މިއަދު ފުރުވާލި ބިދޭސީން އެއަރޕޯރޓް އިމިގްރޭޝަންގައި
މިއަދު ފުރުވާލި ބިދޭސީން އެއަރޕޯރޓް އިމިގްރޭޝަންގައި
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބަންގްލަދޭޝްގެ މީހުންގެ ތެރެއިން މިއަދުވެސް އިތުރު 195 މީހަކު ގައުމަށް ފުރުވާލައިފި އެވެ.

މި މީހުން ބަންގްލަދޭޝް އަށް ފުރުވާލާފައި ވަނީ ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އެ ގޮތުން މިއަދު 195 މީހަކު ފުރުވާލާފައިވާ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ. މޯލްޑިވިއަން އިން ބުނެފައިވާ ގޮތުގައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން ގެންދިޔަ 198 މީހުން އިއްޔެވެސް ވަނީ ޤައުމަށް ފޮނުވާލާފައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބަންގްލަދޭޝް މީހުންގެ ތެރެއިން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް-19 އަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް ރައްޔިތުންނެވެ. އެޗްޕީއޭއިން މީގެ ކުރިން ބުނެފައި ވަނީ ބަންގްލަދޭޝް މީހުންގެ މެދުގައި ބަލި ފެތުރުން އިތުރުވެފައިވަނީ، އެއްތަންކޮޅެއްގައި ތޮށްޖެހިގެން އުޅެން މަޖުބޫރުވެފައި ވާތީ ކަމަށެވެ. އެކަމާ ގުޅިގެން ރާއްޖޭގައި އުޅޭ ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އަދި ގިނަ ޢަދަދެއްގެ ބިދޭސީން އެފަދަ ހިޔާވަހިތަކަށް މިހާރު ވަނީ ބަދަލުވެސް ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 1591 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 1037 މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރެއިން 835 މީހުންނަކީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން