ާރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ާރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީއަށް ގެނައި ފަސް ވަނަ އިސްލާހުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ތަސްދީގު ކުރެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސް ޞާލިޙަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

ރައީސް ޞާލިޙަށް ޝުކުރު އަދާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލްތައް ހިންގަމުން ގެންދިއުމުގެ ފުރުސަތު އޮތީ ބޮޑުކޮށް ކަމަށާއި, މި ހިންގުމަކީ ކޯވިޑް-19 އިން ރާއްޖެ އަރައިގަނެ އާންމު ދިރިއުޅުމެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ވިސްނުންތެރިކަމާއެކު ދިވެހިރާއްޖެ ހިންގަންފެށުމަކީ އެންމެންގެ ވާޖިބެއް ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ތާރީހުގައި ނުބޭއްވުމުން، ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ގާނޫނުއަސާސީއަށް ހުށައެޅި އިސްލާހު ޚިޔާލުތަފާތުވުން ތަކާއި، ހަމަނުޖެހުންތަކަށްފަހު، މަޖިލީހުން ފާސްކޮށްފައިވަނީ ރޭ މެންދަމުން އަލިވި ފަހުންނެވެ. ގާނޫނުއަސާސީއަށް ގެނެސްފައިވާ މި އިސްލާހަކީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާއި އެއްގޮތަށް ގެނެސްފައިވާ އިސްލާހެއް ކަމަށް އެމްޑީޕީގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

މި އިސްލާހުގެ ގެނައުމަށް ސަރުކާރުން ފުރަތަމަ ހުށައެޅުމުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޚިޔާލު ދެކަފިވެ ރައީސް ނަޝީދު ވެސް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ކޮންމެވެސް ވަރެއްގެ ހިތްޕުޅު ހަމަޖެހިވަޑައި ނުގަތުމެއް ހުރިކަން ހާމަވުމާއެކު ގިނަ ބަޔަކު ބުނަމުން ދިޔައީ ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. މަޖިލީހުގައި ހިނގާދިޔަ ބަހުސް ތަކުގެ ތެރެއިން ވެސް އެފަދަ ބައެއް ކަންކަން ހާމަވާ ފަދަ އަޑުތަކާއި މަންޒަރުތައް ފެނިގެން ދިޔައެވެ.

ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމަނައިގެން އެ ބިލު ރޭ ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ހަމަ އެއްވެސް މެންބަރަކު ނެތެވެ. ވޯޓުގެ ކުރިން މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއެކު ޕީޕީއެމާއި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގެންނެވުމުން ދެން ޖަލްސާ ކުރިއަށް ގެންދެވީ އިދިކޮޅު މެންބަރުންނަށް މަޖިލީހުގެ ދޮރުތައް ބަންދު ކުރައްވައިގެންނެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުގައި ގާނޫނު އަސާސީއަށް މަޖިލީހުން އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ހަތަރުބައި ކުޅަ ތިންބައިގެ މެންބަރުންގެ އަޣުލަބިއްޔަތުން ލިބިގެންނެވެ. މަޖިލީހުގައި މިހާރު 87 މެންބަރުން ތިއްބަވާއިރު، ހަތަރުބައި ކުޅަ ތިންބައިގެ އަޣުލަބިއްޔަތަކީ 66 މެންބަރުންނެވެ. ބިލު ތަސްދީގުކުރައްވައި، ކައުންސިލުތަކުގެ ދައުރު ދަންމާލާފަައި ވާއިރު، ކުރިން އޮތް ގޮތުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު މާދަމާއަށް ހަމަވާނެއެވެ.

ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ރައީސް ޞާލިޙް ތަސްދީގު ކުރެއްވީ މިއަދެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން