ފެނަކަ ޕޭ އެޕްލިކޭޝަން
ފެނަކަ ޕޭ އެޕްލިކޭޝަން
ފެނަކަ ކޯޕަރޭޝަންނުން ދެމުންދާ ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އެޕްލިކޭޝަނެއް އެ ކުންފުނިން ތައާރަފްކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ "ފެނަކަ ބިލްޕޭ" އެޕް މެދުވެރިކޮށް ބިލްގެ ހިސްޓްރީ ބެލުމާއި، އަދި ފަސޭހަކަމާއި އެކު އޮންލައިންކޮށް ބިލަށް ފައިސާ ދެއްކޭނެކަމަށެވެ. މި އެޕްލިކޭޝަން މިވަގުތު ބޭނުންކުރެވޭނީ އެންޑްރޮއިޑް ފޯނުތަކަށް އެކަންޏެވެ. ނަމަވެސް ކުރިއަށްއޮތް 2 ހަފުތާއެއްހާ ދުވަހުގެތެރޭގައި އައިއޯއެސް ފޯންތަކަށްވެސް އެޕް ތައާރަފްކުރާނެކަމަށް ފެނަކައިން ބުނެއެވެ.

އޮންލައިންކޮށް ބިލް ދެއްކޭނީ ބީ.އެމް.އެލްގެ ކަސްޓަމަރުންނަށެވެ. ފެނަކައިން ބުނީ އެހެން ބޭންކްތަކުގެ ޚިދުމަތްތައް ބޭނުންކުރާ މީހުންނަށްވެސް ފެނަކަ ބިލްޕޭ އެޕްލިކޭޝަނުން ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށެވެ. އަދި ބިލްގައިވާ ސަބްސްކްރިޕްޝަން ނަންބަރު ބޭނުކޮށްގެން އޮންލައިން ޚިދުމަތަކަށް ރަޖިސްޓްރީ ވެވޭނެ ކަމަށާއި މިގޮތަށް ރެޖިސްޓްރީވުމުން އެ މީޓަރެއްގެ ހުރިހާ ބިލްތައް އެޕް މެދުވެރިކޮށް ބަަލައި ލެވޭނެ ކަމުގައިވެސް އެކުންފުނިން ބުނެއެވެ.

ފެނަކައިން ބުނެފައިވަނީ ގިނަ މީޓަރުތައް އެއްކޮށްގެން އެއް ފޯނަކުން އެއްމީޓަރަށް ވުރެ ގިނަ މީޓަރުގެ ބިލްދައްކައި ޚިދުމަތް ހޯދޭނެކަމަށެވެ. އަދި ހުރިހާ ބިލްތައް އެއްކޮށް ދެއްކުމުގެ ބަދަލުގައި ބިލްތަކަށް ވަކިވަކިންވެސް ފައިސާ ދެއްކޭނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އެޕްގައި ދާއިމީކޮށް ރެޖިސްޓަރީނުވެވެސް، އެޕް މެދުވެރިކޮށް ބިލް ދެއްކޭނެއެވެ.

ނަމަވެސް މީޓަރުގެ ކުރީގެ ބިލްތަކާއި، ޕޭމަންޓް ހިސްޓްރީ ފެންނާނީ އެޕްމެދުވެރިކޮށް ރެޖިސްޓަރވެގެން ޚިދުމަތްހޯދާ ކަސްޓަމަރުންނަށް ކަމުގައި ފެނަކައިން ބުނެފައިވެއެވެ. އެޕްލިކޭޝަންގެ ޚިދުމަތް ފެނާއި ކަރަންޓު ބިލް ދެއްކުމަށްވެސް ބޭނުންކުރެވޭއިރު މި އެޕާއިއެކު ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށްރަށުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ޚިދުމަތް ހޯދޭނެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ. އެ ކުންފުނިން ބުނެފައި ވަނީ އެޕް މެދުވެރިކޮށް އިތުރު ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައްވެސް ހަމަޖައްސަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން