ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް އަންނަ ހޯމަދުވަހުގެ ރޭ ދަންވަރު ވޯޓަށް އެހުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކައުންސިލްތަކުގެ ދައުރު ދަންމާލަން ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް ވޯޓަށް އެހުން އެޖެންޑާ ކުރެވުނެވެ. ނަމަވެސް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އެކަމަށް ތާޢީދު ނުކުރެއްވުމާއި ގުޅިގެން އެކަން ކުރެވެން ނެތްކަމަށް މިއަދު މަޖިލީހުގެ ރިޔާސަތުން ވަނީ ބުނެފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ފާސްކުރަން ވޯޓަށް އެހޭނީ، ކޮމިޓީން އެ ބިލެއް ނިންމާތާ ތިން ދުވަސް ފަހުންނެވެ. އެއަށްވުރެ އަވަސް ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރަޓީ ލީޑަރު އެއްބަސްވުމުންނެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް އެ ބިލުގެ މަސައްކަތް ކުރުމަށް ހޯމަ ދުވަހުގެ ރޭ 11:00 ގައި މަޖިލިހުގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެރޭ ދަންވަރު 1:00 ޖަހާއިރު ވޯޓަށް އަހާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެމްބަރުންގެ ވޯޓުންނެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސްނުކުރެވިއްޖެ ނަމަ، ކައުންސިލްތައް ގާނޫނީ ހުސްކަމަކަށް ދާނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިޢުލާން ކޮށްފައިވަ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު ބާއްވަން ކަނޑައެޅި ތާރީޚުގައި ނުބޭއްވޭނެތީ ސަރުކާރުން މިހާރު ވަނީ އެކަމަށް ޚާއްޞަ ގާނޫނީ ފަރުވާއެއް ހޯދައި ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު