ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގައި ހެކިބަސްދެމުން ރައީސް ޔާމީންގެ ބައެއް ދިފާއީހެކިން ދޮގުހެކި ދީފައިވާކަން ސާބިތުކުރުމަށް ދަޢުލަތުން އިތުރުލިޔުންތަކެއް ހުށައަޅައިފިއެވެ.

މިއަދުގެ އަޑުއެހުމުގައި އެ ލިއުންތަކާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޝަރީއަތުގެ މަރުޙަލާގައި ދިފާއުން ހެކި ހުށައެޅިއިރު، އެ ހެކިތައް ހުށައަޅާ ސަބަބުގައި ހުރި ކަންކަމުގެ އިތުރަށްވެސް އަދި އެ ސަބަބުތަކާއި ދެކޮޅަށްވެސް ހެކި ލިބިފައިވާ ކަމަށެވެ.

އެގޮތުން އަލުން ހުށައެޅި ލިޔުންތަކަކީ ދިފާއީ ހެކިންގެ ކްރެޑިބިލިޓީއާ ގުޅޭ ހެކިތަކެއްކަމަށް ދައުލަތުން ބުނެފައިވެއެވެ. އެގޮތުން އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާކެމަަށް ދިފާއީ ހެކިން ބުނެފައިވާތީ އެކަން ނަފީ ކުރުމަށް ދައުލަތުން ވަނީ ޔައުމިއްޔާތަކެއް ހުށައަޅާފައެވެ. ހަމައެއާއެކު މައްސަލާގައި ހެކިބަސްދިން އަޙްމަދު ނަރީޝްގެ ހާޒިރީ ރިޕޯޓެއްވެސް ދައުލަތުން ކޯޓަށް ހުށައެޅިއެވެ. ނަރީޝް ރައީސް ޔާމީނަށް އެކިކަންކަމުގައި އެހީތެރިކަން ދެއްވިކަމަށް ބުނާ މުއްދަތުގައި ނަރީޝް ހުންނެވީ ސިފައިންގެ ވަޒީފާގައެވެ.

ދަޢުލަތުން ހުށައެޅި ލިޔުންތަކާގުޅިގެން ދިފާއުން ވަނީ ދައުލަތުގެ އެ ލިއުންތައް ބަލައިނުގަތުމަށް ޝަރީއަތުގައި އެދިފައެވެ. މިއީ ދައުލަތަށް އެފަދަ ހެކި ހުށައެޅޭނެ މަރުޙަލާއެއް ނޫންކަމަށް ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވިއެވެ. ރައީސް ޔާމީނާއި ޔޫސުފް ނައީމްގެ ވަކީލުން މިއަދު ވިދާޅުވީ، ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ. ހަމައެއާއެކު ރައީސް ޔާމީންގެ ފަރާތުން ވާނީ ކޯޓުގެ ޓްރާންސްކްރިޕްޓުތައް ހޯދުމަށް ސިޓީއަކުން އެދިފައިކަމަށް ވަކީލުން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކާއި ގުޅިގެން ޚަސްމުން އެދިއްޖެނަމަ ޝަރީއަތުގެ މަޖިލީހުގެ ރިކޯޑިންގްތައް އަޑު އެހުމުގެ ފުރުސަތު އަދި ލިޔެފައިވާ ބަޔާންތައް ބެލުމުގެ ފުރުސަތު އެފަރާތަކަށް ކޯޓުން ދޭންވާނެކަމަށެވެ. ހަމައެއާއެކު ކުށަކުން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބެންޖެހޭކަމަށާއި ކުއްލިއަކަށް ލިޔެކިއުންތަކެއް ހުށައެޅުމުން މަސައްކަތް އިތުރަށް ބުރަވާކަން ދިފާޢުން ފާހަގަކުރެއްވިއެވެ.

ދެފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރައްވައި އިސްޤާޟީ އަހުމަދު ޝަކީލު ވިދާޅުވީ، ލިއުންތަކާމެދު ގޮތެއް ނިންމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނެ ކަމަށެވެ. ދެން އަޑުއެހުމެއް އޮންނާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން