ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ
މެޑިކަލް ސެޓިފިކެޓާ ނުލައި އަހަރަކު 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ވަޒީފާއާއި ބެހޭ ޤާނޫނަށް ބަދަލު ގެންނަވާނެ ކަމަށް، އެ ބިލު އެންމެ ފުރަތަމަ ހުށަހެޅުއްވި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް މިހާރު މުވައްޒަފުންނަށް ގިނަވެގެން 30 ދުވަސް ބޭނުން ކުރެވެއެވެ. އަދި އެމްސީއެއް ހުށަހެޅުމުން ނޫނީ އެމުވައްޒަފަކަށް ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމެއް ނޫނެވެ. މިހާރު ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައި ވަނީ އެންމެ ދުވަހަކު ވެސް ސަލާމް ބުނާ ނަމަ އެމްސީ ހުށަހަޅަން ޖެެހޭ ގޮތަށެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި އިސްލާހު ހުށައެޅުއްވުމާއެކު އާންމުންގެ ގިނަ ބަޔަކު ވަނީ އިސްލާހާއި މެދު ނުރުހުން ފާޅުކޮށް ފާޑު ކިޔާފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މެމްބަރު އީސަ ވިދާޅުވީ، އެމްސީ ހުށައަޅައިގެން ނޫނީ އެންމެ ދުވަހަކު ވެސް ސަލާމް ނުބުނެވޭ ގޮތަށް ބިލުގައި އޮތް އޮތުން ކޮމެޓީ މަރުހަލާގައި ބަދަލުކުރައްވާނެ ކަމަށެވެ. އަދި އެކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެމްސީ އާއެކު 15 ދުވަސް އަދި އެމްސީ ނުލައި 15 ދުވަސް، އަހަރަކު ޖުމުލަ 30 ދުވަހުގެ މެޑިކަލް ލީވް ނެގޭނެ ގޮތަށް އިރާދަކުރެއްވިޔާ ކޮމިޓީގައި އިސްލާހު ކުރެވޭނެ." އީސަ ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 42 ވަނަ މާއްދާގެ (ށ) ބަދަލު ކުރަން މިހާރު ހުށަހަޅާފައިވަނީ، ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނުކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓިފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން ނޫނީ، އެ މުވައްޒަފަކަށް ސަލާމަތުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންނެއް ނުވާ ކަމަށެވެ. މި ހުށަހެޅުމަށް ތާއީދުކޮށް މަޖިލީހުގެ ބައެއް މެމްބަރުން މިއަދު މަޖިލީހުގައި ވާހަކަ ދެއްކެވުމުން ގިނަ ޢަދަދެއްގެ ޢާއްމު ރައްޔިތުން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން