ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ރާއްޖެއަށް ވަގަށް އެތެރެކުރި ރަންތައް ދަޢުލަތަށް ނެގުމަށް ޙުކުމްކޮށްފިއެވެ.

ރާއްޖެ އައިއިރު ދިރުވާލައިގެން 2 ބުލެޓު ރަން އެތެރެކުރި އިންޑިއާ މީހާ، 60،000ރ. އިން ޖޫރިމަނާކޮށް އޭނާ އެތެރެކުރި ރަންތައް ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމްކުރީ އިއްޔެއެވެ.

ކަސްޓަމް ގާނޫނުގެ ދަށުން ނާޒިމް ކިޔާ އެމީހާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިއުތިރާފްވެފައިވާއިރު، އެ ކުށުގެ އަދަބަކީ ސިއްރުން އެތެރެ ކުރި މުދާ ދަޢުލަތަށް ނެގުމަށްފަހު ހަމާއި ދެ އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ނުވަތަ 10،000ރ. އާއި 240،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ޖުލައި 17، 2022 ގައި ރާއްޖެ އައި ނާޒިމްގެ އަމަލުތައް ހުރިގޮތުން އެއާޕޯޓު ސެކިއުރިޓީން ވަނީ ނާޒިމް ބަލާ ފާސްކޮށްފަ އެވެ. ކަސްޓަމްސްގެ ޕެސެންޖާ ކްލިއަރަންސް ސެކްޝަންގައި ހުންނަ ބޮޑީ ސްކޭން މެޝިނުން ބެލިއިރު އޭނާގެ ހަށިގަނޑުގައި އެއްޗެއް ފޮރުވާފައި ހުރިކަން ފާހަގަވެފައިވެއެވެ. އަދި ސްޕެޝަލް އޮޕަރޭޝަންސް ސެކްޝަނާ ހަވާލު ކުރުމުން، އެއީ 2 ބްލުޓު ރަން ކަމަށް އޭނާވަނީ އެއްބަސްވެފައެވެ.

އޭގެފަހުން ތަޙުޤީޤު މަރުޙަލާގައި ކުށަށް އިޢުތިރާފްވެ، އެ އިއުތިރާފް ޝަރީއަތުގައިވެސް އޭނާ ވަނީ ދަމަހައްޓާފައެވެ. އެންމެ ކުޑަ އަދަބު އޭނާގެ މައްޗަށް އިއްވާފައިވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމަކަށް ދިއުމުންނެވެ.

އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި ޤާޟީ މިސްބާޙު އައްބާސް އޭނާއަށް ކުރި ޙުކުމްގައިވަނީ ކަސްޓަމްސް ޤާނޫނުގެ ދަށުން ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށް ނާޒިމްގެ މައްޗަށް ސާބިތުވާކަމަށެވެ. އެގޮތުން އަދަބެއްގެ ގޮތުން 60،000 ރުފިޔާއިން ޖޫރިމަނާކޮށް އޭނާ އެތެރެކުރަން އުޅުނު ރަން ދައުލަތަށް ނެގުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އެ ފައިސާ 30 ދުވަސް ތެރޭގައި ދެއްކުމަށް އަމުރުކޮށްފައިވެއެވެ.

ރަންތައް ދައުލަތަށް ނަގާފައި ވަނީ ކަސްޓަމް ގާނޫނުގެ 97 ވަނަ މާއްދާގެ (ރ) އަށް ހަވާލާދިނުމަށް ފަހު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން