ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
މި ސަރުކާރުގެ ކޯލިޝަނާ ބެހޭގޮތުން ޕީޕީއެމްގެ މެންބަރުންނަށް ވާހަކަ ދެއްކެން ނެތް ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ސަރުކާރު ކޯލިޝަންގެ އެއް ބައިވެރިޔާ ގާސިމް އިބްރާހިމް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގަށް ރައްދު ދެއްވީ، މި ސަރުކާރު ވެރިކަމަށް އައުމަށް އުފެއްދި ކޯލިޝަން މިހާރު ނެތް ކަމަށާ ކޯލިޝަން އޮތްކަން ދައްކަން ވަކި ބޭފުޅުންތަކެއް ވަޒީރުންގެ ގޮތުގައި ބައިތިއްބާފައިވާ ކަމަށް ވިދާޅުވެ ދެއްކި ވާހަކަތަކާއި ގުޅިގެން ނިޒާމީ ނުކުތާ އެއް ނަންގަވައި ދެއްކެވި ވާހަކަފުޅުގައެވެ.

ގާސިމް ވިދާޅުވީ ކޯލިޝަންގެ ވާހަކަ ޕީޕީއެމަށް ދެއްކެން ނެތް ކަމަށާއި، ޕީޕިއެމްގެ ސަރުކާރުގައި ކޯލިޝަންގެ ބައިވެރިންނަށް ހެދީ ހިތުހުރި ގޮތެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ ޕީޕީއެމް ކަންތައްްކުރީ ކިހިނެތްތޯއޭ. ޕީޕީއެމް ސަރުކާރުގެ ވާހަކަވެސް އަޅުގަނޑުމެން ދައްކާލަން ހިނގާބަލާށޭ. އެހެންވީމަ ބަލަ، އެއް ބަޔަކާ ދިމާއަށް އެއްޗެއް ކިޔޭކަން ނެތެއްނޫންތޯ ތިމާމެންގެ ފަހަތް އޮތީވެސް ކިހިނެއްތޯވެސް ބަލާލަންޖެހޭނެ އިނގޭތޯ. އަޅުގަނޑު ދެކޭގޮތުގައި ތިޔަ ދައްކަވަނީ ވަރަށް ހުތުރު ވާހަކައެއް، ވަރަށް ހުތުރު ވާހަކައެއް އިނގޭތޯ." ގާސިމް ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް އިބްރާހިމް ވިދާޅުވީ ސަރުކާރު ކޯލިޝަން މަޖިލީސް އިންތިހާބާއެކު ނިމިފައިވާ ކަމަށާއި، ކޯލިޝަން އޮތްކަމަށް ދައްކަން މިހާރު ކުރާ ކަމަކީ ވަކިވަކި ބޭފުޅުންތަކެއް ވަޒީރުކަމުގައި ބޭތިއްބުން ކަމަށެވެ. ތޯރިގްގެ ވާހަކަގައި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ވާހަކަ ފާހަގަކުރެއްވުމުން ގާސިމް ނިޒާމީ ނުކުތާ އެއް ނަންގަވައި ތޯރިގް ވާހަކަ ދައްކަވަނީ މައްސަލައަށް ނޫން ކަމަށް ވިދާޅުވެ އެކަން ރިޔާސަތުގެ ސަމާލުކަމަށް ގެންނެވިއެވެ. އަދި މީހުންގެ ޒާތީ ކަންކަމާއި ގުޅޭގޮތުން މެންބަރަކު ވާހަކަ ދައްކަވަމުން ގެންދަވާއިރު ރިޔާސަތުން އެކަން ހުއްޓުވަންޖެހޭނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ނިޒާމީ މައްސަލަ ބަލައިގަނެ، އެއްވެސް މީހެއްގެ ޒާތީ ވާހަކަ ނުދެއްކުމަށް މެންބަރު ތޯރިގަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު އެންގެވިއެވެ.

އެކަމާއި ގުޅިގެން ތޯރިގް ވަނީ ދެން އެ ވާހަކަ ނުދައްކަވާނެ ކަމަށް ވިދާޅުވެ ގާސިމް އިބްރާހިމްގެ އަރިހުންވެސް މައާފަށް އެދިވަޑައިގެން އެ ވާހަކަ ހުއްޓަވާލައްވާފައެވެ.

މި ސަރުކާރުގެ ކޯލިޝަނާ ބެހޭގޮތުން ޕީޕީއެމްގެ މެންބަރުންނަށް ވާހަކަ ދެއްކެން ނެތް ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފާހަގަ ކުރެއްވީ ކޯލިޝަން ހަދައިގެން 2013 ވަނައަހަރު ޕީޕިއެމްގެ ސަރުކާރު ކޯލިޝަން ވެރިކަމަށް އައިތާ މާގިނަ ދުވަހެއް ނުވެ އެކޯލިޝަން ރޫޅާލި މައްސަލައަށް އިޝާރާތް ކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން