ރޭގެ ހަމަނުޖެހުމަށްފަހު ޝިޔާމު ގޮނޑިއެއްގައި އިށީނދެ ވަޑައިގެން
ރޭގެ ހަމަނުޖެހުމަށްފަހު ޝިޔާމު ގޮނޑިއެއްގައި އިށީނދެ ވަޑައިގެން
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގައި މާރާމާރީ ހިންގެވި ކަމަށްބުނެ އެ މައްސަލަ ބަލައިދިނުމަށް އިދިކޮޅު ކޯލިޝަނުން ފުލުހުންނަށް ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ސުޕްރީމް ކޯޓުން ދެއްވާފައިވާ އިސްތިޝާރީ ލަފައާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ޤާނޫނުއަސާސީ އަށް އިސްލާޙު ގެނައުމަށް ޓަކައި ރޭ ދަންވަރު މަޖިލީހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފްގެ ގައިކޮޅުގައި "ފައިކުރުކޮށް، ކޮޅުފައިން ޖެހި" މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އެ ހަމަނުޖެހުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ހިންގާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ އެންގެވުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވެއެވެ. އަދި މިނުރައްކާތެރި، ހަޑިމުޑުދާރު، ނާތަހުޒީބު ޢަމަލު ބައްލަވާ ފިޔަވަޅު އެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ މަޤާމަކީ ދައުލަތުގެ އިސް އަދި އެހާމެ ޒިންމާދާރު މަޤާމަކަށްވާއިރު، އެމަޤާމުގައި ހުންނަވާ ބޭފުޅަކު މިފަދަ ނުރައްކާތެރި އަދި ހަޑިމުޑުދާރު ޢަމަލެއް ހިންގުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށް ރޭ ބޭއްވި ޖަލްސާގައި، މެންބަރު ޝިޔާމްގެ ނަން އިއްވާ އޭނާ ނެރުމަށް ސާޖެންޓް އެޓް އާމްސް މަސައްކަތް ކުރެއްވިއިރު މަޖިލީހުގެ ބައެއް އެހެން މެންބަރުންވެސް ވަނީ ޝިޔާމް ނެރުމަށް މަސައްކަތް ކޮށްފައެވެ. އަދި އިދިކޮޅު މެމްބަރުން ވަނީ ޝިޔާމް ނުނެރެވޭނެ ކަމަށް ބުނެ، ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް ހުރަސް އަޅާފައެވެ. މި ހަމަނުޖެހުމުގައި، މެމްބަރު ޝިޔާމަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެފައިކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ރޭ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޝިޔާމަށް ހަމަލާދިން ކަމަށްބުނެ އޭނާ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން