މިއަދު އުވުނު އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް
މިއަދު އުވުނު އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރެއްވުމާ ގުޅިގެން ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑު އުވިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ރޭ މެންދަމު ފާސްކުރި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020 ގައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ އެބިލް ތަސްދީގު ކުރައްވާ ހިސާބުން ފެށިގެން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭގެ) ބޯޑު އުވޭނެކަމަށެވެ.

ޤާނޫނުގައި ވަނީ އެލްޖީއޭގެ ބޯޑަށް ހަތް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފަ އެވެ. އެލްޖީއޭގެ ބޯޑަށް ދައުލަތުން މިހާރު މުސާރަ ދޭ މީހަކު އައްޔަންކޮށްފި ނަމަ އެމީހަކަށް އިތުރު މުސާރައެއް ނުދިނުމަށްވެސް ބިލުގައި ބުނެފައިވެ އެވެ.

އެ ބިލުގައި އިންތިގާލީ އެލްޖީއޭއަށް ގިނަ ބާރުތަކެއް ވަނީ ދީފައެވެ. އެގޮތުން ވަގުތީ އިންތިޒާމްގެ ސަބަބުން ކައުންސިލް އިދާރާ ހިންގާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި ކައުންސިލް އިދާރާ ހިންގާނެ އުސޫލުތައް ގާނޫނަށް އަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި އެލްޖީއޭއިން އެކުލަވާލާ ކައުންސިލްތަކަށް ފޮނުވަން ޖެހޭނެއެވެ. އަދި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އެލްޖީއޭ އިންނެވެ.

އިންތިގާލީ މުއްދަތުގައި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ކައުންސިލްތަކުން ދީ، އެ ގާނޫނުގެ ދަށުން ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަކީ އެލްޖީއޭގެ ޒިންމާއެކެވެ.

މި ގާނޫނަށް އަމަލުކުރާނީ ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވަންދެނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އާ މެންބަރުން އިންތިހާބުވެ މަގާމާ ހަވާލުވަންދެން ހިނގާ ވަގުތީ މުއްދަތުގައި، ކައުންސިލްތަކުން ރައްޔިތުންނަށް ދޭންޖެހޭ ރަށްވެހިކަމުގެ އެންމެހައި ހިދުމަތްތައް މެދުކެނޑުމެއްނެތި ދޭން ޖެހޭނެ ކަމަށް އިންތިޤާލީ މަރުޙަލާގައި ލޯކަލް ކައުންސިލްތައް ހިންގުމާބެހޭ މި "ސަންސެޓް" ޤާނޫނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން