ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ ޤާނޫނީ ވަކީލު މައުމޫން މޫސާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ބްލެކްމެއިލް ކުރުމުގެ އަމަލު ހިންގި މީހުން ހޯދާ އެ މީހުން ހައްޔަރު ކުރުމަށް އޮޕަރޭޝަނެއް ހިންގާ ކަމަށް ފުލުހުން ބުނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެގޮތުން 5 މީހަކު ހައްޔަރުކޮށް 3 މީހެއްގެ ވަނަވަރު ފުލުހުން ވަނީ ޢާއްމުކޮށްފައެވެ.

އެ މައްސަލައިގައި މިދިޔަ މަހުގެ 20ގައި ފުލުހުން ހައްޔަރު ކުރި ގާނޫނީ ވަކީލެއް ކަމަށްވާ، ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާގެ ބަންދަށް ކްރިމިނަލް ކޯޓުންދިން 10 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން، އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ވަނީ ކޯޓަށް ޙާޟިރުކޮށްފައެވެ. ނަމަވެސް ކޯޓުން ނިންމީ އޭނާ ބަންދުން ދޫކޮށްލުމަށެވެ.

މީގެ ކުރިންވެސް އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި 5 މީހުންގެ ތެރެއިން 2 މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން އެމީހުން ދޫކޮށްލިއެވެ.

މި މައްސަލާގައި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ، 24، ގެ ބަންދަށް ހަތް ދުވަސް މިދިޔަ ހުކުރު ދުވަހު ކޯޓުން ވަނީ އިތުރުކޮށްދީފައެވެ. އޭގެ އިތުރުން މައްސަލައިގެ މޭސްތިރިޔާ ކަމަށް ބެލެވޭ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ، 37، ގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވެއެވެ.

އަލަމްގީރާއެކު އެކިމީސްމީހުން އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ބޭނުން ކޮށްގެން މިދިޔަ އޭޕްރީލް މަހުން ފެށިގެން ބަޔަކު ދިޔައީ ބްލެކްމެއިލް ކުރުމުގެ އަމަލުތައް ހިންގަމުންނެވެ. އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރާނެކަމުގެ އިންޒާރު ދިނުމުން ބައެއް މީހުން ވަނީ އެ ވީޑިއޯތައް ފުހެލަން ޝަރުތުކޮށް އެތައް ހާސް ރުފިޔާއެއް އެ މީހުންނަށް ދީފައެވެ.

އެކަމުގައި އިސްކޮށް އުޅެފައިވަނީ އަލަމްގީރު އުޅުނު ގެ ބަލަހައްޓަމުން ދިޔަ މީހާ ކަމަށް ފުލުހުންނަށް ދިން ބަޔާނެއްގައި އޭނާ ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން