މިހާރު އޮތް ވެރިކަމަކީ ނަމެއްގައި ކޯލިޝަނެއްގެ ވެރިކަމެކޭ ބުންޏަސް މިހާރު ހިނގަނީ އެމްޑީޕީގެ ވެރިކަމެއްކަމުގައި ބުނީމާ ދެބަސް ވާނީ ހަމަ ދާދިމަދު ބައެކެވެ. ސަބަބު ތަކެއް ނެތިއެއް ނޫނެވެ. މިހާތަނަށް ސަރުކާރުން ވެރިކަން ހިންގުމުގައާއި، ގާނޫނުތައް ހެދުމާއި އިސްލާހު ކުރުމާއި ގައުމާއި ސަރުކާރު ހިންގުމަށް ކަންކަން ނިންމުމުގައި އެބުނާ ކޯލިޝަނެއްގެ ކުޑަވެސް ޚިޔާލެއް، ބަހެއް ހޯދައިގެން ކަމެއް ކޮށްފައެއް ނުވެއެވެ. އަދި އެބުނާ ކޯލިޝަނަށް ނިސްބަތްވާ ވަޒީރުން "ކަނޑާ ވައްޓާލުމުގައި" ވެސް އެބުނާ ކޯލިޝަންގެ ރުހުމެއް އަދި ބަހެއްވެސް ހޯދާފައެއް ނުވެއެވެ. ރައްޔިތުން މަޖިލީހުގައި ވެސް ކަންކަން ހިނގަމުން ދަނީ ހަމަ މި ބީދައިންނެވެ. ޕާޓީގެ ސުޕަރ މެޖޯރިޓީގެ ރުހުމާއެކު މަޖިލީހުގެ ތެރެއިން ނިންމާ ހުރިހާ ނިންމުމެއް ނިންމަމުން އެދަނީ އެމްޑީޕީން ނުވަތަ އެޕާޓީގެ އިސް ވެރިން ބޭނުންވާ ގޮތަށެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ބެލިޔަސް ކަން އޮތީ ހަމަ މިބީދައިންނެވެ. ސަރުކާރުން ބައިއަޅައިގެން އައި ނަމަވެސް މިހާރު އެއޮތީ ރާމާ މަކުނުގެ ބޯކިބާ ބަހައިދިނުމަށް އެކަންވެ ނިމިފައެވެ.

އެބުނާ ކޯލިޝަނެއް ރުއްސަން ބަސްފުޅެއް ވިދާޅުވިއްޔާ ވިދާޅުވަނީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. އެކޯލިޝަން މިހާތަނަށް ވެސް ދެމި އެއޮތީ އެމަނިކުފާނުގެ ހިކުމަތު ޢަމަލީގެ ބޭނުންފުޅު ހިއްޕަވައިގެން އެބޭފުޅުން ގެންގުޅުއްވާތީއެވެ. ދުށްތަނާ ފެނުނު މަންޒަރާއި ކުރެވުނު ތަޖުރިބާއާއި ލިބުނު ފިލާވަޅު ބުނެދެނީ އަދިވެސް ވެރިކަން ލިބޭން އޮތީ ނުވަތަ ވެރިކަމުގައި ދެމިތިބެވޭން އޮތީ ކޯލިޝަނާއެކުގައި އުޅެގެން ކަމަށް ވާތީ ކުރިއަށް އޮތް ތަނުގައި ވެސް އެކަން އެގޮތަށް ކުރަށްވާން ރައީސުލްޖުމްހޫރިއްޔާ އެނިންމެވީވެސް ވަރަށް ރަނގަޅަށް ހިސާބު ޖައްސަވާފައި ކަމީ އެއްވެސް ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. ހަގީގަތުގައި އެމަނިކުފާނުގެ މިނިންމެވުމަކީ ޕާޓީއަށްޓަކައި، ޕާޓީގެ މެންބަރުންގެ ހައްގުގައި ނިންމެވި ނިންމެވުމެކެވެ. މާޒީވެދިޔަ މަގުމަތިވި ހަތް އަހަރުގެ ހިތި ތަޖުރިބާގެ އަލީގައި، އެ ދުވަސް އަލުން ޕާޓީ ތަޖުރިބާ ކުރިޔަ ނުދޭން ނިންމެވި ނިންމެވުމެކެވެ. ހަމަ ޔަގީނުންވެސް އަދި ފަސް އަހަރު ޕާޓީއަށް، ޕާޓީގެ މެންބަރުންނަށް ދިވެހި ގައުމުގެ ވެރިކަމުގައި ގައުމު ހިންގުމުގައި، ދިވެހި ރައްޔިތުންނަށް ޚިދުމަތްކޮށް ބަސް ކިއުމުގައި ދެމި ތިބެވޭނެ މަގު ކޮށައި ދެއްވުމެވެ.

ނަމަވެސް ރައީސް ޞާލިޙު އެކަން އާންމުކޮށް އިޢުލާން ކުރެއްވުން ވެގެން ދިޔައީ އެމްޑީޕީގެ ފަރާތުން ގައުމުގެ ވެރިކަން ކުރަން ޖެހޭނީ ތިމަން މަނިކުފާނު ކަމުގައި ގަބޫލުފުޅު ކުރަށްވައިގެން އަދި ކޮންމެވެސް ރަނގަޅު އަދަދެއްގެ މެންބަރުން ކޮޅެއްގެ ވެސް ވިސްނުމާއި ތާއީދާއެކު މިވެރިކަން ފެށުނީއްސުރެ އެމަގަށް މަސައްކަތް ކުރަށްވަމުން ގެންދަވާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ބަލައިގަންނަން ނުވަތަ ހަޖަމު ކުރަށްވަން ނޫނީ ގަބޫލުފުޅު ކުރަށްވާން ވަރަށް ވެސް ދަތިފުޅުވެ އުނދަގޫފުޅުވި ކަމަކަށެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލު ކުރަށްވައިގެން ވެސް މިދައުރު ފުރިހަމަ ނުވަނީސް ވެރިކަމުގެ ބާރުތައް ހޯއްދަވަން ނަޝީދު ފެއްޓެވި މަސައްކަތްޕުޅު ޕާޓީގެ ޗެއާޕާސަންގެ އިންތިޚާބާއި ހަމައިން ކަފުންކޮށް އެވިސްނުންފުޅާއި ދުރަށް ވަޑައިގަންނަވަން ވެއްޖެކަމަށް ޕާޓީގެ މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމި ނިންމުން ވެސް އެމަނިކުފާނަށް ބަލައިގަންނަވަން ދަތިފުޅުވިކަން ނޫނީ ބޭނުންފުޅު ނުވިކަން ހާމަވާ އެއް ހެއްކަކީ އެނިންމުމާއި ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރަށްވައި އެމަނިކުފާނުގެ ވިސްނުންފުޅާ އެއްމިސްރާބަކަށް ދަތުރު ކުރަށްވާ 18 މެންބަރުން ގޮވައިގެން އަމިއްލަފުޅު ޕާޓީގެ ވެރިކަމާއި ދެކޮޅަށް ނުކުމެ ވަޑައިގެންނެވުމެވެ.

އަމިއްލަ ޕާޓީގެ ވެރިކަން ބަލިކަށި ކޮށްލައި ޕާޓީގެ ފަރާތުން ރައީސްކަން ކުރަމުން ގެންދާ މީހާ ކުޑަކަކޫ މައްޗަށް ތިރިކޮށް ދަތިއަޅުވައި ވައްޓާލައި ވެރިކަން ފުރޮޅާލައިގެން ނަމަވެސް މިވެރިކަން ނިމުމަކަށް ގެނަސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް މަގު ކޮށްޓެވުމަކީ މިހާރު އެކުރަށްވާ މަސައްކަތްޕުޅެވެ. ޕާޓީގެ ޗެއާޕާސަން، މިސަރުކާރުގެ އިޤުތިޞާދީ ވަޒީރު ފައްޔާޒު އިސްމާއީލާއި މާލީ ވަޒީރު، އަމީރާއި އަދި ޚުދު ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅުތަކާއި ދިމާ ދެކޮޅަށް، އިދިކޮޅު ފަރާތްތަކުން މިސަރުކާރު ބަލިކަށިކޮށް، ނިކަމެތިކޮށް، އަގުވައްޓާލާ އަދި އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނައުމަށް ދައްކަމުންދާ ހުރިހާ ވާހަކައެއް ހަމަ އެރާގުގައި ނަޝީދު އެދައްކަވާ އެންމެ ބޮޑު ސަބަބަކީ އެއީ ކަމުގައި އެބޭފުޅުންނަށް ވެސް މިއަދު ވިސްނި ވަޑައިގަންނަވައެވެ.

ދަރަނި ދެއްކޭނެ ވަރު ގައުމުގެ އިގުތިޞާދުގައި އެބަހުއްޓޭ، ދަރަނި ދައްކާން ދަރަންޏެެއް ނުނަގަމޭ އަދި ދަރަނި ނަގާކަށް ގައުމުގެ ހަރުމުދަލެއް ނުވިއްކަމޭ ނުވަތަ ރަހުނެއް ނުކުރަމޭ އެބޭފުޅުން ގޮވަމުން ދިޔަ ނަމަވެސް އެވާހަކަ އަޑު ނާއްސަވާ ނަޝީދު ހަނި ފުރުސަތެއް ލިބިވަޑައިގެންނެވި ނަމަވެސް ވިދާޅުވަމުން ގެންދަވަނީ ދަރަނި ދައްކާން ދަރަނި ނަގަމުންދާ ވާހަކައާއި ލޯނުތައް ދެއްކުން ފަސްކޮށް ލޯނުތައް ދައްކަންޖެހޭ ތަރީޚުތަކާއި ގޮތްތައް އަލުން މުރާޖަޢާކުރަން ޖެހޭ ވާހަކައެވެ. ދަރަނި ނުދެއްކޭ ހާލަތަށް ގައުމުގެ އިގުތިޞާދު ގޮސްފައިވާ ވާހަކައެވެ. މުސާރަ ދޭށާއި މަޝްރޫޢުތައް ހިންގާން މަތިމައްޗަށް ފައިސާ ޗާޕުކުރާ ވާހަކައެވެ. އިތުރަށް ދަރަނި ނެގުން ހުއްޓާލާ ވާހަކައާއި ގައުމުގެ އުމްރާނީ ތަރައްގީއަށް ހިންގާ މަޝްރޫޢުތައް ހުއްޓާލާ ވާހަކައެވެ. އަދި އަވަށްޓެރި ސްލީ ލަންކާއަށް ޖެހިފައި އޮތް ހާލަތު މިގައުމަށް ވެސް ޖެހޭނެ ކަމުގެ ބިރުވެރި ވާހަކައެވެ.

މިއީ އިދިކޮޅު ކޯލިޝަންގެ މެންބަރުންނާއި އިދިކޮޅު މަޖިލިސް މެންބަރުން މިއަދު އެންމެ ބާރަށް ދައްކާ ވާހަކައެވެ. މިވާހަކަތައް ނަޝީދު ތަކުރާރު ކުރަށްވާއިރު، ހަމަ ހީވަނީ އެބޭފުޅުން އެ ތުރުކުރަށްވައިގެން ތިއްބަވާ ތަނުން ކޯޓެއް ހެއުވަރުކޮށްލައްވައިގެން ތުރުކުރަށްވައިގެން ހުއްނަވާހެންނެވެ. ހަމައެކަނި ތަފާތަކީ އެމަނިކުފާނު އިންނަވާ ގޮނޑިކޮޅާއި ހުންނަވާ މަގާމެވެ. އެމަނިކުފާނުގެ ބަހުރުވައާއި އެބަހުރުވައިގެ ރާގަކީ ހަމަ އެއްރާގެކެވެ. ވިދާޅުވަނީ ހަމަ އެއް އަންބާއެކެވެ. ބެރުގައި ޖައްސަވަނީ ހަމަ އެއް ފުނައެކެވެ.

ރައީސް ޞާލިހު ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން އިޢުލާން ކުރެއްވުމާއެކު މިހާރު ފެންނަމުން މިދަނީ ވަރަށް ތަފާތު މަންޒަރުތަކެކެވެ. އަދި އިވެމުން މިދަނީ ވަރަށް ތަފާތު އަޑު ތަކެކެވެ. ނަޝީދަށް ވަފާތެރި 18 މެންބަރުންގެ އަތުގައި ހިއްޕަވައިގެން އިދިކޮޅުގެ ވިސްނުމާއި އެއްގޮތަށް ރައީސް ޞާލިހަށް ވެރިކަމުގެ އިތުރު ދައުރެއް ނުދޭން ކުރެވުނު ހުރިހާ މަސައްކަތެއް ކުރަށްވާނެ ކަމުގެ ވާހަކައެވެ. ރައީސް ޞާލިހަށް އިތުރު ދައުރެއް ދިނުމަށްވުރެ އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް 2023 ދިނުން ވެސް މާރަނގަޅު ކަމަށް ނަޝީދަށް ގަބޫލުކުރެއްވެނީއެވެ. އިދިކޮޅު ލީޑަރަށް 2023 ދީފައި އެމަނިކުފާނަށް 2028 ވެސް ލިބިދާނެ "ނަމަވެސް" ވަރިހަމައީއެވެ. އަޑުތައް އިވޭ ގޮތުން މިހާތަނަށް އޮތް "ޑީލަކީ" ނުވަތަ ވިސްނުންފުޅަކީ އެއީއެވެ.

އިދިކޮޅުން ވާހަކަ ދައްކަވާ ބީދައިން ނަޝީދު ވިދާޅުވާ ބަސްފުޅުތަކަކީ އަދި ޖައްސަވާ ހިސާބު ތަކަކީ "އަދުރޭ ޖައްސަވާ" ފަދަ ހިސާބުތަކެއް ކަމަށް މިސަރުކާރުގެ އިގުތިޞާދީ ވަޒީރާއި މާލީ ވަޒީރު ވިދާޅުވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ޖަވާބުދާރީ ވެވަޑައިގަންނަވަނީވެސް އަދި ވާދަކުރަށްވަނީ ވެސް ރައީސް ޞާލިޙާއި ކަމަށެވެ. އެހެންވީމާ މިހާތަނުން ވެސް މިއޮތީ ނަޝީދުގެ ވިސްނުންފުޅު ހަމަ ރަނގަޅަށް ތިލަވެފައެވެ. އެމަނިކުފާނު ކުރަށްވާން އެއުޅުއްވަނީ ކޮން ކަމެއްކަން ކިތަންމެހާވެސް ރަނގަޅަކަށް އެނގި ޔަގީންވެފައެވެ.

ރައީސް ނަޝީދު ކުރީގައި ހީފުޅުކުރެއްވީ ރައީސް ޞާލިހު އެއުޅުއްވަނީ ތަބަބަކަށް ލާފައިދޭ ޕާޓީގެ ރިޔާސީ ޓިކެޓެއްގައި ނުކުމެވަޑައިގެން ވެރިކަމުގެ އިތުރު ދައުރެއް ހޯއްދަވާން ކަމަށެވެ. ޕާޓީގެ އެތެރޭގެ ޕްރައިމަރީއެއް ބާއްވައިގެން ރިޔާސީ ޓިކެޓް ދޭން އަމަނިކުފާން ފުރަތަމަ ވަކާލާތު ކުރެއްވީ އެހެން ވެގެންނެވެ. ނަމަވެސް ރައީސް ޞާލިހުގެ އަރިސް ބޭފުޅުން ޔަގީން ކޮށްދޭ ގޮތުންނަމަ ރައީސް ޞާލިހު ރިޔާސީ ދެވަނަ ދައުރަކަށް ޓިކެޓް ހޯއްދަވާނީ ޕްރައިމަރީއަކުންނެވެ. ނަޝީދު ބޭނުންފުޅުވާ ގޮތަށް އެމަނިކުފަނާއި ވާދަކުރަށްވައި ބޮޑު ބައްޔަކުން ބަލި ކުރަށްވައިގެންނެވެ. އެބޭފުޅުން ވިދާޅުވާ ގޮތުންނަމަ މިހާރު ރައީސް ނަޝީދުގެ ވިސްނުންފުޅާއި ރާގު އިދިކޮޅާއި އެއްގޮތަށް ދީލާލި އެންމެ ބޮޑު އެއް ސަބަބަކީ ރައީސް ޞާލިޙާއި ވާދަކުރަށްވައިގެން އެ އިންތިޚާބުން ބަލިވެ ވަޑައިގަންނަވާ މަންޒަރު ފެނިވަޑައިގެންނެވުމުންނެވެ.

އެހެންވީމާ އެމްޑީޕީގެ މެންބަރުންނާއި ދިވެހި ގިނަރައްޔިތުންގެ "ޗޮއިސް" އަކީ ރައީސް ޞާލިހުކަމަށް އެބޭފުޅުންނަށް ވެސް ގަބޫލު ކުރެއްވެނީއެވެ. އެ "ޗޮއިސް" ގެ ބޭނުން ނުހިފައިފި ނަމަ އެމްޑީޕީއަށް، އެމްޑީޕީގެ މެންބަރުންނަށް ވެރިކަން ގެއްލުނީއެވެ. ނަޝީދު މިހާރު އެގެންގުޅުއްވާ ވިސްނުންފުޅާއި އެއްގޮތަށް ވަޑައިގެންފި ނަމަ ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލޭނީއެވެ. ރައީސް ޔާމީނަށް ވެރިކަމާއި ކުޑަބޭރު އެރުއްވުނަސް "ޒަމާން ދިޔައީ" އެވެ. ހުރިހާ ސިޔާސީ ލީޑަރުން އަނެއްކާވެސް ޖަލަށެވެ. ކުރިއަށް އޮތް ވިހި ތިރީސް އަހަރުވެސް އެމްޑީޕީއަކަށް ވެރިކަމަކާއި ކުޑަބޭރުވެސް ނޭރޭނެއެވެ. ދެން އެމްޑީޕީގެ މެންބަރުން މަގުމަތީގައި ތިބެން ޖެހޭނީ ހަތް އަހަރަކު ނޫނެވެ. 14 އަހަރު ވިޔަސް މަގުމަތީގައި ތިބެން ޖެހުމަކީ ނުވުމަށް ވުރެ ވުން ގާތް ކަމެކެވެ.

ކަން މިހެން އޮތް އިރު އެހިތި ބޭސް ބޮއި އެހިތި ރަހަ އަރުބުޑުގައި ލާފައިވާ އެމްޑީޕީގެ އެންމެ މެންބަރަކުވެސް އެ ބީދައިން ކަންކަންވާކަށް ނޭދޭނެއެވެ. އަދި ވެރިކަމާއި ހަމައަށް ވަސިލުވާނެކަން ޔަގީންވާ މަގުން ހިނގޭން އޮއްވައި ވަކި މީހަކަށް ފައިދާއާއި މަންފާއާއި ޝާނާ ޝައުކަތު ހޯދައި ދިނުމަށް އެމަގާއި ދިމާ ދެކޮޅު މަގަކުން ވެރިކަން ހޯދަން ދާން އެފަދަ އެންމެ މެންބަރަކު ވެސް ގަބޫލުވާނެ ކަމަށް ހަމަބުއްދިން ވިސްނާއިރު ގަބޫލު ނުކުރެވެނީއެވެ. އެއީއަކީ އެމެންބަރުން ވެސް ނަޝީދަށް އަދި އެއްފަހަރު ވެރިކަން ކޮށްލާން ފުރުސަތު ދޭން ބޭނުން ނުވާތީއަކީ ނޫނެވެ. އަދި ނަޝީދަކީ، ނަޝީދުކަން ނުދަންނާތީއަކީ އެއްވެސް ނޫނެވެ. އެކަމަކު މިހާރުގެ ހާލަތާއި މާހައުލު އޮތް ގޮތުން އެމްޑީޕީއަށް އޮތް "ޗޮއިސް" އަކީ ރައީސް ޞާލިހުކަން އެމެންބަރުންނަށް ވެސް ކަށަވަރުވެ ޔަގީންވަނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން