންގެ ދައުރު އިތުރު ކުރުމައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްދާ ބަހުސްގެ ތެރެއިިން، އެކަން ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލާ ބެހޭގޮތުން ކުރިއަށްދިޔަ މުޅި މަޖިލީހުގެ ކޮމިޓީ ބަހުސްގައެވެ.

އެކަމާ ގުޅިގެން ޝިޔާމު ވިދާޅުވީ، ކައުންސިލަރުން އަމަލު ކުރާނެގޮތް ކަނޑައަޅާފައިވާ، ބޮޑު ގާނޫނެއް އޮއްވައި ކައުންސިލަރުންގެ ދައުރާއި ބާރު އެހެން ގާނޫނަކުން އުނިކުރެވިގެން ނުވާނެ ކަމަށެވެ. އަދި އިންތިގާލީ ބައެއްގެ ގޮތުގައި ގާނޫނެއް ގެނެސްގެން ކައުންސިލްތަކުގެ ބާރު ކުޑަކުރުމަށް ކުރާ މަސައްކަތް ޝިޔާމް ވަނީ ކުށްވެރި ކުރައްވާފައެވެ. ޝިޔާމް ވަނީ، މިހާރު އޮތް ބިލަށް އިސްލާހު ހުށަޅައިގެން ވެސް އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، އެކަމަކީ ސްޕްރީމް ކޯޓުން މަޖިލީހަށް ދިން ލަފައާ ހިލާފު ކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.

ޝިޔާމް ވަނީ މަޖިލީހުގެ ރައީސް މަޖިލީސް ކުރިއަށް ގެންދަވަނީ ޚުދުމުހުތާރުކޮށްކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސަށް ވެސް ފާޑުވިދާޅުވެފައެވެ.

"މިހާރު މިމަސައްކަތް ކުރަނީ މަޖިލީހުގެ ގަވާއިދަށް ބަަލައިވެސް ނުލައި، ހުދުމުހުތާރު ވެރިޔަކު މަސައްކަތް ކުރާ ގޮތަށް. ސުޕްރީމްކޯޓުގެ ލަފަޔާއި އެއްގޮތަށް ކަންކުރާނަމަ ޖެހޭނީ އާ ބިލެއް ހުށައަޅަން." ޝިޔާމް ވިދާޅުވިއެވެ.

ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ސަރުކާރުން ހުށައެޅި ބިލަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ދެ އިސްލާހު ހުށަހަޅުއްވާފައެވެ. ފުރަތަމަ އިސްލާހުގައި ވަނީ ސަރުކާރުން އިސްލާހުގެ ގޮތުގައި ހުށަހެޅި މާއްދާ އުނިކުރުމަށެވެ. އަދި އޭގެ ބަދަލުގައި ސުޕްރީމް ކޯޓުން ލަފާދީފައިވާ ގޮތަށް ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމެނުމަށް ހުށަހެޅުއްވި އެވެ. އަދި އެ މާއްދާގެ ދަށުން ކައުންސިލަރުން މަގާމުގައި ތިބެވޭނެ ގޮތުގެ އުސޫލުތަކާއެކު "ސަންސެޓް" ގާނޫނެއް ފާސްކުރުމަށްވެސް އާޒިމް ހުށަހެޅުއްވި އެވެ.

ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުން ސަރުކާރުން ހުށައެޅި މާއްދާ އުނިކޮށް އިސްލާހުތަކަކާއެކު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ 63 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ސަރުކާރުން ހުށައެޅި ޚާއްޞަ ގާނޫނަކުން ލޯކަލް ކައުންސިލް އިންތިހާބު މިހާރު ފަސްކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ޤާނޫނުއަސާސީއަށް އިސްލާޙު ހުށައެޅިއެވެ. އެހެން ނަމަވެސް މިއީ ޤާނޫނުއަސާސީ އިސްލާހު ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވުމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ވަކި ބިލެއް މަޖިލީހަށް ހުށައެޅުއްވިއެވެ.

އެހެން ނަމަވެސް އެ ބިލުގެ ކޮމިޓީ މަރުހަލާގައި ދަޢުލަތުގެ ބަންޑާރަނައިބާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ވަނީ މިކަމަށް އޮތް ހައްލަކީ ޤާނޫނުއަސާސީ އިސްލާހު ކުރުން ކަމަށް ވިދާޅުވެފައެވެ. އެއާއި އެކު ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލު މަޖިލީހުގެ އެޖެންޑާގައި ތާވަލުކޮށް އޭގެ މަސައްކަތް ފެށިއެވެ. ޤާނޫނުއަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރި އިރު މެމްބަރުން ވަނީ އެކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ވެސް އެދިފައެވެ.

އެކަމުގައި ސުޕްރީމް ކޯޓުން ދީފައިވާ ލަފައަކީ މިހާރު ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބަދަލުގައި، އެ ބިލު ނުވަތަ އެނޫންވެެސް ބިލަކުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލުގެނައުމުގެ ބަދަލުގައި އެ މަގުސަދު ހާސިލު ކުރުމަށް ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު


10

ހަސަނާ

31-May-2020

ތީކީއްކުރާން ކުރާކަމެއް. ދައުލަތުން ކިތަށްރުފިޔާ ސަލާމަތްވާނެ ތިމީހުން ނެތިއްޔާ......



ފަހުގެ ލިޔުންތައް

ޓްރެންޑިން