ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނުގައި ކަނޑައަޅާފައިވާ ދެ ޝަރުތަކަށް އަމަލުކުރުން 2021 ވަނަ އަހަރުގެ ޖެނުއަރީ އެކަކާ ހަމަޔަށް ފަސްކުރަން ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު، 5/2019 އަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

ނާޒިމް އިސްލާހު ހުށަހަޅުއްވާފައިވަނީ އެ ގާނޫނުގެ 31 ވަނަ މާއްދާގައި، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ގާނޫނީ ހިދުމަތް ދޭ ތަނެއްގައި އެއްއަހަރު ދުވަހުގެ ތަމްރީން ފުރިހަމަކުރުމާއި، ބާ އިމްތިހާނު ފުރިހަމަކުރުން، މި ދެޝަރުތަށް އަމަލުކުރުން ޖެނުއަރީ އެކަކަށް ފަސް ކުރުމަށެވެ.

އިސްލާހު ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވީ، ކޯވިޑް-19 އާ ގުޅިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ދަތިވެ، އެ ހުއްދަ ނުލިބުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ގޮންޖެހުން ކުރިމަތިވެފައިވާ މީހުންނަށް އެކަމުގެ ހައްލު ހޯދައިދިނުމަށްޓަކައި ކަމަށެވެ.

މި ބިލުގެ ބަހުސް މަރުޙަލާގައި ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ޢަބްދުﷲ ވިދާޅުވީ، ބާ ކައުންސިލުން ބޭނުން ވަނީ ގާނޫނީ ދާއިރާގެ ތެރެއަށް އަލަށް ކިޔަވައިގެން ވަންނަން ބޭނުންވާ ކުދިންނަށް ފުރުސަތު ނުދީ އެ ދާއިރާ ވަކި ބައެއްގެ ކޮންޓްރޯލުގެ ދަށުގައި ބޭއްވުމަށް ކަމަށެވެ.

"އަޅުގަނޑަށް މީގެން މި އެނގެނީ އޭރު އެ ބޭފުޅުން އެވަރަށް މަސައްކަތް ކުރެއްވީ މިދާއިރާ، މި ޕްރޮފެޝަން، ވަކި ބައެއްގެ އަތުގައި ވަކި ގޮތަަކަށް ކޮންޓްރޯލްކޮށްފައި ބޭއްވުމަށްކަން. އަދި މިދާއިރާ އަށް އަލަށް ކިޔަވައިގެން ނުކުންނަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ދިނުމަކީ އެ ބޭފުޅުން އެހާ ގަޔާވާ ކަމެއް ނޫންކަން ޔަގީންވެ ސާބިތުވެގެން މިދަނީ." ޔައުގޫބް ވިދާޅުވިއެވެ.

ގާނޫނީ ފަންނުގެ ގާނޫނު ބުނާ ގޮތަށް ބާ އިމްތިހާނު ބާއްވައި، ވަކީލުކަމުގެ ލައިސެންސް ދޫކުރުން ފަދަ ކަންކަން ކުރިއަށް ނުގެންގޮސް ލަސް ކުރަނީ މިހާރު "ބާ ކައުންސިލް" ގައި ތިއްބެވި ބޭފުޅުންގެ މާކެޓް، އެހެން ބަޔަކު ކޮންޓްރޯލްކޮށްފާނެ ކަމުގެ ބިރަށްޓަކައި ކަމަށް ޔައުގޫބް ވިދާޅުވި އެވެ.

އެ ބިލަށް ބަހުސްކުރަމުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވީ އެ އިސްލާހަކީ ވަރަށް މުހިންމު އިސްލާހެއް ކަމަށް ވާއިރު ވަކީލުންގެ ފެންވަރު ރަނގަޅު ކުރުމަށް އިންޓާންޝިޕް ހެދުން މުހިންމު ކަމަށެވެ. އަދި ފެންވަރު ދަމަހައްޓަން ޖެހޭކަމަށާއި ނަމަވެސް ކަމެއް ނިންމަންވާނީ ގައުމުގެ ހާލަތަށް ރިޔާއަތްކޮށް ކަމަށް ޝަރީފް ވިދާޅުވިއެވެ

އޭނާ ވިދާޅުވީ ރާއްޖޭގައި އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު ކޮންމެ ތާކުން އެދާއިރާގެ ޑިގްރީއެއް ހާސިލްކުރުމުން ވަކީލަކަށް ވާކަމަށެވެ. އެހެންކަމުން ކުއްލިއަކަށް އިންތިގާލީ ފުރުސަތުނުދީ ބަދަލުކުރުމަކީ މަސްލަހަތު ގެއްލޭނެކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާނީ ކޮން ޔުނިވާސިޓީތަކުން ކޮން ގޮތަކަށް ނަގާ ފާހެއް ތޯ އެބަ ބަލަންޖެހޭ. ބައެއް ބޭފުޅުން ލަންކާގެ ހުންނަ ކޮންމެވެސް ޔުނިވާސިޓީއަކަށް ނުވަތަ ކޮލެޖަކަށް ގޮސްގެން 10000 ޑޮލަރު ދައްކައިގެން މާލޭގައި ތިއްބަވައިގެން ތިން މަހުން އެއްދުވަހު އެންމެ ދުވަހަކު އެ ކްލާހަށް އެޓެންޑްކޮށްގެން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާސްޓާ އޮފް ލޯސް، އަދި ކިއެއްތަ ޑޮކްޓާރ އޮފް ޖޫރިސްޕްރޮޑިޝަން ފަދަ ފާސްތައް އެބަ ނަގާ މި ރާއްޖޭގަ." ޝަރީފް ވިދާޅުވި އެވެ.

ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ހުށަހެޅުއްވި ދިވެހި ރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަަލައިގަތީ، ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިްނ 67 މެންބަރުން ވޯޓު ދެއްވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން