އިޒްރާއީލަށް ތާއީދު ކުރާ ގިނަބަޔަކު ހިމެނޭ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން، އަލްޖަޒީރާގެ ނޫސްވެރިއެއްކަމަށްވާ ޝީރީން އަބޫ އަކްލޭގެ މަރު ތަހުގީގު ކުރުމަށް ގޮވާލައިފިއެވެ.

ނޫސްވެރިޔާ ޝީރީން އަބޫ އަކްލޭގެ މަރު ތަހުގީގު ކުރުމަށް ގޮވާލައި އެމެރިކާގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ރަޝީދާ ތަލީބް ވަނީ ޝީރީނަށް ދިން ހަމަލާ ކުށްވެރިކުރައްވައި، ޝީރީންގެ ހަނދާނުގައި މަޖިލީހުގައި ހިމޭންކަމުގެ ސުކޫތުކޮޅެއް ގެންނަވާފައެވެ.

މިދިޔަ ބުދަ ދުވަހު އިޒްރާއީލުގެ ބެލުމުގެ ދަށުގައިވާ ފަލަސްތީނުގެ ވެސްޓްބޭންކް ސަރަހައްދުގައި ހިނގާދިޔަ މިހާދިސާގައި ޝީރީން މަރާލައިފައިވަނީ އޭނާގެ މޫނަށް ބަޑިޖަހައިގެން ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީންް ހާމަކޮށްފައިވެއެވެ.

މިހާދިސާއާއި ގުޅިގެން މިހާދިސާ ކުއްވެރިކޮށް އެކިގޮތްގޮތުން އަޑު އުފުލަމުންދާ އެމެރިކާގެ ކޮންގްރެސްގެ މެމްބަރ ރަޝީދާ ތަލީބް ވަނީ، ނޫސްވެރިއާ މަރާލީ، ނޫސްވެރިއެއްކަން އަންގައިދޭ ނިޝާނެއް އަޅައިގެން ހުއްޓައި، އެމެރިކާއިން ފަންޑު ކުރާ ބަޔަކުކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތަކަސް އެމެރިކާގެ ރައްޔިތަކަސް، އެމެރިކާއިން ހަރަދުކޮށްގެން ކުށެއްނެތް އާންމުން މެރުން ހުއްޓުވަން ޖެހޭނެކަމަށް ރަޝީދާ ތަލީބް ވިދާޅުވިއެވެ.



ފަލަސްތީނުގެ ބޮޑު ސަރަހައްދެއް އިޒްރާއީލުގެ ބެލުމުގެ ދަށުގައިވާއިރު، އިޒްރާއީލުގެ ސިފައިންނަށް އެންމެ ގިނައިން ހަރަދުކުރާ އެއްގައުމަކީ އެމެރިކާއެވެ. އެމެރިކާއިން އަހަރަހު 3.8 ބިލިއަނެއްހާ ޑޮލަރުގެ އެހީ އިޒްރާއީލުގެ ސިފައިންނަށް ހަރަދު ކުރާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޒްރާއީލުން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިޔާ މަރުވި ހާދިސާ ތަހުގީގު ކުރުމަށް އެމެރިކާގެ ކޮންގްރެސްގެ މެމްބަރ ރަޝީދާ ތަލީބްގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. ނަމަވެސް ޕްރެޝަރ ބޮޑުވެ އިޒްރާއީލު ސިފައިން ދަނީ އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން މަރާލީ ފަލަސްތީނު ސިފައިންކަމަށް ތުހުމަތުކުރަމުންނެވެ.

ޝީރީން މަރާލި މައްސަލައިގައި ދުނިޔޭގެ މަޝްހޫރު ނޫސްވެރިން ވާހަކަ ނުދައްކައި އަދި އެކަމާ ދެކޮޅަށް އަޑުއުފުލަމުން ނުދާތީ ވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި ދުނިޔޭގައި ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމާއަތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް އަޑުއުފުލާ ފަރާތްތަކުން ޝީރީންގެ ހައްގުގައި އަޑުއުފުލާ މިންވަރު ވަރަށް މަޑު ކަމަށް ވެސް އެފަދަ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ޝީރީނަކީ އަރަބި ބަހުން ފަލަސްތީނުގެ ހަބަރުތައް ގެނެސް ދިނުމުގައި މަޝްހޫރުކަން ލިބިފައިވާ ނޫސްވެރިއެކެވެ. އަދި އޭނާއަށް ހަމަލާދިން އިރު އޭނާ އަކީ އިޒްރާއީލުގެ ބެލުމުގެ ދަށުގައިވާ ފަލަސްތީނުގެ ވެސްޓްބޭންކުގެ ހަބަރުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ސީނިއަރ ރިޕޯޓަރެކެވެ. އަދި ޝީރީން މަރުވިއިރު، އޭނާ ވަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން 25 އަހަރު އަލްޖަޒީރާގައި މަސައްކަތްކޮށްފައެވެ.

ފަލަސްތީނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ހުސްވި 22 އަހަރު ދުވަހުގެ ތެރޭގައި 45 ނޫސްވެރިއަކު ވަނީ އިޒްރޭއީލުން ހަމަލާދީ މަރާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން