ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް
ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް
ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ޢަމަލުކޮށްފައިވަނީ މަޖިލީހުގެ ޤަވާޢިދުގެ 65 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

މެމްބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުންދާއިރު މަޖިލިހުގެ ރައީސްގެ އަމުރަށް މެމްބަރަކު ކިޔަމަން ނުވެއްޖެނަމަ ރިޔާސަތުން އަދި މެމްބަރުން ޢަމަލްކުރަންޖެހޭނެ ގޮތް މަޖިލީހުގެ ޤަވާއިދުގެ 65 ވަނަ މާއްދާގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

އަދި ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އަމަލު ކުރައްވާފައިވަނީ ޤަވާޢިދާ ޚިލާފަށް ކަމުގައި ރިޔާޒް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، މަޖިލީހުގެ ރައީސް މެންބަރެއްގެ ނަން އިއްވުމުން އެ މެންބަރަކު ޖަލްސާ ދޫކޮށް ނިކުންނަން ޖެހޭނެ ކަމަށާއި، އަދި ޖަލްސާ ދޫކޮށް ދިއުމަށް އިންކާރުކޮށްފިނަމަ، އެ ގަވައިދުގެ ބޭނުމަށް، އެ މެންބަރަކު ޖަލްސާ ގައި ހާޒިރުވެނެތް ކަމަށް ބަލައި، އެ ޖަލްސާ ކުރިއަށް ގެންދިއުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ލިބިގެންވާ ކަމަށެވެ.

އަދި މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭ ވަރަށް މަޖިލީހުގެ ނިޒާމް ގެއްލިއްޖެ ނަމަ މަޖިލީހުގެ އެ ޖަލްސާ އެހެންވަގުތަކަށް ފަސްކުރުމުގެ ބާރު މަޖިލީހުގެ ރިޔާސަތަށް ލިބިގެންވާ ކަމަށްވެސް އެ ޤަވާޢިދުގައި ވަނީ ބުނެފައެވެ.

ރޭގެ ޖަލްސާގައި، މެންބަރު ޝިޔާމްގެ ނަން އިއްވާ އޭނާ ނެރުމަށް ސާޖެންޓް އެޓް އާމްސް މަސައްކަތް ކުރެއްވިއިރު މަޖިލީހުގެ ބައެއް އެހެން މެންބަރުންވެސް ވަނީ ޝިޔާމް ނެރުމަށް މަސައްކަތް ކޮށްފައެވެ. އަދި ބައެއް މެމްބަރުން ވަނީ ޝިޔާމް ނުނެރެވޭނެ ކަމަށް ބުނެ، ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް ހުރަސް އަޅާފައެވެ. މި ހަމަނުޖެހުމުގައި، މެމްބަރު ޝިޔާމަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެފައިކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ރޭ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެ މައްސަލަ ޝިޔާމްގެ ފަރާތްޕުޅުން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން