ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކުރީގެ މެންބަރުންނާއެކު ޒީނާ (ވ3) ނޫސްކޮންފަރެންސެއްގައި
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކުރީގެ މެންބަރުންނާއެކު ޒީނާ (ވ3) ނޫސްކޮންފަރެންސެއްގައި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެކުލަވާލި ސަބް ކޮމިޓީއަށް ޖަވާބުދާރީ ވުމަށް އެ ކޮމިޝަނުގެ މެމްބަރު ޒީނާ ޒާހިރަށް ފަސް ދުވަހުގެ މުހުލަތެއް ކޮމިޓީން ދީފިއެވެ.

މި މުއްދަތު ޒީނާއަށް ދީފައިވަނީ އެ ކޮމިޓީން އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައެވެ.

ޒީނާއަށް ފަސް ދުވަސް ދީފައިވަނީ ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ލިޔުމަކުން ކޮމިޓީއަށް ޖަވާބުދާރީވާގޮތަށެވެ. މި މައްސަލައިގާ ޒީނާ ޖަވާބުދާރީވުމުން، ސަބް ކޮމިޓީން މައްސަލަ ބަލައި މައި ކޮމިޓީއަށް ފޮނުވާނެއެވެ. އެއަށްފަހު މައި ކޮމިޓީއިން ގޮތްތަކެއް ނިންމައި ތަޅުމަށް ފޮނުވާނެއެވެ.

ބްރޯޑްކޮމްގެ މެމްބަރުންނާއި ގުޅޭގޮތުން ކުޑަ ކޮމިޓީން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެ ކޮމިޝަނުގެ މެމްބަރު އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުމާއި، ސިޔާސީ ވަކި ނުފޫޒުތަކަކަށް މައްސަލަތައް ނިންމި ކަމުގެ ތުހުމަތު ކުރެވޭ މައްސަލަތަކެވެ.

މި މައްސަލައަކީ އެ ކޮމިޓީން ކުރިންވެސް ބަލަމުންދިޔަ މައްސަލައެކެވެ. ނަމަވެސް ޒީނާ ބަލިވެ އިނުމުން، ކޮމިޓީއަށް ހާޒިރުވެ ޖަވާބުދެއްވުމަށް އުޒުރުވެރިވާތީ މައްސަލަ އޮތީ މަޑުޖެހިފައެވެ. މެމްބަރު ޒީނާ ފިޔަވައި އެހެން މެމްބަރުންގެ މައްސަލަތައް އެ ކޮމިޓީން ބަލައި، އެ މައްސަލަތަކުގައި އެ މެމްބަރުން ވަނީ ޖަވާބުދާރި ކުރުވާފައެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ މައްސަލަތައް ބަލަމުން ދަނިކޮށް އެ ކޮމިޝަނުގެ ރައީސްކަން ކުރެއްވި މުހައްމަދު ޝަހީބާއި، ކޮމިޝަނުގެ މެމްބަރު އިސްމާއީލް ޞަފްވާނާއި، ހަސަން ނަބާހު ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ކޮމިޝަނުގެ އޭރުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި މެމްބަރު ފާތިމަތު ޒައިނާ ވަނީ މަގާމުން ވަކިކޮށްފައެވެ. ޒައިނާ މަގާމުން ވަކި ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގައި، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންނެވެ.

ބްރޯޑް ކޮމްގެ މެންބަރު ޒީނާގެ އިތުރުން ސިވިލްސަރވިސް ކޮމިޝަންގެ މެމްބަރުންނާއި، އެޗްއާރުސީއެމްގެ މެމްބަރުންނާއި، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުންގެ މައްސަލަތަކެއް މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ދަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން