ޚާއްޞަ ހާާލަތުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ޚާއްޞަ ހާާލަތުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިރޭ މެންދަމު 1:30 ގައި ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.

މިރޭ ޖަލްސާގައި އެޖެންޑާކޮށްފައި ވަނީ، ގާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރުމާއި، އެ ރިޕޯޓަށް ވޯޓަށް އެހުމެވެ.

މީގެއިތުރުން، މިރޭގެ ޖަލްސާގައި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020،" ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

އަދި ކޯވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ހަވާލުކޮށްފައިވާ މަސައްކަތްތައް ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވޯޓަށް އެހުންވެސް ތާވަލު ކޮށްފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށްފައިވާއިރު، މާދަމާ އަށް ދައުރު ހަމަވާ ކައުންސިލަރުންގެ ދައުރާމެދު ގޮތެއް ނިންމުމަށް ޤާނޫނު އަސާސީއަށް އިންތިޤާލީ މާއްދާއެއް އިތުރުކުރުމަށް ސުޕްރީމްކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހަށް އިސްތިޝާރީ ލަފައެއް ދީފައެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް އެމަސައްކަތް އަވަސް ކުރައްވަން އެއްބަސްވެވަޑައިގެންފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް މުހާއްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

"މަޖިލީހުގެ މައިނޯރިޓީ ލީޑަރު މިހާރު މަޖިލީހުގެ އިދާރާއަށް އަންގާފައިވޭ، މައިނޯރިޓީ ލީޑަރު އެއްބަސްނުވަމޭ މަސައްކަތް އަވަސް ކުރަން، ބޭނުންފުޅު ވަނީ ގަވާއިދުގައި މިހާރު އޮންނަ ގޮތަށް ކުރިއަށް ދާން ކަމަށް، އެހެންކަމަށް ވާނަމަ ރިޕޯޓްގެ ބަހުސް ފެށޭނީ ގަވާއިދުގައި މިހާރު އޮތް ގޮތަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެމްބަރުންގެ ވޯޓުންނެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ ތިން ވަނަ ދުވަހު ހަމަވާއިރު ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސްނުކުރެވިއްޖެ ނަމަ، ކައުންސިލްތައް ގާނޫނީ ހުސްކަމަކަށް ދާނެ ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން