މަސްދޯންޏެއް މަސްބާނަނީ؛ މަސްގަނެ އެކްސްޕޯރޓް ކުރުމުގެ އެކްސްކްލޫސިވް އެއްބަސްވުންތައް އޮތަސް މިހާރު އާންމުކޮށް ހުޅުވާލުމަށް ހުރަހެއް ނެތް
މަސްދޯންޏެއް މަސްބާނަނީ؛ މަސްގަނެ އެކްސްޕޯރޓް ކުރުމުގެ އެކްސްކްލޫސިވް އެއްބަސްވުންތައް އޮތަސް މިހާރު އާންމުކޮށް ހުޅުވާލުމަށް ހުރަހެއް ނެތް
ކަޅުބިލަމަސް ގަނެ އެކްސްޕޯޓްކުރުމުގެ ވިޔަފާރިއަކީ އާންމުކޮށް ހުޅުވާލެވިފައިވާ ސިނާޢަތަކަށް މިހާރު ހަދާފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތައް ހަދާފައިނުވާ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ޤަވާޢިދު ކޮމިޓީން ތައްޔާރުކުރި ރިޕޯޓަށް ބަހުސް ފެށުމުގެ ކުރިން، މިރޭގެ ޖަލްސާގައި ވަނީ މިނިސްޓަރު ޒަހާ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީ އެއް އިއްވާފައެވެ.

މިނިސްޓަރު ޒަހާގެ ސިޓީގައި ވިދާޅުވެފައިވަނީ ކަޅުބިލަމަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ވިޔަފާރިއަކީ އާންމުކޮށް ހުޅުވާލެވިފައިވާ ސިނާޢަތަކަށް މިހާރު ހަދާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކުރިން އެކަމަށް ހަދާފައިވާ އެކްސްކްލޫސިވް އެއްބަސްވުންތަކާމެދު ބަންޑާރަ ނާއިބު ލަފާ ދެއްވާފައިވަނީ އެ އެއްބަސްވުންތައް އެގޮތަށް އޮތް ނަމަވެސް އެ ސިނާޢަތް ހުޅުވާލުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އަދި މީގެ އިތުރުން މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ހަ ޤަވާޢިދެއް ހަދާ 31 މޭ ގައި ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށް މިނިސްޓަރުގެ ސިޓީގައި ވެއެވެ.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ މެނޭޖްމެންޓް ޕްލޭންތައް ހެދުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާކަމަށާއި ގާނޫނުން ލާޒިމުކުރާ މުއްދަތުގައި އެކަން ކުރެވޭނެ ކަމަށް މިނިސްޓަރުގެ ސިޓީގައި ވެއެވެ.

އަދި ރޭންޖަރުން އައްޔަނު ކުރުމަކީ މިނިސްޓްރީން ކުރާނެ ކަމެއްކަން ފާހަގަކޮށް، ރޭންޖަރުން ނެގުމުގެ ކަންކަމުގައި ކައުންސިލްތަކާއި އެލްޖީއޭއާއި އެކު މަޝްވަރާ ކުރެވިފައިވާކަމަށް މިނިސްޓަރުގެ ސިޓީގައި ވަނީ ބަޔާންކުރައްވާފައެވެ. އަދި މިކަމުގައި އެލްޖީއޭއާއި އެކު އެމްއޯޔޫއެއްގައި ސޮއި ކުރުމަށް ނިންމާފައިވާ ކަމަށާއި، އަދި ރޭންޖަރުންނަށް ދޭނެ ތަމްރީންތައް އެކުލަވާލާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި ސިޓީއާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރުންގެ ކަންބޮޑުވުންތަކަށް މިނިސްޓަރު ޒަހާ ޖަވާބު ދެއްވާފައިވާކަމަށެވެ. އަދި މެމްބަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކުރިއަށް އޮތްތަނުގައި އިތުރަށް މަސައްކަތްކުރައްވާނޭ ކަމުގެ ޔަޤީންކަން މިނިސްޓަރު ޒަހާ ދެއްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރުގެ ސިޓީގެ ހަތަރު ވަނަ ނުކުތާގައި އޮތް ކަޅުބިލަމަހުގެ ސިނާއަތް ހުޅުވާލުމަކީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުން ކުރަންއުޅެ ނުވެ އޮތްކަމެއްގެ ނިމުންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެކަމަށްޓަކައި ރައީސް ނަޝީދު ވަނީ މިނިސްޓަރު ޒަހާ ވަހީދަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރުގެ ސިޓީއާއި ގުޅިގެން މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތައް ހަދާފައިނުވާ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ޤަވާޢިދު ކޮމިޓީން ތައްޔާރުކުރި ރިޕޯޓް 69 މެމްބަރުންގެ ވޯޓާއެކު ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން