ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ކޯވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތް އަވަސް ކުރަން މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ދެކޮޅު ހައްދަވައިފިއެވެ.

މަޖިލީހުގެ ގަވާއިދު ބުނެފައިވަނީ ކޮމިޓީގެ ރިޕޯޓެއްގެ ބަހުސް ފެށޭނީ އެ ރިޕޯޓެއް ފާސްކޮށް މެންބަރުންނަށް ރިޕޯޓު ފޮނުވާތާ ތިން ދުވަސް ފަހުން ކަމަށެވެ. އެ ނޫން ގޮތަކަށް އަމަލު ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑައިގެން ކަމަށް މަޖިލީހުގެ ގަވާއިދުގައި ވަނީ ބުނެފައެވެ. މުޅިމަޖިލީހުގެ ކޮމިޓީއަކުން ދިރާސާކޮށް ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ކައުންސިލަރުން މަގާމުގައި ތިބެވޭނެ ކަމަށް ބަޔާން ކުރާ އިންތިގާލީ މާއްދާއެއް އިތުރު ކުރަން ރޭ ވަނީ ފާސްކޮށްފައެވެ. ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލަށް އެ ބަދަލު ގެނައީ ސުޕްރީމް ކޯޓުން ދިން ލަފައަށް ރިއާޔަތްކުރުމަށްފަހުއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މަސައްކަތް އަވަސް ކުރުމަށްޓަކާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމާ އެތައް ފަހަރެއްގެ މަތިން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް އަވަސް ކުރަން އެއްބަސްވެވަޑައިގެންފައިވާ ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މަޖިލީހުގެ މައިނޯރިޓީ ލީޑަރު މިހާރު މަޖިލީހުގެ އިދާރާއަށް އަންގާފައިވޭ، މައިނޯރިޓީ ލީޑަރު އެއްބަސްނުވަމޭ މަސައްކަތް އަވަސް ކުރަން، ބޭނުންފުޅު ވަނީ ގަވާއިދުގައި މިހާރު އޮންނަ ގޮތަށް ކުރިއަށް ދާން ކަމަށް، އެހެންކަމަށް ވާނަމަ ރިޕޯޓްގެ ބަހުސް ފެށޭނީ ގަވާއިދުގައި މިހާރު އޮތް ގޮތަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެމްބަރުންގެ ވޯޓުންނެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ ތިން ވަނަ ދުވަހު ހަމަވާއިރު ކައުންސިލަރުންްގެ ދައުރު ދަންމާލަން ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސްނުކުރެވިއްޖެ ނަމަ، ކައުންސިލްތައް ގާނޫނީ ހުސްކަމަކަށް ދާނެ ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން