ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށް ކްރިމިނަލް ކަނޑައަޅައިފިއެވެ.

ޝިޔާމްގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުމުގައި ޝިޔާމްގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކެއްގެ ގޮތުގައި ހުށަހެޅީ ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއެއް އޮތް ކަމަށާއި އެ ދައުވާގައި ކުށުގެ އުންސުރުތައް ފުރިހަމަ ނުވާ ކަމަށެވެ. ހަމައެއާއެކު ހެކިވެރިއަކު ބަލައިނުގަތުމުގެ އިތުރުން ބައެއް ލިޔުންތައް ހޯދުމަށް އެދި ޝިޔާމް ހުށައެޅުއްވިއެވެ.

ޖެނެރަލް ޝިޔާމްގެ ފަރާތުން ހުށައެޅި ކަންކަމާއި ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ކުށުގެ އުންސުރުގެ މައްސަލާގައި ގޮތެއް ނިންމޭނީ ހެކި ވަޒަންކުރުމަށް ފަހު ކަމަށް ވާތީ މި މަރުހަލާގައި އެކަމާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ. އަދި ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއުތައް ގާނޫނުލްއުގޫބާތުގައި ބަޔާން ކޮށްފައިވާއިރު، އޭގެ ތެރޭގައި ޝިޔާމްގެ ފަރާތުން ފާހަގަކުރި ފަދަ ކަންކަން ހިމެނިފައި ނެތް ކަމަށެވެ. އެހެންކަމުން ދައުވާ ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށް ކްރިމިނަލް ކޯޓުންވަނީ ނިންމަވާފައެވެ.

މި މައްސަލާގައި މީގެ ކުރީގެ އަޑުއެހުމުގައި ޝިޔާމްވަނީ ޕީޖީން ކުރާ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ. އެހެންކަމުން ދައުލަތުން ވަނީ ޝިޔާމަށް ކުރާ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފައެވެ.

ޝިޔާމަށް ދައުވާ ކުރަނީ ޝިޔާމް ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމުގައި ހުންނެވިއިރު، ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި (އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް) އޭނާގެ ބައްޕަ ދިރިއުޅުއްވުމަށް ބަހައްޓަވައި، އެ މުއްދަތުގައި އޭނާގެ ބައްޕާފުޅު ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާއި ހަވާލުކުރެއްވި މައްސަލައިގައެވެ.

މި މައްސަލައާއި ގުޅިގެން ޝިޔާމުގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން