ދަރިވަރުންނަށް މިހާރު ބޭނުންވަނީ ފަންނުވެރިކަމާއި ޓެކްނޮލޮޖީއާއި، އުފެއްދުންތެރިކަމުގެ ހުނަރު ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު އަލީ ވިދާޅުވީ ހަލުވި ދުވެއްޔެއްގައި ތަރައްޤީވަމުންދާ ދުނިޔެއަށް ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާ ކުރުމަށްޓަކައި ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ.

އެގޮތުން މީގެކުރިން ޗޯކާއި ބޯޑުން ފުދުނުކަމުގައިވިޔަސް މިއަދުގެ ދަރިވަރުންނަށް ބޭނުންވަނީ ފަންނުވެރިކަމާއި ޓެކްނޮލޮޖީއާއި، އުފެއްދުންތެރިކަމުގެ ހުނަރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އިހުގައި ކުލާހުގެ ހަތަރު ފާރުގެ ތެރެއިން ފިލާވަޅު ނަގައި ދެވުނު ކަމުގައިވިއަސް އަދުގެ ދަރިވަރުންނަށް އުޅެން ދިމާވެފައިވަނީ ޓެކޮނޮލޮޖީގެ ވެއްޓެއްގައިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ ތަޢުލީމީ ދާއިރާއަށް އަންނަ ކޮންމެ މާނަވީ ބަދަލެއް ތަންފީޒުކުރާ ފަރާތަކީ މުދައްރިސުންކަމަށެވެ. އެގޮތުން ޤައުމު ގެންދާން ބޭނުންވާ މިސްރާބު، ޙަޤީޤަތުގައި އަމާޒުކުރާ ފަރާތަކީ މުދައްރިސުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ދަރިވަރުންގެ ދިރިއުޅުމުގައި، އެކުދީންނަށް އެންމެ ނުފޫޒު ފޯރާ އުމުރުފުރާގައި، އެކުދިންނާ ބައްދަލުވާ މުދައްރިސުންނަކީ އެކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރާ ފަރާތްކަން ފާހަގަކުރައްވާފައެވެ.

"ތިޔަ މުދައްރިސުން ދެއްކި ނަމޫނާ ނޫން އެހެން އުޅުމެއް އެކުދީންގެ ފަރާތުން، ފަހަކުން ނުފެންނާނެ. އިންދި އޮށުގެ ބާވަތަކުން ނޫނީ ގޮވާމެއް ނުކެނޑޭނެ." މިއަދުގެ ޚިޠާބުގައި މިނިސްޓަރ ޑރ.ޢާއިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދަރިވަރުންގެ ގައިގައި އަށަގަންނުވަން ބޭނުންވާ ރިވެތި ސިފަތަކުން މުދައްރިސުން ނަމޫނާ ދައްކަވަންޖެހޭ ކަމަށެވެ. އެގޮތުން ދީނާއި ޤައުމުދެކެ ލޯބިވާ ބަޔަކަށްވުމާއި އެކަކު އަނެކަކަށް އަޅާލުމާއި އިޙްތިރާމްކުރުމާއި އިޤްތިސާދު ކުރުންފަދަ މަކާރިމުލްއަޚްލާޤްގެ އުޅުންތަކުން ފޭރާންލުމުގެ މުހިއްމުކަމުގެ މައްޗަށް މިނިސްޓަރގެ ޚިޠާބުގައި އަލިއަޅުވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު


12

ހުދުހުދު

07-Oct-2022

ފުރަތަމަ އަޚުލާޤުގެ ބިންގާ ދެން ކުރިޔަށް.



ޓްރެންޑިން