ހައި ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު ޢަބްދުﷲ ޙަމީދާއި، ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

މިމައްސަލަ ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާއިރު، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ޖުޑީޝަލް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ޖޭއެސްސީން މި ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމަވާ ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި މި ދެފަނޑިޔާރުން ބައްލަވައިގަނެފައިވާ ކަމަށެވެ.

އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ޤަޟިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގުކޮށް ބެލިބެލުމުން، ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ޤާނޫނު އަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަމަށެވެ. އޭގެއިތުރުން ފަނޑިޔާރުންނަށް ހައުސިންގ ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތްހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓް ދީފައިވަނީ، މާލީ ހާއްސަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިންގ ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަން ފާހަގަވެފައިވާކަމަށެވެ.

މި ތުހުމަތު އެދެބޭފުޅުންގެ މައްޗަށް ސާބިތުވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 32-1 ވަނަ މާއްދާގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ފަނޑިޔާރުކަމުގެ މަގާމުން، އަލްއުސްތާޛު އަބުދުއްރައޫފް އިބްރާހީމް އަދި އަލްއުސްތާޛު ޢަބުދުﷲ ޙަމީދު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމީ ކަމަށް އެކޮމިޝަނުންވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން