އަލަމްގީރްގެ މައްޗަށް އުފުލާފައިވާ އޮރިޔާންކާޑު ހެދުމުގެ 40 ދައުވާގެ ޙުކުމް އިއްވުން މިއަދު ހަވީރު ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރްގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 (ސާޅީސް) ދަޢުވާ 17 ސެޕްޓެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވެއެވެ. އެ 40 ދަޢުވާއަށް އަލަމްގީރުވަނީ އިޢުތިރާފްވެސް ވެފައެވެ.

އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއަށް އަލަމްގީރު ޝަރީއަތުގައި އިއުތިރާފުވެފައިވާތީ، މިއަދު 15:00 ގައި އޭނާގެ މައްޗަށް ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުގައި އެ މައްސަލަ ވަނީ ތާވަލްކޮށްފައެވެ. މި އަޑުއެހުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިއްރު މަޖިލީހެއްގައެވެ.

ޕީޖީ އޮފީހުން ބުނީ އަލަމްގީރުގެ މައްޗަށް އުފުލާފައިވާ ކޮންމެ ދައުވާއަކަށް އޭނާއަށް އަންނާނީ 27 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. އެހެންކަމުން ދެ އަހަރާއި 11 މަހާއި 15 ދުވަހުގެ ހުކުމެއް އޭނާއަށް އިއްވާނެކަމަށް ބެލެވެއެވެ.

ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި، އަލަމްގީރު 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުސްވި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ. އަލަމްގީރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ 3 ދައުވާއަކަށް އިއުތިރާފު ވުމުންނެވެ.

އަލަމްގީރުގެ ތަހުގީގު ބަޔާންތައްވެސް ލީކު ކޮށްލާފައިވާއިރު އެ ބަޔާނުގައި އަލަމްގީރުވަނީ އޭނާ ރާއްޖެއައިސް ފުރަތަމަ ކުރި މަސައްކަތާއި އޭނާ އެއްޖިންސުން ގުޅުން ހިންގަން ފެށިގޮތް ކިޔާދީފައެވެ. އަދި ރާއްޖޭގައި އޭނާ އެކަން ކުރަން ފެށިގޮތާއި، ވީޑިއޯތައް ރެކޯޑުކުރި ގޮތްތައްވެސް އޭނާ ވަނީ ކިޔައިދީފައެވެ. ބަޔާނުގައި އޭނާ ބުނެފައިވަނީ، 45 އާއި 50 އާއި ދެމެދުގެ އަދަދަކަށް އޭނާގެ ފޯނުގައި ވީޑިއޯ ރެކޯޑު ކޮަށްފައި ހުންނާނެކަމަށެވެ. އަދި އެ ވީޑިއޯތައް ލީކުކޮށްފައި އެވަނީ އޭނާގެ ފޯނު ބަޔަކު ވަގަށް ނަގައިގެން ކަމަށްވެސް ބުނެފައިވެއެވެ.

އެ ބަޔާނުގައި އަލަމްގީރު ބުނެފައިވަނީ ގިނަބަޔަކާއެކު ގުޅުންހިންގި ނަމަވެސް އޭނާ ހަނދާން ހުންނަނީ، މަދުބައެއް ކަމަށާއި އަދި އެމީހުންގެ ވަނަވަރުވެސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ޤާނޫނީވަކީލް ނާޒިމް އަބްދުއްސައްތާރު ގޭބަންދުކުރުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އޭގެ އިތުރުން އެމައްސަލާގައި ހިމެނޭ ފުލުސް އޮފިސަރު 1 އަހަރަށް ޖަލަށް ލުމަށްވެސް ވަނީ ޙުކުމް ކޮށްފައެވެ. ހަމައެއާއެކު އެމައްސަލާގައި ހިމެނޭ ގިނަޢަދަދެއްގެ މީހުންގެ ތަޙުޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ މިހާރުދަނީ ކުރިއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން