ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު
ގަދަބާރަކީ ހުރިހާ ކަމެއްގެ ހައްލު ނޫންކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް ރޭ މެންދަމު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައި ވަނިކޮށް، ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވީ، ގަދަ ބާރަކީ ހުރިހާ ކަމެއްގެ ޙައްލު ނޫން ކަމަށެވެ.

ޝައިޚް ޒައިދު ވިދާޅުވީ، ހަމަނުޖެހުންތަކަށް އޮތް ހައްލަކީ، އިސްލާމީ ރިވެތި އަޚްލާޤު އަށަގެންނެވުން ކަމަށެވެ.

ޝައިޚް ޒައިދުގެ އިތުރުން މަޝްހޫރު ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒާހިރު ވެސް ވަނީ ރޭ މަޖިލީހުގެ ތަޅުމުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ވާހަކަ ދައްކަވާފައެވެ.

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ، ރަނގަޅު މުޖްތަމަޢެއް ބިނާ ކުރުމަށް އެންމެ މުހިންމު އެއްކަމަކީ ރިވެތި ނަމޫނާ ދެއްކުން ކަމަށެވެ. އަދި ބޮޑެތި މީހުންގެ ފަރާތުން އެނަމޫނާ ނުފެންނަ ނަމަ މުޖުތަމަޢު ފަސާދަވެގެން ދާން މާ ގިނަ ދުވަސް ނުނަގާނެ ކަމަށް ޝައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމްގެ ނަން އިއްވާ އޭނާ ނެރުމަށް ސާޖެންޓް އެޓް އާމްސް މަސައްކަތް ކުރެއްވިއިރު މަޖިލީހުގެ ތަޅުމުގައި މެމްބަރުންގެ މެދުގައި ވަނީ، ހަމަނުޖެހުންތަކެއް ހިނގާފައެވެ. މި ހަމަނުޖެހުމުގައި، މެމްބަރު ޝިޔާމަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެފައިކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ އަށް އަނިޔާވެފައިވާ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ ޢަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ރޭ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެ މައްސަލަ ޝިޔާމްގެ ފަރާތްޕުޅުން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން