މުސްލިމުން އާހޯދުންތައް ހޯދައި އިލްމީ ގޮތުން ކުރިއަރަން ޖެހޭ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިމޭރުމުން ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އަސްލަމް މިއަދު ވިދާޅުވީ އަދުގެ ދުނިޔޭގައި ޢިލްމުނެތި ބާރުވެރިކަމެއް ނުހޯދޭނެ ކަމަށެވެ. އެހެންކަމުން ހުރިހާ މުސްލިމުން ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރި އާ ހޯދުންތައް ހޯދައި އިލްމީ ގޮތުން ކުރިއަރަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ދުނިޔޭގެ މުސްލިމުންގެ އާބާދީ 1.3 ބިލިއަނުގައި ހުރި ނަމަވެސް ސައިންސްގެ ރޮނގުން ކުރިއަރާފައިވާ ފަރާތްތަކުގެ ގޮތުގައި ފާހަގަކުރެވޭ މުސްލިމުންގެ ނިސްބަތް ވަރަށް ދަށްކަމަށެވެ. އަދި މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އިސްލާމުންގެ ރަންޒަމާނުގައި މުސްލިމުންނަކީ ދުނިޔޭގެ އިލްމުގެ ކުރިބޯށި. ނަމަވެސް މިއަދު އެކަން ބަދަލުވެއްޖެ." އަސްލަމް މިއަދު ވިދާޅުވިއެވެ.

މިއަދު މިފެށި ކޮންފަރެންސްގައި ރިސާޗު ޕޭޕަރުތައް ހުށަހަޅާނީ މައިގަނޑު ހަތަރު ތީމެއްގެ މައްޗަށެވެ.

ފުރަތަމަ ތީމަކީ ސޯޝަލް ސައިސަންސް، ހިއުމޭނިޓީސް އަދި އެޑިއުކޭޝަނެވެ. ދެވަނަ ތީމަކީ ގުރުއާނިކް ސްޓަޑީސް، ޝަރީއާ އެންޑް ލޯއެވެ. ތިންވަނަ ތީމުގެ ގޮތުގައި ޓޫރިޒަމް، ތިމާވެށި އަދި ޓެކްނޮލޮޖީ ކަނޑައަޅާފައިވާއިރު ހަތަރުވަނަ ތީމަކަށް ހަމަޖައްސާފައިވަނީ މެނޭޖްމަންޓް، ވިޔަފާރި، އިގުތިސާދު، އެކައުންޓިން، ފައިނޭންސް އަދި ބޭންކިން އެވެ.

މިއަހަރުގެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ވަރަށް ގިނަ އިލްމީ ބޭފުޅުން ބައިވެރިވެވަޑައިގެން ރިސާޗް ޕޭޕަރުތައް ހުށަހަޅުއްވައެވެ. އެގޮތުން ޖުމުލަ 48 ރިސާޗް ޕޭޕަރު ހުށައެޅުމަށް ހަމަޖެހިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން