ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭ ބޭއްވެވި ޕްރެސް ކޮންފަރެންސަކީ ތާރީހީ ޕްރެސް ކޮންފަރެންސެކެވެ. ރައީސް ޔާމީން ރޭ ބޭއްވެވި ޕްރެސް ކޮންފަރެންސް ނުވަތަ ނޫސްވެރިންގެ ބައްދަލުވުން ތާރީޚީ ޕްރެސް އަކަށް ވެގެންދިޔައީ 4 ގަޑިއިރެއްހާ އިރަށް އެ ނޫސްވެރިންގެ ބައްދަލުވުން ދެމިގެންދިއުމުންނެވެ. ރާއްޖޭގައިި މީގެކުރިން ދުވަހަކުވެސް މިހާ ދިގު ދެމިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ.


ރައީސް ޔާމީންގެ ޕްރެސް ކޮންފަރެންސުން އެންމެ ބޮޑަށް ފާހަގަވެގެންދިޔަ ކަމަކީ ނޫސްވެރިންނަށް ވަކި އިމެއް، ވަކި މައުޟޫއެއް ނެތި ސުވާލުކުރުމަށް ހުޅުވާލާފައި ބޭއްވުމެވެ. އަދި އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވާ ދޫކޮށްނުލައްވައެވެ. ނޫނީ އެކަމެއް އޮތް ގޮތެއް ބެއްލެވުމަށްފަހު ޖަވާބު ދެއްވާނެކަމަށް ވިދާޅުވެ ސުވާލެއް ދޫކޮށެއްވެސް ނުލައްވައެވެ. އެނގިވަޑައިގެން ހުންނެވި މައުލޫމާތެއް އެންމެ ފުރިހަމައަށް ގެންދެވީ ނޫސްވެރިންނާއި ހިއްސާ ކުރައްވަމުންނެވެ.



ރައީސް ޔާމީންގެ 4 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމަށް ބަލާލާއިރު ހުރިހާ ދާއިރާއަކާއި ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި އިޤްތިޞާދާއި ދީނާއި ޒުވާނުންނާއި ބޯހިޔާވަހިކަމާއި ސިއްހަތާއި ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. ޤައުމުގައި މިހާރު ހުރި މައްސަލަތަކަށް ވަަރަށް ބޮޑަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެމަނިކުފާނުގެ އެންމެ ބޮޑެތި ކަންބޮޑުވުންތައް ހާމަކޮށްދެއްވިއެވެ.

ރައީސް ޔާމީންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަކި ބޭފުޅަކާއި ޒާތީވެގެން ވާހަކަފުޅެއް ނުދައްކަވައެވެ. ކޮންމެ ބޭފުޅެއްގެ ވާހަކަފުޅުވެސް ދެއްކެވީ އިހްތިރާމާއެކުއެވެ. ނޫސްވެރިޔަކު ކުރި ސުވާލަކާއި ގުޅިގެން ރުންކުރުކޮށް ޖަވާބެއް ނުދެއްވައެވެ. ކޮންެމެ ސުވާލަކަށްވެސް ޖަވާބުދެއްވުމަށްފަހު މަޖާޒީ އަދި ސީރިއަސްކަން ފެނިގެންދިޔައެވެ. މިސާލުތައް ދެއްކެވުމުގައި މަޖާޒީ އެތަކެއްކަމެއް ފެނިގެންދިޔައެވެ.



ރައީސް ޔާމީން ބޭއްވެވި 4 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމަކީ އައު ގިނަ މައުލޫމާތުތަކެއްވެސް ލިބިގެންދިޔަ ނޫސްވެެރިންގެ ބައްދަލުވުމެކެވެ. އެމްއެމްޕީއާރުސީގެ ފައިސާ ހުރި ތަންތަނާއި، ބައެއް ސިޔާސީ ބޭފުޅުން އެމަނިކުފާނާއި ދުރަށް ވަޑައިގަތް ވާހަކަތަކާއި، 2018 ފެބްރުއަރީ 1 ވަނަ ދުވަހުގެރޭ ނެރުނު ހުކުމްގެ ވާހަކަތަކާއި ކުރިއަށް އޮތްތަނުގައި އެމަނިކުފާނުގެ ނާއިބު ރައީސަކަށް ގެންނަވާނެ ބޭފުޅަކާއި ގުޅޭ ވާހަކަތައްވެސް ހިއްސާ ކުރެއްވިއެވެ. މީގެތެރެއިން އެމަނިކުފާނު ދެއްކެވި ގިނަ ވާހަކަތަކަކީ ކުރިން އަޑު ނީވޭ ވާހަކަތަކެކެވެ.



ރައީސް ޔާމީން ބޭއްވެވި މި ޕްރެސް ކޮންފަރެންސް ރޭ މެންދަމުން އަލިވެ 1:00 ޖެހިފަހުން ނިމުނުއިރު ނޫސްވެރިންގެ ސުވާލުތައްވެސް ހުސްވެެއްޖެއެވެ. އާއްމު ގޮތެއްގައި ނޫސްވެރިންގެ ބައްދަލުވުން ނިންމާލާއިރުވެސް ސުވާލުތައް ކުރަން ބޭނުންވާ ނޫސްވެރިން ތިބިނަމަވެސް ރޭގެ ޕްރެސް ކޮންފަރެންސް ނިންމާލިއިރު އިތުރު ސުވާލެއްކޮށްލަން ބޭނުންވާނެ ނޫސްވެރިޔަކު ނެތެވެ.

ޕްރެސް ކޮންފަރެންސްތަކުގައި ގިނަ ވަގުތު ހޭދަކުރުމަކީ ރައީސް ޔާމީނަށް އައު ކަމެއް ނޫނެވެ. މީގެކުރިން އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރުވެސް އެތައް ގަޑިއިރަކަށް ދެމިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުންތައް އެމަނިކުފާނު ބޭއްވެވިއެވެ. "ދެން ކޮން ސުވާލެއް" މިހެން ވިދާޅުވަމުން، ނޫސްވެރިންގެ ސުވާލުތަކަށް އޭރުވެސް ޖަވާބުތައް ދެއްވިއެވެ. ނަމަވެސް އޭރުވެސް ދެއްވި ބައެއް ޖަވާބުތައް އެއީ ބައެއް މީހުންނަށް މާ ގަބޫލުކުރެވޭ ކަހަލަ ޖަވާބުތަކަށް ނުވެފައިވެސް އެބަހުއްޓެވެ. އަދި އެގޮތަށް ގެއްލުނުކަމަށް ބުނާ ފައިސާއާއި އެހެނިހެން ބައެއް ހާދިސާތަކާއި ގުޅޭގޮތުން އެމަނިކުފާނު ދެއްވި ބައެއް ޖަވާބުތައް އެމަނިކުފާނު ފަހަތުންވެސް އައިސްފައި އެބަހުއްޓެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން ކޯޓުގައި ހިނގަމުންދާ ރައީސް ޔާމީންގެ މައްސަލައާ ބެހޭގޮތުން ވެސް ރޭ ގިނަ ވާހަކަތަކެއް ދެއްކެވިއެވެ. ޚާއްޞަކޮށް އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދިން އޮއިއްޓެއާއި ނާޒިމްގެ ހެކިބަހަށް ވަރަށް ދިގު ޖަވާބުތަކެއް ދެއްވައި ރައްދު ދެއްވިއެވެ. ނަމަވެސް އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވާ ކަމަށް ދައްކާ ވާހަކަ ދޮގު ކުރެއްވި އެވެ. ގިނަ ތުހުމަތު ތަކުގެ ދިފާޢުގައި ވާހަކަ ދެއްކެވި އެވެ.

ކޮންމެއަކަސް ރައީސް ޔާމީން ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަކީ ރާއްޖޭގައި މީގެކުރިން ބާއްވާފައި ނުވާފަދަ ދިގު ނޫސްވެރިންގެ ބައްދަލުވުމެކެވެ. އެކަމާއި ދެބަސްވާނެ ފަރާތެއް ނުހުންނާނެއެވެ. އަދި މިއަދާއި މާދަމާ ރާއްޖޭގެ ސިޔާސީ ވެރިން އުޅުއްވާނީ ރައީސް ޔާމީން ރޭ ދެއްކެވި ވާޙަކަފުޅުތަކަށް ރައްދު ދެއްވުމުގައިކަން އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު