ފޮޓޯ: ރަސްއޮންލައިން |
ފޮޓޯ: ރަސްއޮންލައިން |
ރޯދަ އަށް ހުރުމުން ވަރުބަލިވާ ވަރުން ރޯދަ ދޫކޮށްލުން

ރޯދަ މަހު ދުވާލު ފެންބޮވައިގަނެގެން ގޮސް ބައެއް ފަހަރަށް ހޮޑުލެވޭ ވަރުވެއެވެ. އަދި ބޯއަނބުރާ ވަރަށް ބޮޑަށް ވަރުބަލިވާ ގޮތްވެއެވެ. މީގެ ސަބަބުން ފެންފޮދެއް ބޮއި ރޯދަ ދޫކޮށްލުން ރަގަޅު ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ﷲ ސުބްޙާނަހޫ ވަތަޢާލާ ކޮންމެ އަޅުކަމެއްވެސް ޝަރްޢު ކުރައްވާފައިވަނީ ވަރަށް ލުއި ފަސޭހަ ގޮތަކަށެވެ. ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި ވާ ފަދައިންނެވެ. (يُرِ‌يدُ اللَّـهُ بِكُمُ الْيُسْرَ‌ وَلَا يُرِ‌يدُ بِكُمُ الْعُسْرَ‌) މާނައަކީ: " اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ."

ރޯދަ ދޫކޮށްލުން ހުއްދަވާ ވަރުގެ ބައްޔަކީ އެމީހެއްގެ ހަށިގަނޑުގައި ހުރި ބައްޔެއް ރޯދަ ހިފުމުގެ ސަބަބުން އިތުރުވެދާނެ ކަމަށް ބިރުގަންނަ ފަދަ ބައްޔާއި، ޝިފާ ލިބުން ލަސްވެދާނެ ކަމުގެ ބިރު އޮތް ބައްޔާއި، ރޯދަ ހިފުމުގެ ސަބަބުން ވެދާނެފަދަ ބައްޔެވެ.

އެހެންކަމުން، ސުވާލުގައިވާ ފަދައިން ރޯދަ އަށް ހުރުމުގެ ސަބަބުން ހޮޑުލަވާ، ބޯއަނބުރުމުގެ ސަބަބުން ހަށިގަނޑު ނިކަމެތިވާ ކަމަށްވަނީނަމަ، ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމަކީ މައްސަލަ އެއް ނޫނެވެ. ނަމަވެސް، ކުޅަދާނަކަން ލިބިގެންވާނަމަ، ފަހުން އެރޯދަ ގަޟާ ކުރަން ޖެހޭނެއެވެ. ރޯދަ ގަޟާ ކުރުމުގެ ކުޅަދާނަކަން ނެތްނަމަ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ. والله أعلم

ރޯދަ ނުވީއްލާ ކުރިޔަށް ގެންދިޔުން

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ވިޞާލް (ނުވިއްލާ ކުރިޔަށް ގެންދަވާކަމަށް) އެނގިފައިވެއެވެ. މިކަމުގެ ޙަގީގަތަކީ ކޮބައިތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ރޯދައިގާ ވިޞާލް ކުރުމަކީ ދެދުވަސް ނުވަތަ އެޔަށް ވުރެވެސް ގިނަ ދުވަސް ވަންދެން ރޯދަ ވިއްލުމަކާ ނުލާ ރޯދަ ކުރިޔަށް ގެންދިޔުމެވެ. މާނައަކީ ރޭގަނޑުގެ ގަޑީގައިވެސް އެއްޗެއް ކައިބޮއި ނުހެދުމެވެ.

ރަސޫލޫﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިގޮތަށް ރޯދަ ވިޞާލް ކުރައްވާ ކަމަށް ވެއެވެ. އެކަމަށްޓަކައި ބޭނުންވާނެ ހަކަތަ ﷲ ތަޢާލާ އެކަލޭގެފާނަށް ދެއްވައެވެ. އެހެންނަމަވެސް، އެކަލޭގެފާނުގެ އުއްމަތުގެ މީހުންގެ މައްޗަށް މިކަން މިގޮތަށް ކުރުން ވަނީ ނަހީ ކުރައްވާފައެވެ. އެބައިމީހުން އުފުއްލަން ޖެހިދާނެ ތަކްލީފަކަށް ޓަކައެވެ. އަދި އެބައިމީހުންނަށް ރަޙުމް ކުރެއްވުމުގެ ގޮތުންނެވެ.

روى البخاري (7299) ومسلم (1103) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لا تُوَاصِلُوا . قَالُوا : إِنَّكَ تُوَاصِلُ . قَالَ : إِنِّي لَسْتُ مِثْلَكُمْ ، إِنِّي أَبِيتُ يُطْعِمُنِي رَبِّي وَيَسْقِينِي . فَلَمْ يَنْتَهُوا عَنْ الْوِصَالِ ، قَالَ : فَوَاصَلَ بِهِمْ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَيْنِ أَوْ لَيْلَتَيْنِ ثُمَّ رَأَوْا الْهِلالَ ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَوْ تَأَخَّرَ الْهِلالُ لَزِدْتُكُمْ ، كَالْمُنَكِّلِ لَهُمْ ) . މާނައަކީ: އިމާމް ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ވިޞާލް ނުކުރާ ހުށި ކަމެވެ. ދެންނެވުނެވެ. ކަލޭގެފާނު ވިޞާލް ކުރައްވައެވެ. ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ ތިޔަބައިމީހުން ފަދަ މީހެއް ނޫނެވެ. ރޭގަނޑު ގަޑީގައި ﷲ ތަޢާލާ ތިމަންކަލޭގެފާނަށް ކާން ދެއްވައެވެ. އަދި ބޯންވެސް ދެއްވައެވެ. މިއާއި އެކުގައިވެސް ބައެއް ޞަޙާބީން ވިޞާލް ކުރެއްވިއެވެ. އެބައިމީހުންނާއި އެކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެރޭ ދެދުވާ ވަންދެން ވިޞާލް ކުރެއްވިއެވެ. އެއަށްފަހު ހަނދު ފެނުނެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. "ހަނދު ފެނުން ލަސްވީނަމަ ތިމަންކަލޭގެފާނު އިތުރަށް ވިޞާލް ކުރެއްވީމުހެވެ."

އިބްނު ގުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ގިނަ ޢިލްމުވެރިންގެ ރައުޔުގައި ވިޞާލް ކުރުމަކީ މަކްރޫހަ ކަމެކެވެ." (އަލްމުޣްނީ 4/436). والله أعلم

ރޯދަ އަށް ތިބެގެން ދެޖިންސުގެ މީހުން މެސެޖް ބަދަލު ކުރުން

ރޯދަ އަށް ހުރެ އަޅުގަޑު ރަށްޓެހިވެގެން އުޅޭ އަންހެން ކުއްޖަކާ ވެބްކަމް މެދުވެރިކޮށް ބައްދަލުކޮށް މެސެޖް ފޮނުވާ ހެދުމަކީ ކޮންކަހަލަ ކަމެއްތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ރޯދަވެރިޔާގެ މައްޗަށް ވާޖިބު ވެގެންވަނީ ﷲ އަށް ބިރުވެތިވެ ތަގްވާވެރިވުމެވެ. އަދި އެކަލާނގެ އަމުރު ކުރެއްވި ކަންތައް ކޮށް ނަހީ ކުރެއްވި ކަންތަކުން ދުރުހެލިވުމެވެ.

ރޯދައިގެ މަގްޞަދަކީ ހަމައެކަނި ކެއުން ބުއިމުން ދުރުހެލިވުމެއް ނޫނެވެ. އޭގެ ބަދަލުގައި ﷲ އަށް ތަގްވާވެރިވެ، މީހާގެ ނަފްސު ތަހްޛީބުކޮށް، ނުބައި ޢަމަލުތަކުން ދުރުހެލިވެ، އަދި އަޚްލާގީ ގޮތުން ދަށުދަރަޖައިގެ ޢަމަލުތަކުން ދުރުހެލިވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (ليس الصيام من الأكل والشرب ، إنما الصيام من اللغو والرفث) رواه الحاكم، މާނައަކީ: "ރޯދަ ހިފުމަކީ ހަމައެކަނި ކެއުން ބުއިމުން ދުރުހެލިވުމެއް ނޫނެވެ. އެހެންނަމަވެސް ރޯދަ ހިފުމަކީ އެންމެހައި ނުބައިކަންތަކާއި ފާފަތަކުންވެސް ދުރުހެލިވެގެން ހުރުމެވެ." والله أعلم



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން