އިންޑިއާ އައުޓް ހުއްޓުވުމަށް ޤާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުންއުޤޫބާތަށް އިސްލާހު ގެނައުމަށް ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.


ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ޤާނޫނުލްއުޤޫބާތުގައި ބަޔާންކުރާ އަމަންއާއްމުކަމާއި، ރައްކާތެރިކަމާއި، އަހްލާގީ މިންގަނޑުތަކާއި ގުޅޭ ކުށްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުމެވެ. އަދި އެކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.މި އިސްލާހުގެ ދަށުން އެހެން ޤައުމެއްގެ ދިދައަކަށް ޤައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލު ގެނައުމަކީ ކުށެކެވެ. އަދި އެހެން ޤައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުމަކީ ކުށެކެވެ. މީގެއިތުރުން އެހެން ޤައުމެއްގެ ރައްޔިތަޔަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުމަކީ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު