ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވެޑައިގަތުމަށްފަހު ފެއްޓެވި އެންމެ މުހިއްމު މަސައްކަތަކީ ހީނަރުވެފައިވާ އެކިއެކި ހާރިޖީ ގުޅުންތައް ވަރުގަދަކޮށް، ރާއްޖެއަކީ ދުނިޔޭގެ ހުރިހާ ޤައުމަކާއެކުވެސް މަސައްކަތްކުރެވޭނެ ޤައުމެއްކަން ސާބިތުކޮށްދިނުމެވެ. އެގޮތުން ވަކި ބަޔަކަށް ބަރޯސާވުމުގެ ބަދަލުގައި ހުރިހާ ޤައުމަކާއެކުވެސް ހަރުދަނާ ސިޔާސީ ގުޅުންތަކެއް ވަނީ ޤާއިމްކޮށްފައެވެ. ކުރިން ގުޅުން ހީނަރުވެފައިވާ ގައުމުތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި އެކު އޮތް ގުޅުން ވަރުގަދަ ކުރަށްވަން ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ ވެސް މިއަދު މިދަނީ ވަރަށް ރަނގަޅަށް ފެންނަމުންނެވެ. އަދި އެގުޅުން ތަކުގެ ފައިދާއާއި ލާބަ ގައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ފެންނަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ރައީސް ސާލިހުގެ ޒައާމަތާއެކު އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ރާއްޖެއާ އަވަށްޓެރި އިންޑިއާާގެ ހީނަރުވެފައިވާ ގުޅުން ވަރަށް ބޮޑަށް ވަރުގަދަކުރި މަންޒަރެވެ. އަދި މި ވަރުގަދަ ހާރިޖީ ގުޅުމުގެ ތެރެއިން އިންޑިއާއާއި ރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގުޅުން މިއަދު ވެގެން ގޮސްފައިވަނީ ދިވެހީންނަށާއި ދިވެހި ގައުމަށް އެންމެ ލާބައާއި މަންފާ ކުރަނިވި ގުޅުމަށެވެ.

ދޭދޭ ފަރުދުންގެ ފެންވަރުގައި ހިނގަމުންދާ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ބަލާއިރު ދިވެހިރާއްޖޭގައި މިވަގުތު އޮތް ބޭރުގެގައުމުތަކުގެ އާބާދީގެ ތެރެއިން އިންޑިއާ އަކީ ރާއްޖޭގައި ދެ ވަނައަށް އެންމެ ބޮޑު ބިދޭސީ އާބާދީއެވެ. އެގޮތުން ގާތްގަނޑަކަށް 22000 އިންޑިއާގެ ރައްޔިތުން ރާއްޖޭގައި އުޅޭނެކަމަށް ލަފާކުރެވެއެވެ. ހަމަ އެފަދައިން އެކި ބޭނުންތަކުގައި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ކޮންމެ ދުވަހަކު އިންޑިއާއަށް ގޮސްއައިސްވާ ދިވެހީންގެ އަދަދުވެސް މިއަކަށް ވުރެ ވަކި މަދެއް ނުވާނެއެވެ.

އިންޑިޔާއަކީ އިނގިރޭސިންގެ އަތްދަށުން ރާއްޖެ މިނިވަންވުން އެންމެ ފުރަތަމަ ގަބޫލުކުރި ގައުމެވެ. 1966ގެ ފަހުން ދެ ގައުމުން ސިޔާސީ އަދި އިޖްތިމާއީ ގުޅުން ގާއިމްކޮށްފައިވާއިރު އިންޑިޔާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ އިތުރުން، ރާއްޖެއިން އެހީތެރިކަމަށް ބޭނުންވާ ކޮންމެ ފަހަރަކު އެންމެ އަވަހަށް އިޖާބަދޭ އެއް ގައުމެވެ.

1981 ވަނަ އަހަރުން ފެށިގެން ރާއްޖެ އާއި އިންޑިޔާ ވަނީ ވިޔަފާރީގެ ގުޅުން ގާއިމްކޮށް، އިގްތިސާދީ މުއާމަލާތްތައް ފަސޭހަކުރަން އެއްބަސްވެފައެވެ. އަދި ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ބޮޑު ވަޒީރުން ވަޑައިގެންނެވި ގައުމަކީ ވެސް އިންޑިއާއެވެ. ރައީސް މައުމޫންގެ ސަރުކާރުގައި 2002 ވަނަ އަހަރު އިންޑިޔާގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީއަށް ވަނީ މާލޭގެ ތަޅުދަނޑި އަރުވާފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުލަތުން މިހާރު ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، ވަނީ އަރުވާފައެވެ.

މިހާތަނަށް އައިއިރު އިންޑިއާއިން ވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އޭގެތެރޭގައި އަސްކަރީ، ހާރިޖީ، ސިއްހީ، ކުޅިވަރާއި ތަމްރީނާއި، މިނޫންވެސް ގިނަ ދާއިރާތަކެއް ހިމެނެއެވެ.

އިންޑިއާގެ އެހީތެރިކަމަށް ބަލާއިރު އެންމެފަހުން ދުނިޔެއަށް ކުރިމަތިވި ކޯވިޑްގެ ވަބާގެ ތެރެއިން ކޮވިޝީލްޑް ވެކްސިން އިންޑިއާއިން ފޯރުކޮށްދިން އެއް ގައުމަކީ ދިވެހިރާއްޖެއެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމުގައި ދިވެހިންނަށް 3 މަސް ދުވަހުގެ އަސާސީ ބޭސްވެސް އެގައުމުން ފޯރުކޮށްދީފައިވެއެވެ. މީގެއިތުރުން ކޯވިޑްގެ ދުވަސްވަރު ޗައިނާގެ ވޫހާންގައި ތާށިވެފައި ތިބި ދިވެހިންވެސް އިންޑިއާގެ އެހީގައި، ވަނީ ރާއްޖެ ގެނެސްދީފައެވެ.

ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއަށް ބަލާލާއިރު 2020 ވަނަ އަހަރު އިކޮނޮމިކް ރިކަވަރީގެ ގޮތުގައި ދިވެހިރާއްޖެއަށް އިންޑިޔާއިން 250 މިލިއަން ޑޮލަރުގެ އެހީތެރިކަން ވެދީފައިވެއެވެ. ހަކުރު އެކްސްޕޯޓް ކުރުން އިންޑިއާއިން ހުއްޓާލާފައި އޮއްވާވެސް ހާއްސަ ހުއްދައެއްގެ ދަށުން ދިވެހިންނަށް އިންޑިޔާއިން 2022 ވަނަ އަހަރު 520 ޓަނުގެ ހަކުރު ފޯރުކޮށްދީފައިވެއެވެ. އަދި މާލޭ ސިޓީ ކައުންސިލަށް އިންޑިއާއިން 16 ވެހިކަލް ދީފައިވާއިރު، މިފްކޯގެ ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް ކުރަނީ ވެސް އިންޑިޔާގެ އެހީގައެވެ.

މީގެއިތުރުން 1981 ވަނަ އަހަރު ދެ ޤައުމުން ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކޮށްފައިވެއެވެ. އެގޮތުން އިންޑިޔާއަކީ ހަތަރުވަނަ އަށް ދިވެހިރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިއާއެވެ. މިގުޅުމުގެ ތެރެއިން އޮކްޓޫބަރު 2020ގައި ވަނީ ދެ ގައުމުގެ ދެމެދުގައި ކާގޯ ފެރީގެ ހިދުމަތް ފަށާފައެވެ. މި ގޮތުން ކޮޗިނުން މުދާ ހިފައިގެން ރާއްޖެ އައި ފުރަތަމަ ބޯޓު ބަނދަރުކުރީ ހދ. ކުޅުދުއްފުށީގައެވެ.

1974 ވަނަ އަހަރުން ފެށިގެން ސްޓޭޓް ބޭންކް އޮފް އިންޑިޔާ އަކީ ދިވެހި އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ބޭންކެކެވެ. ޚާއްޞަ ގޮތެއްގައި ފަތުރުވެރިކަމަށާއި ގެދޮރު ބިނާ ކުރުމުގައި އެބޭންކުން އަންނަނީ ދިވެހި ވިޔަފާރިތަކާއި ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހާރިޖީ ދާއިރާއަށް ބަލާލާއިރު އދ.ގެ ސެކިއުރިޓީ ކައުންސިލުގެ 2019 އަދި 2020 ވަނަ އަހަރުގެ ޓާމަށް އެ ކައުންސިލުގެ މެމްބަރަކަށް ދިވެހިރާއްޖެ ހެދުމަށް އެންމެ ބޮޑަށް ވަކާލާތުކުރި ގައުމަކީ ވެސް އިންޑިޔާއެވެ. ދިވެހިންނަށް އިންޑިޔާއިން އޮންއެރައިވަލް ވިސާ ލިބޭއިރު، އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމްކުރަން ވަނީ ނިންމާފައެވެ. އަދި ހުޅުމާލޭގައި އިންޑިޔާގެ އެމްބަސީ އެޅުމަށްވެސް ވަނީ ނިންމާފައެވެ.

ސިއްހީ ދާއިރާއަށް ބަލާއިރު 1986 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ރަޖީވްގާންދީ ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ދިވެހިރާއްޖޭގައި މެޑިކަލް ހޮސްޕިޓަލެއް އަޅައިދޭން އެއްބަސްވެ، 1995 ވަނަ އަހަރު ހުޅުވި އިންދިރާގާންދީ މެމޯރިއަލްހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ އެންމެ ގިނަ ބަޔަކު އެތަނަކުން ސިއްހީ ފަރުވާ ހޯދަމުންދާ ރާއްޖޭގެ މައި ސިއްހީ މަރުކަޒެވެ. ދިވެހިންގެ އެންމެ ގިނަ ބަޔަކު ސިއްހީ ފަރުވާ ހޯދުމަށް އިހްތިޔާރުކުރާ ގައުމަކީ ވެސް އިންޑިޔާއެވެ. ރާއްޖޭގައި މަސައްކަތްކުރާ ޓީޗަރުންނާއި ސިއްހީ އޮފިޝަލުންގެ ތެރެއިން 25 ޕަސެންޓަކީ އިންޑިޔާ މީހުންނެވެ.

ތައުލީމީ ދާއިރާއަށް އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ބަލާލައިރު 1996ވަނަ އަހަރު ހުޅުވި ފެކަލްޓީ އޮފް އިންޖިއަނިރިން ޓެކްނޮލޮޖީ އަކީ އިންޑިޔާ ސަރުކާރުގެ ދީލަތި އެހީގައި ގާއިމްކޮށްފައިވާ ތައުލީމީ މުހިންމު މަރުކަޒެކެވެ. މިތަނުން ކޮންމެ އަހަރަކު 200 އަށްވުރެ ގިނަ ކުދިން ކިޔަވައިގެން ނުކުމެއެވެ. އިންޑިޔާ ރުފިޔާގެ 12 ކްރޯޑް ރުޕީސް ހޭދަކޮށްގެން 1996 ވަނަ އަހަރު ގާއިމްކޮށްދިން ޕޮލިޓެކްނިކަކީ އެންމެ ގިނަ ދިވެހި ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާ ހޯދައިދޭ މަރުކަޒެވެ. ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުވަރިޒަމް ސްޓަޑީޒް އަކީ 2002 ވަނަ އަހަރު އަތުލް ބިހާރީ ވަޖްޕާއީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ހަދިޔާކުރެއްވި ސެންޓަރެކެވެ. މިތަން އެއްކޮށް ނިމި ދިވެހި ސަރުކާރާ ހަވާލުކުރީ 2014 ވަނަ އަހަރުއެވެ. ޓެކްނޮލިޖީ އެޑޮޕްޝަން ޕްރޮގްރާމް އިން އެޑިއުކޭޝަން ސެކްޓަރ މެދުވެރުކޮށް ދިވެހި ޓީޗަރުންނާއި ޒުވާނުންނަށް އަދި ވޮކޭޝަނަލް ތަމްރީނު ދަނީދެމުންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ޓީޗަރުންނާއި ސިއްހީ އޮފިޝަލުންގެ ތެރެއިން 25 ޕަސެންޓަކީ އިންޑިޔާ މީހުންނެވެ. އަދި މިދިޔަ އަހަރު އިންޑިއާގެ އެހީތެރިކަމާއެކު ނެޝަނަލް ކޮލެޖް އޮފް ޕޮލިސް އެންޑް ލޯ އެންފޯސްމަންޓް ވަނީ އައްޑޫގައި ހުޅުވާފައެވެ. މި ޕްރޮޖެކްޓަށް އިންޑިޔާ ސަރުކާރުން 33 މިލިއަން ޑޮލަރު ހަރަދުކުރިއެވެ. ރާއްޖޭގައި މަތީތައުލީމުގެ ރިސާޗް ނެޓްވޯކެއް ގާއިމްކުރުމުގެ މަސައްކަތް ފަށައި، އެ ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ގުޅުވައިލީ މިހިނގާ 2022ގައެވެ. ސްކިލް ޑިވެލޮޕްމަންޓް މާސްޓަ ޕްލޭން ތައްޔާރުކުރަން އިންޑިއާގެ ކޯޕަރޭޝަނަކާއެކު ސޮއިކޮށްފައިވެއެވެ.

އުމްރާނީ ތަރައްޤީގެ ދާއިރާއަށް ބަލާލާއިރު، އިންޑިޔާގެ އެހީގައި ކުރިއަށް ގެންދާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ތަކާއެކު ސަރުކާރުން ލާމަރުކަޒީ ގޮތުން ރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބި މުޅި ރާއްޖޭގެ އާންމު ދިރިއުޅުމުގެ ޙާލަތަށް ދަނީ ބަދަލުވަމުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗަ ކުރުމަށް ވޯކްޝޮޕެއް ހެދުމަށް 99.1 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާއިން ދީފައިވެއެވެ. އަދި އިންޑީއާގެ އެހީގައި އޮލިމްޕަސް ތިއޭޓަރު ޒަމާނީ ފެންވަރަށް މަރާމާތުކޮށް ހުޅުވަން ވެސް ވަނީ ތައްޔާރުވެފައެވެ. މީގެއިތުރުން އިންޑިޔާގެ ލޯން އެހީގައި 4000 ހައުސިން ޔުނިޓް އަޅަން މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެެވެ. މީގެއިތުރުން އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ އިންޓަނޭޝަނަލް ޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ވެސް ދަނީ ކުރިއަށެވެ.

މިކަންކަމުގެ އިތުރުން ރާއްޖޭގެ ތާރީހުގައި ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ ޕްރޮޖެކްޓްކަމަށްވާ، ތިލަ މާލެ ކަނެކްޓިވިޓީ ބްރިޖަކީވެސް އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. ތިލަ މާލެ ކަނެކްޓިވިޓީ ބްރިޖަކީ އިންޑިޔާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލޯނު އެހީގައި އަޅާ އުމްރާނީ މުހިންމު ޕްރޮޖެކްޓެކެވެ.

މި މަޝްރޫޢުތަކުގެ އިތުރުންވެސް އިންޑިއާ ސަރުކާރުން ވަނީ ވޭތުވެދިޔަ ދިގު މާޒީގައި ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދީފައެވެ. އެގޮތުން އިންޑިއާ އަކީ ރާއްޖެއިން އެހީއަކަށް ބޭނުން ޖެހޭ ކޮންމެ ހާލަތެއްގައި އެންމެ ފުރަތަމަ އެކަމަށް އިސްނަގާ ގައުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން